ENGLISH
03 ޖުލައި 2025
ދެމެހެއްޓެނިވި ތަރައްޤީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު: ނައިބް ރައީސް
02 ޖުލައި 2025
|
ދެމެހެއްޓެނިވި ތަރައްޤީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ އިތުރު ހަރަކާތެއްގެ ގޮތުގައި، "ބްލެންޑެޑް ފައިނޭންސް އޮޕޮޗުނިޓީ ފޯ މެރީން ބަޔޯ ޑައިވަރސިޓީ: ކޭސް ސްޓަޑީ އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިންގ" ގެ ނަމުގައި ދިވެހި ރާއްޖެއިން ބޭއްވި ސައިޑް އިވެންޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރުކަމުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާވެފައިވަނީ، ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތު އަދި ޚާއްޞަ ސިފަތަކުގެ މައްޗަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވަނީ މުރަކަ ހުދުވުމުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑިކަމުގައިވަ "ކަނޑުގެ ދިރުން" ތައް ހިމާޔަތް ކުރަން އެކަށީގެންވާ ފަންޑިންގ ނުލިބޭކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިކަން ބަދަލުކުރަންޖެހޭނެކަން ފާހަގަކުރައްވަމުން، މިއީ ޤަބޫލުފުޅުކުރެއްވޭނެ އަދި ދެމެހެއްޓެނިވި ގޮތެއް ވެސް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ރާއްޖޭގެ މުރަކަ ހިމާޔަތްކުރުމަށް، އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރެއްވިކަން އިޢުލާނުކުރައްވާފައެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ރިސްކް އަގުކުރުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ އެހީގެ ޒަރީޢާއިން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް، މާލީއެހީ ހޯދުމަށް ހުރި ހުރަސްތައް ފޫބެއްދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ސަބަބުން ބްލޫ އިކޮނޮމީގެ ތެރޭގައި ހިންގާ ކުދި، އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް ބޭނުންވާ މާލި އެހީ ލިބުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން މީގެސަބަބުން ލޯނު ދޫކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ވުނަކުރުމަށް މާލީ ދާއިރާއިން ފުރުސަތުތައް އުފެއްދުމަށްވެސް މަގުފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ނާޒުކުކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ޤައުމުތަކަށް ތަރައްޤީއަށް ބޭނުންވާ މާލީ އެހީ ލިބުމަކީ މި ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދުނިޔޭގެ މާލީއެހީގެ ނިޒާމު އިޞްލާޙުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ.