ENGLISH

02 ޖުލައި 2025

Advertisement

އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ޚާއްސަ އިސްކަންދެއްވާ: ނާއިބު ރައީސް

01 ޖުލައި 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް -- ފޮޓޯ: ރައީސް އޮފީސް

އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ، ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި، އިސްތިރާޖީ ރޭވުމާއި ދެމެހެއްޓެނިވި ވުނޭރުކަމުގެ އެހީގައި ތަރައްޤީ ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްވެވި ޕްލެނަރީ ބަޔާނުގަ އެވެ.

ނާއިބު ރައީސްގެ ބަޔާނުގައި، މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދާކަން ފާހަގަކުރެއްވި އެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ނިޒާމީ ގޮތުން ހުރަސްތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައިވެސް، ދިވެހި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އެގޮތުން، ބައިނަލްއަޤުވާމީ ބަންކަރިންގ ޚިދުމަތްތައް ޤާއިމުކުރުމާއި، ދިގު މުއްދަތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އަގު އެއްކުރެވިފައިވާ ބާވަތްތަކުގެ އެކްސްޕޯޓް ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ ދާއިރާއިން ބާއްވާ ގުޅުންތައް އިތުރުކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ މެދުވެރިކޮށް މާލީ ނިޒާމު ޒަމާނީކުރުމަށާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް ސެންޓަރ ފައިނޭންޝަލް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަނީ ޙިއްސާކުރައްވާފަ އެވެ.

އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދެއްވާކަން އެމަނިކުފާނުގެ ވިދާޅުވި އެވެ. މީގެ އިތުރުން، ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވައި، އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރު ތިން ގުނަ އިތުރުކޮށްގެން، އެއަރޕޯޓްގެ ކެޕޭސިޓީ 7 މިލިއަން ފަސިންޖަރުންނަށް އިތުރުކުރުމަށް ތައްޔާރުވަމުންދާ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި މިއީ، 2040 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށާއި، މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސް އަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވާ ނަހަމަކަން ފާހަގަ ކުރެއްވި އެވެ. އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. އަދި ވިދާޅުވީ ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސް އަށް ދަރަނި ނަގަން މަޖުބޫރުވަނީ، އަދި ދަރަންޏަށް ބަރޯސާވާން މަޖުބޫރު ވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީ ކަމަށެވެ. އަދި އެ ސަބަބާހުރެ، އަދިވެސް، މި ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި މި ލަނޑުދަނޑި ޙާޞިލުކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރަން ޖެހޭކަމަށް ވިދާޅުވެ، މިހާރުގެ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމަށް ވަކާލާތު ކުރައްވާފައެވެ. އަދި ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި، ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޖޫން މަހުގެ 30 އިން ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ. އެފް.އެފް.ޑީ.4 ގެ މަޤްޞަދަކީ މާލީ އިޞްލާޙުތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމެވެ. މި މަޝްވަރާތަކުގައި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އދ ގެ ނިޒާމާއި މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު