ENGLISH
03 ޖުލައި 2025
ފަތުރުވެރިކަން ފުޅާކުރުމަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިިދެނީ
29 ޖޫން 2025
|
ވޯޓާ ވިލާގެ ކުރެހުމެއް --
ފަތުރުވެރިކަން ފުޅާކުރުމާއި ސިންދިފާތު ކުރުމަށް އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިިދިނުމަށް ސަރުކާރުން ނިންމަވައިފި އެވެ.
މި ނިންމެވުމަކީ ރާއްޖޭގައި ރިސޯޓްތައް މަދު ހަ އަތޮޅަށް ޓޫރިޒަމް ފުޅާކުރުމަށް ފުރުސަތުތައް ހުޅުވާލުމުގެ މަސައްކަތް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވުމާއި ގުޅިގެން ނިންމެވި ނިންމެވުމެކެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާ އިން ބުނީ ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށައެޅުމުގެ ޤަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކްއިޒިޝަންގެ ޕާ ހެކްޓާ ރޭޓްތައް ކުޑަކޮށްފައިވާ ކަމަށެވެ.
އެގޮތުން ކްލޯޒް ބިޑިންގެ ދަށުން ތ. އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުމާއި ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުމާއި ލ. އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150,000 ޑޮލަރުން 100,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.
އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމުގެ ޤަވާއިދުގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅާއި ތ. އަދި ލ. އަތޮޅާއި އައްޑޫ އަތޮޅުގެ 20 - 40 ހެކްޓަރުގެ ރަށްތަކަަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުމާއި މި ހަ އަތޮޅުގެ 40 ހެކްޓަރަށް ވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2,000,000 ޑޮލަރުން 1,000,000 އެމެރިކާ ޑޮލަރަށް ވަނީ ކުޑަކޮށްފަ އެވެ.
މީގެ އިތުރުން ޑިއުޓީ މަޢާފުކޮށްދޭ ކެޓަގަރީތައް އިތުރުކުރުމާއި އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކިއުޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހި ކުރުން ވެސް ލުއިތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.
މި ލުއިތަކާއެކު ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިން އަދި ކްލޯޒް ބިޑިން އަދި ޙަލާލު ޓޫރިޒަމްގެ މޮޑެލްތައް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ބުންޏެވެ.
އެގޮތުން ކޮންމެ އަތޮޅަކުން ޙަލާލު ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ވަނީ ކަނޑައަޅާފަ އެވެ. އަދި ކްލޯޒް ބިޑިންގެ ދަށުން ހއ. އަތޮޅުން ދެ ޕްރޮޖެކްޓް ހދ. އަތޮޅުން ފަސް ޕްރޮޖެކްޓް އަދި ތ. އަތޮޅުން ތިން ޕްރޮޖެކްޓްގެ އިތުރުން ލ. އަތޮޅުން ދެ ޕްރޮޖެކްޓް ހުޅުވާލާނެ އެވެ.
އޯޕަން ބިޑިންގެ ދަށުން ހއ. އަތޮޅުން ތިން ޕްރޮޖެކްޓާއި ހދ. އަތޮޅުން ފަސް ޕްރޮޖެކްޓާއި ށ. އަތޮޅުން ތިން ޕްރޮޖެކްޓާއި ތ. އަތޮޅުން ދެ ޕްރޮޖެކްޓް އަދި ލ.ބ އަތޮޅުން ޕްރޮޖެކްޓެއް ހުޅުވާލާނެ އެވެ.