ENGLISH
01 ޖުލައި 2025
ޣައްޒާގައި އެހީ ބަލައިދާ މީހުންނަށް އިޒްރޭލުން ޙަމަލާދިނުން ނުހުއްޓި، އިއްޔެ ވެސް 70 މީހަކު ޝަހީދުކޮށްލި
18 ޖޫން 2025
|
ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ މަރުކަޒުތަކަށް އެއްވާ މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައި މައްސަލައިގައި ކަންބޮޑުވުން އިތުރުވެފައިވަނިކޮށް، އިއްޔެ ވެސް ބަޑިޖަހައި 70 މީހުން ޝަހީދުކޮށްލައިފިއެވެ.
އެހީ ބަހާ މަރުކަޒެއްގެ ދޮށަށް އެއްވި މީހުންނަށް އިޒްރޭލުން ޙަމަލާދިނުމުގައި ޑްރޯނާއި ބަރުހަތިޔާރު ވެސް ވަނީ ބޭނުންކޮށްފައެވެ.
ޣައްޒާގެ ޚާން ޔޫނުސްގައި ހުރި މަރުކަޒަށް ދިން އެ ޙަމަލާގައި އެތައް ބަޔަކު ޒަޚަމްވެގެން ފަރުވާދެމުންދާއިރު، ޝަހީދުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ފެށިފަހުން، އެކި ސަރަޙައްދުތަކުގައި ހަމަނުޖެހުންތައް ބޮޑުވެ، ބަޑިޖަހައި އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ.
މިގޮތުން، މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު ޖީއެޗްއެފްއިން އެހީ ބަހަން ފެށިފަހުން، އެހީގެ މަރުކަޒުތަކުގެ ކައިރިން ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 300 އަށް އަރާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިޒްރޭލު ސިފައިންގެ މި ރަހުމުކުޑަ ޙަމަލާތަކުގައި އިތުރު 2،000 އެއްހާ މީހުން ޒަޚަމްވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ޖީއެޗްއެފް ފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.