ENGLISH

10 މޭ 2025

Advertisement

އަންހެނަކު ފުރާޅުމައްޗަށް ވެއްޓުން: މިހާތަނަށް ފުލުހުންނަށް ސުވާލުކުރަން ފުރުސަތެއް ނުލިބޭ

09 މޭ 2025

|

އަޙުމަދު ޙަމީދު

އިމާރާތުގެ މަތީން ގުދަނުގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން މީހާ

އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަޙުޤީގަށް މިހާތަނަށް އެ އަންހެން މީހާއާ ސުވާލު ކުުރުމުގެ ފުރުސަތު ލިބިފައިނުވާ ކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވި، ފުލުހުން ސީންއަށް އެޓެންޑްވި ހިސާބުން ފެށިގެން ވެސް އަންހެން މީހާގެ ބަހެއް ހޯދުމަކީ ތަޙުޤީޤަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައި ނެތް ކަމަށެވެ. އެކަން މަގުފަހިވިހާ އަވަހަކަށް ތަޙުޤީޤުން އަންހެން މީހާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

މިއީ މިހާރުވެސް ހިނގަމުންދާ ތަޙުޤީޤެއް ކަމަށާއި އެގޮތުން، މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ މީހުންނާއި ސުވާލުކޮށް، އެ މީހުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރު ކުރުމަށް ތަޙުޤީޤުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ.

އާއިލާ އިން މަޢުލޫމާތުތަކެއް ހާމަކުރުން

އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނީ ހައްވާ ޔުމްނު ރަޝީދު (21 އަހަރު) އެވެ. އޭނާ ވެއްޓުނު ރޭގެ ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ ބައެއް ވީޑިއޯތައް ވަނީ ޢާންމުކޮށްފަ އެވެ.

އެ ވީޑިއޯތަކުން އޭނާއާއެކު އުޅުނު މީހުންނާއި އެ މީހުން ވަތް ގެތަކާއި އެ ގެތަކުގައި އެ މީހުން ހިންގި ޢަމަލުތައް ވަނީ ހާމަވެފަ އެވެ. ނަމަވެސް ވެއްޓެން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ.

އެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާއިރު ޔުމުނު ގެންދަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ. އެ ތަޙުޤީޤާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ހާމަކުރުމުގެ ކުރީން ޔުމުނު ވާހަކަ ދެއްކި ކަަމަށް ބުނެ އޭނާގެ އާއިލާ އިން ރޭ ވަނީ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފަ އެވެ.

އެ މައުލޫމާތު ހާމަކުރީ އޭނާގެ ދައްތައެކެވެ. ޔުމުނުއާ ހަވާލާދީ އޭނާ ބުނި ގޮތުގައި އިމާރާތުން ޔުމުން ފުންމައެއް ނުލަ އެވެ. އަދި ވީޑިއޯތަކުން ނުފެނުނު ނަމަވެސް އެ އިމާރާތުގައި އިތުރު ހަތަރު މީހަކު ވެސް އުޅުނެވެ. އެ ގެ އަކީ ވެސް އެ މީހުންނަށް އާ ގެއެއް ނޫން ކަމަށާއި ކުރީން ވެސް ގޮސް އުޅޭ ގެެއެއް ކަމަށް ބުންޏެވެ.

އަދި އެ ރޭވެސް އެ ގެއަށް ޔުމުނު ދިޔައީ މި ހާދިސާގައި ތުހުމަތު އޮތް މީހަކު ގޭގެ ލޮކޭޝަން ފޮނުވުމުން ކަމަށް ބުނެފައިވެ އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެގެއަށް ފުރަތަމަ ވަންނަނީ ވެސް ޔުމުނު އެވެ. 

މި ހާދިސާގައި ޔުމުނުއާއެކު އެންމެ ފަހު ވަގުތާ ހަމައަށް އުޅުނު ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް (21 އަހަރު) ވަނީ ހައްޔަރު ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު