ENGLISH
10 މޭ 2025
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިން ވަނަ ބުރު: މިހާތަނަށް 283 ޒުވާނަކު ކުރިމަތިލައިފި
09 މޭ 2025
|
ޒުވާން ޚަތީބުން ޕްރަގްރާމުން ސަނަދު ހާސިލުކުރި ދަރިވަރަކަށް ލިޔުން ހަވާލު ކުރަނީ -- ފައިލް ފޮޓޯ
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ތިންވަނަ ބުރަށް މިހާތަނަށް 283 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
ތިންވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެ އެވެ.
ވަޒީރު ވިދާޅުވީ މި ފަހަރުވެސް ޒުވާނުންގެ ބޮޑު ތަރުޙީބެއް ޕްރަގްރާމަށް ލިބިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 283 ޒުވާނަކު ކުރިމަތިލާފައިވާކަން ފާހަގަ ކުރެއްވި އެވެ.
މި ބުރުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ.
މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ކުދީންނަށެވެ. މި ތަމްރީނުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެކެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރާނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރިންނަށެވެ.
މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.
ފުރަމަ ބުރުގައި 250 ޒުވާން ޚާޠީބުން ވަނީ ތަމްރީނު ކޮށްފަ އެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު އެ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ.
މި ޕްރޮގުރާމުގެ ފުރަތަމަ ދެބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.