ENGLISH
27 މާރިޗު 2025
ނަރީޝްގެ އިސްތިއުފާ ގަބޫލުކޮށްފި، ޚިދުމަތަށް ތަޢުރީފާއި ޝުކުރު
12 މާރިޗު 2025
|
ނަރީޝް
އެންމެ މަޤްބޫލު
މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމުންނާއި މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު ކަމުން އަހްމަދު ނަރީޝް އިސްތިއުފާ ދެއްވުމުން އޭނާގެ އިސްތިއުފާ ގަބޫލުކުރައްވާ އޭނާގެ ޚިދުމަތަށް މާލެ ސިޓީ ކައުންސިލުން ތަޢުރީފު ކޮށްފި އެވެ.
ނަރީޝްގެ އިސްތިއުފާ ގަބޫލުކުރައްވާ މޭޔަރު އާދަމް އާޒިމް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ޑެޕިއުޓީ މޭޔަރުގެ ހައިސިއްޔަތުން މާލެ ސިޓީއަށް ކުރެއްވި އިޚްލާސްތެރި، ބުރަ، މުހިންމު މަސައްކަތްޕުޅަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ޑެޕިއުޓީ މޭޔަރެއްގެ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ވެސް ނަރީޝް ފާހަގަ ކުރެވިފައި ވަނީ ވަރަށް ޒިންމާދާރު އެންމެނާ ވެސް ގުޅިގެން މަސައްކަތް ކުރައްވަން ދެނެވަޑައިގަންނަވާ ޚިޔާލު ތަނަވަސް އަދި ޚިޔާލާއި މަޝްވަރާ ހޯދަން ފަސޭހަ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ނަރީޝް ވަނީ 2021 ވަނަ އަހަރު ބޭއްވުނު ފޯރިގަދަ، ވާދަވެރި ލޯކަލް ކައުންސިލް އިންތިޚާބުގައި، މާފަންނު މެދު ދާއިރާގެ ލޮބުވެތި ރައްޔިތުން، ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިތުބާރަށާއި، ތަނަވަސް އަޣުލަބިއްޔަތަކުން، އެ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް، އިންތިޚާބުކޮށްދެއްވި ކަމަށްޓަކައި އިސްތިއުފާގެ ސިޓީގައި ޝުކުރުއަދާކުރައްވާފައެވެ. އަދި މި މަސައްކަތުގައި އުޅުއްވި ކެމްޕޭނު ޓީމަށް ވެސް ނަރީޝް ވަނީ ޝުކުރުދަންނަވާފައެވެ.
ހަމައެހެންމެ އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށްޓަކައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އެންމެހާ ބޭފުޅުންނަށާއި، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނަރީޝް ޝުކުރު އަދާކުރައްވާފައިވެއެވެ.
މި ސިޓީގައި ނަރީޝް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި ހޭދަކުރެއްވި މުއްދަތަކީ، ވަޒީފާއާއި މަސައްކަތުގެ ދާއިރާއާގައި ހޭދަކުރި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އެކި ދާއިރާތަކުން ތަފާތު އެކި ތަޖުރިބާތަކެއް ކުރެވި، ޝަޚުސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމަށް ދެކޭކަމަށް ވެސް ނަރީޝް ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރިކަން ޢަމަލުފުޅުން ސާބިތުކޮށްދެއްވައި، ރީތި ނަމޫނާ ދައްކަވައި މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއްކަމަށް ވެސް ނަރީޝް ވިދާޅުވެފައިވެއެވެ.
އަދި މާލެ ސިޓީ ކައުންސިލުގެ ހުރިހާ ބޭފުޅުން ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.