ENGLISH

27 މާރިޗު 2025

Advertisement

ފަނޑިޔާރު އަޒްމިރަލްދާގެ މައްސަލަ ކުރިއަށްގެންދިޔައީ އެންމެހައި ހައްގުތައް ފުރިހަމައަށް ދީގެން: ޖޭއެސްސީ

12 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު، ފޮޓޯ: ފައިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާ ގުޅޭ ގޮތުން އެ ކޮމިޝަނަަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔައީ ފަނޑިޔާރަށް ދޭންޖެހޭ ހުރިހާ ހައްގުތަކެއް ފުރިހަމައަށް ފޯރުކޮށްދީގެންކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ. 

ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ގޮތުން ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގަ ފަނޑިޔާރަށް ފޯރުކޮށްދޭންޖެހޭ ހައްގުތައް ލިއްބައިނުދޭކަމަަށް ބުނެ އޭނާގެ ވަކީލުންވަނީ ބަޔާނެއް ނެރުއްވައި ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވާފައެވެ. 

އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތަހުގީގުގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެއްވުމަށް ފަނޑިޔާރު އަޒްމިރަލްދާ އެދިވަޑައިގަތުމުން މާޗު 06، 2025 ވަނަ ދުވަހު އެ ފުރުސަތު ފަނޑިޔާރަަށް ކޮމިޝަނުން ދިން ކަމަށެވެ. 

އަދި އެ ފުރުސަތުގައި އަލްއުސްތާޛު އިބްރާހީމް ޝަމީލު ފަނޑިޔާރުގެ ވަކީލުގެ ގޮތުގައި އޭނާ ހަމަޖެއްސެވިކަން ކޮމިޝަނުން ފާހަގަކުރިއެވެ. 

އަދި މާޗު 11، 2025 ވަނަ ދުވަހު އޮތް ތަހުގީގުގައި ފަނަޑިޔާރު އަޒްމިރަލްދާގެ އަރިހުގައި އޭނާގެ ވަކީލު އިބްރާހީމް ޝަމީލު ބައިވެރިވެވަޑައިގެންނެވި ނަމަވެސް އޭނާ މީޑިޔާތަކަށް ދެއްވި މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫންކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. 

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުން ގާނޫނުން މަތިކޮށްފައިވަނީ ޖޭއެސްސީއާކަން ފާހަގަކުރަމުން ކޮމިޝަނުން ބުނެފައިވަނީ އެފަދަ މައްސަލަތައް ބެލުމުގައި ކޮމިޝަނުން އަމަލުކުރަންޖެހޭ ގޮތާއި، ގާނޫނީ ވަކީލުގެ ފުރުސަތު ދިނުމާއި، ފަނޑިޔާރަކު އައްޔަންކުރާ ގާނޫނީ ވަކީލަށް ވަކީލެއްގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ގޮތުން ފަނޑިޔާރަށް ތުހުމަތުކުރެވޭ މައްސަލައާއި، އެ މައްސަލައިގެ ތަފުސީލު ފަނޑިޔާރާ ހިއްސާކުރުމުން، މައްސަލައާ ގުޅޭ ގޮތުން ތަހުގީގު ކޮމިޓީން ކުރާ ސުވާލުތަކަށް ފަނޑިޔާރު ޖަވާބުދޭންވާނެ ކަމުގައި ބުނެފައިވާކަން ކޮމިޝަނުން ފާހަގަކުރިއެވެ. 

އަދި ގާނޫނުގެ އެ މާއްދާގެ (ބ)ގައި ބަޔާންކުރާ ގޮތުން ފަނޑިޔާރާ ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި ވަކީލާ މަޝްވަރާކުރުމުގެ ހައްގު ފަނޑިޔާރަށް ލިބިފައި އޮވެއެވެ. 

ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މައްދާގެ (ނ)އާއި (ބ)ގައި ގާނޫނީ ވަކީލުންނަށް ކޮމިޝަނުގެ ތަހުގީގުތަކުގައި އަދާކުރެވޭނެ ދައުރު ސާފުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް ޖޭއެސްސީން ބުނެފައިވަނީ ކޮމިޓީން ކުރާ ސުވާލުތަކަށް ޖަވާބުދެއްވާނީ ވަކީލުން ނޫންކަމަށާއި ފަނޑިޔާރު ކަމަށެވެ. ވަކީލުގެ ދައުރަކީ ފަނޑިޔާރު ބޭނުންވެއްޖެ ހާލަތުގައި ފަނޑިޔާރަށް ގާނޫނީ ލަފާ ދިނުން ކަމަށެވެ. 

އަދި ފަނޑިޔާރަށާއި ވަކީލަށް ތަކުރާރުކޮށް ތަހުގީގު ކޮމިޓީން މަޝްވަރާކުރުމުގެ ފުރުސަތު ދިންކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި ބޭނުންފުޅުނަމަ ފަނޑިޔާރު ވަކީލާ ވަކިން މަޝްވަރާކުރުމަށްވެސް ކޮމިޝަނުން ފުރުސަތު އެރުވިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު