ENGLISH
27 ޖުލައި 2026
މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުއްޓަށް ބަދަލުކުރަނީ
27 ޖުލައި 2026
|
މާލޭގެ ވިޔަފާރި ބަނދަރު - ފޮޓޯ: ކޯޕްރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭ ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކަމަށެވެ. މި ބަދަލާއެކު، މާލޭގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ އިތުރަށް ފުޅާވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރަކީ ދިވެހި ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އާއި އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނެ ތަނެއް ކަމަށެވެ. އަދި މި ބަނދަރުގެ ޚިދުމަތްތައް ފެށުމާއެކު، މުދާ ހުސްކުރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިހާރު ހަތް ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު 24 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ އިންތިޒާމު ހަމަޖެހި، މުދާ ރައްކާކުރުމުގެ ލުއިފަސޭހަކަމާއެކު މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން މާލޭގައި ހިންގާ ހޯލްސޭލް ވިޔަފާރިތައް ވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން އަތޮޅުތަކަށް މުދާ ފޮނުވުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމައެއާއެކު، މާލޭގެ ބަނދަރު ސަރަޙައްދުގެ ކާރުބާރު ބޮޑުކަން ކުޑަވެ، އެ ސަރަޙައްދަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް އަމާން އަދި ހިތްފަސޭހަ ތަނަކަށް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.