ENGLISH

26 ޖުލައި 2026

Advertisement

ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ފަށައިފި

26 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ޕޯސްޓް

ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ޕޯސްޓުގެ "ޕިކްޕޯސްޓް" ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް ޕޯސްޓުން މައުލޫމާތު ދިން ގޮތުގައި މި އައު ހިދުމަތާއެކު، ކުޅުދުއްފުށި ސިޓީގެ ޕޯސްޓް އޮފީސް މިހާރު ވަނީ ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު ޕޯސްޓް ކުރުމާއި ޕާރުސަލް ނެގުން ހިމެނޭހެން ޕޯސްޓުގެ އެކި ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޕޯސްޓްއިން ބުނެފައިވެއެވެ. 

ޕޯސްޓުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އަލަށް ތަޢާރަފުކުރި "ޕިކްޕޯސްޓް" ޚިދުމަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕާރުސަލް ބަލައިދާ ފަރާތްތަކުން ކިއުގައި މަޑުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ. މިގޮތުން، ޕޯސްޓުން ފޮނުވާ މެސެޖުގައި ބަޔާންކޮށްފައިވާ ވަގުތުތަކުގެ ތެރޭގައި، ކަސްޓަމަރުންނަށް ފަސޭހަ ކޮންމެ ވަގުތަކު ޕާރުސަލް ނެގުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.

ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މޯލްޑިވްސް ޕޯސްޓް

ކުޅުދުއްފުށި ސިޓީގެ ޕޯސްޓް އޮފީސް މެދުވެރިކޮށް، ރާއްޖޭގެ އެކި ރަށްތަކަށާއި ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ޕޯސްޓް ފޮނުވުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން މެދުނުކެނޑި މިހާރު ވެސް ލިބިގެންދާނެކަމަށް ޕޯސްޓުން ބުންޏެވެ.

މީގެ އިތުރުން، ދިވެހި އުފެއްދުންތެރިންނަށް ހާއްސަ "އީ-ޓީކް" ނުވަތަ "ކޮމިއުނިޓީ އޮންލައިން ޝޮޕް" މެދުވެރިކޮށް ތަކެތި ވިއްކުމަށް ބޭނުންވާ އެހީތެރިކަމާއި، އެ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ޕޯސްޓް އޮފީހުން ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވްސް ޕޯސްޓުން އިތުރަށް ބުނީ، ޕޯސްޓުގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ވިޔަފާރިތަކަށް މަގުފަހިކޮށްދޭ މައިގަނޑު މުއައްސަސާއެއްގެ ގޮތުގައި އެ ކުންފުނިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި މި ބަދަލުތަކާއެކު ޕޯސްޓުގެ ޚިދުމަތްތައް ޒަމާނީވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު