ENGLISH

21 ޖުލައި 2026

Advertisement

ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ސްވިމިންގ އާއި އެތުލެޓިކްސްގައި

21 ޖުލައި 2026

|

އިސްމާއިލް ޝާހު

ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަށް ސްކޮޓްލެންޑަށް ފުރި ރާއްޖޭގެ ސްވިމިންގ ޓީމު --- ފޮޓޯ: އެމްއޯސީ

ސްކޮޓްލެންޑުގެ ގްލާސްގޯގައި ބާއްވާ މި އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ އެތުލެޓިކްސް އާއި ސްވިމިންގ އިވެންޓުތަކުގައި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި އޮފިޝަލުން މިހާރު ވަނީ ސްކޮޓްލެންޑަށް ދިޔުމަށް ފުރާފައެވެ.

މި ގޭމްސްގައި ވާދަކުރާ ސްވިމިންގ ޓީމުގައި 5 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އަމްނާ ތަޒްކިޔާ މިރުސާދު، މެރާލް އައިން ލަތީފް، މުޙައްމަދު ރިހާން ޝިހާމް، ލޫތު މުޙައްމަދު ހުސެއިން އަދި މުޙައްމަދު އާން ހުސެއިނެވެ. މީގެ ތެރެއިން ރިހާން އާއި އާން ވަނީ އެންމެ ފަހުން، 2022 ވަނަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްފައެވެ.

ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމުގައި 8 އެތުލީޓުން ހިމެނޭއިރު، އެ އެތުލީޓުންނަކީ އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަޙްމަދު، އައިޝަތު ޝަބާ ސަލީމް، އައިމިނަތު ލަޔާނާ މުޙައްމަދު، އާދަމް ރިއްފަތު، ހަސަން ސާއިދު އަދި ހުސެއިން ޒީކް ސުއާދެވެ. 

މީގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު ދުވުންތެރިޔާ ސާއިދު ވަނީ 2010، 2014 އަދި 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައިވެސް ވާދަކޮށްފައެވެ. އޭގެ ތެރެއިން 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލީވެސް ސާއިދެވެ. އަދި އެތުލެޓިކްސް ޓީމުގައި ހިމެނޭ ލަޔާނާ ވަނީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައިވެސް ވާދަކޮށްފައެވެ.

ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަށް ސްކޮޓްލެންޑަށް ފުރި ރާއްޖޭގެ ޗެފް ޑި މިޝަން އާއި އޮފިޝަލުން --- ފޮޓޯ: އެމްއޯސީ

މި ގޭމްސްގައި ރާއްޖޭގެ ފަރާތުން ޗެފް ޑި މިޝަނެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ފަޒްނާ ޖަލީލެވެ. 

މިއީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން ޖެހިޖެހިގެން މި މުބާރާތުގައި ވާދަކުރާ ދެވަނަ ފަހަރެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖެއިން ދެ ކުޅިވަރެއްގައި ވާދަކުރާއިރު، އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ގޭމްސްގައި ރާއްޖެއިން ވަނީ ފަސް ކުޅިވަރެއްގައި ވާދަކޮށްފައެވެ. އެއީ ސްވިމިންގ، އެތުލެޓިކްސް، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ބެޑްމިންޓަނެވެ.

މީގެ ކުރިން ވިކްޓޯރިއާގައި ބާއްވަން އޮތް މި ފަހަރުގެ ގޭމްސް، ގްލާސްގޯއަށް ބަދަލުކުރީ އޮސްޓްރޭލިއާއިން މުބާރާތް ބޭއްވޭނެ އިންތިޒާމުތައް ނެތްކަމަށް ބުނުމާ ގުޅިގެންނެވެ. 

ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ ގޮތުގައި 56 މިނިވަން ދައުލަތް އޮތް ނަމަވެސް، މި ގޭމްސްގައި ތަފާތު 74 ވަފުދެއް ވާދަކުރާނެއެވެ. 10 ކުޅިވަރެއްގެ 215 އިވެންޓް ހިމެނޭ މި ފަހަރުގެ ގޭމްސްއަކީ ތާރީޚުގައިވެސް އެންމެ ގިނަ އަދަދެއްގެ ޓީމު ބައިވެރިވާ ފަހަރެވެ. މިއީ 2022 ވަނަ އަހަރު ބާމިންހަމްގައި ބޭއްވި ގޭމްސްގައި ބައިވެރިވި 72 ޓީމަށްވުރެ އިތުރު އަދަދެކެވެ. ކުރިއަށްވުރެ ގިނަ ޓީމުތަކެއް ބައިވެރިވި ކަމުގައި ވިޔަސް، މުބާރާތުގައި ވާދަކުރާ އެތުލީޓުންގެ ޖުމްލަ އަދަދު ވަނީ ގާތްގަނޑަކަށް 3،000 ގެ މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު