ENGLISH
19 ޖުލައި 2026
ކަސްޓަމަރުން ނުހޯދާ ހިދުމަތަށް ފައިސާ ނުކަނޑާނެކަމުގެ ޔަގީންކަން
19 ޖުލައި 2026
|
ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމަށް ކުރި ފުރަތަމަ ދަތުރުގައި މީހުން ރަށަކަށް ފައިބަނީ. -- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ
އެންމެ މަޤްބޫލު
އާރްޓީއެލްގެ ހިދުމަތް ހޯދާފައިވާ ކަސްޓަމަރުންނަށް މީގެ ކުރިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާ ކެނޑުނުކަމުގެ މެސެޖުތަކެއް ލިބެމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުން ނުހޯދާ ހިދުމަތަކަށް ފައިސާ ނުކަނޑާނެކަމުގެ ޔަގީންކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ --- އެމްޓީސީސީން ދީފިއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގެ މެނޭޖަރު މުހައްމަދު ނަޝްމީ ވިދާޅުވީ އާރްޓީއެލްގެ ހިދުމަތް ހޯދާފައިވާ ކަސްޓަމަރުންނަށް މީގެ ކުރިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާ ކެނޑުނުކަމުގެ މެސެޖުތަކެއް ލިބެމުންދާކަމުގެ ޝަކުވާތައް މިދިޔަ ހަފްތާ ބަންދުން ފެށިގެން ލިބެމުންދާކަމަށެވެ. އާރްޓީއެލް ހިދުމަތުގެ ފައިސާގެ މުއާމަލާތުތައް ހިނގަނީ ވަކި ސާވާއެއް މެދުވެރިކޮށްކަމަށާއި، މައްސަލަ ދިމާވީ ސާވާގެ މެއިންޓެނަންސް މަސައްކަތެއް ކުރުމާ ގުޅިގެން ކަމަށް ނަޝްމީ ވިދާޅުވިއެވެ.
"މި މަސައްކަތަށްފަހު އަޅުގަނޑުމެންނަށް ފާހަގަވީ ކަސްޓަމަރުން ކުރިން ކޮށްފައިހުރި ދަތުރުތަކުގެ ފައިސާ ކެނޑުނުކަމުގެ މެސެޖުތަކެއް ލިބެމުންދާކަން، މެއިންޓެނެންސަށް ފަހު ކުރިން ކަސްޓަމަރުން ކުރި ދަތުރުތަކުގެ ޕްރޮސެސްނުވެ ހުރި ޓްރާންސެކްޝަންތައް މިހާރު ޕްރޮސެސްވަމުން ދާތީވެ އެ މެސެޖު އެގޮތަށް ލިބެމުން އެދަނީ، އަޅުގަނޑުމެން މިފުރުސަތުގައިނ ޔަގީންކަން އަރުވަން ބޭނުން އެއްވެސް ކަސްޓަމަރަކު ނުހޯދާ ހިދުމަތަކަށް އެމްޓީސީސީން ފައިސާއެއް ނުކަނޑާނެ، އެ ޔަގީންކަން އަރުވަން،" ނަޝްމީ ވިދާޅުވިއެވެ.
ނަޝްމީ ވިދާޅުވީ މެސެޖުގެ ރެފަރެންސް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންްނަށް ދަތުރުގެ ތަފްސީލު ބަލާލެވޭނެކަމަށެވެ.
"ކަސްޓަމަރުން ކުރި ދަތުރަކަށް ފައިސާ ކެނޑިފައި އިންނާނީ، އިތުރަށް އެންމެ ރުފިޔާއެއްވެސް ކެނޑިފައެއް ނީންނާނެ މިގޮތަށް މެސެޖު ދިޔަނަމަވެސް،" ނަޝްމީ ވިދާޅުވިއވެެ.
އާރްޓީއެލްގެ ޚިދުމަތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެރީއާއި ބަހުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ހިދުމަތުގެ ފައިސާ ދެއްކުމަށް ގިނަ ބަޔަކު ބޭނުންކުރަނީ ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެވެ. މިކަމާ ގުޅިގެން އޮޅުންއަރާ ކަމެއް ވާނަމަ ނުވަތަ އިތުރު މައުލޫމާތެއް ބޭނުންނަމަ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.