ENGLISH

15 ޖުލައި 2026

Advertisement

އުސްގެކޮޅު ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް، ތަނަށް ގެއްލުންދީ ފާރ

14 ޖުލައި 2026

|

ޙުސައިން މަޚްތޫމް

އުސްގެކޮޅަށް ދީފައި ހުރި ގެއްލުންތައް - ފޮޓޯ :ހެރިޓޭޖް

ދިވެހިރާއްޖޭގެ ތާރީހީ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައިކަމުގައިވާ "އުސްގެކޮޅު" ބެލެހެއްޓުމުގައި ސިޓީ ކައުންސިލުން އިހުމާލުވުމުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއްވެ އިމާރާތުގެ ފާރުތަކުގައި ގްރެފިޓީ ކުރެހުމުގެ އިތުރުން އިމާރާތަށް ގިނަ ގެއްލުންތަކެއް ދީފައިވާކަން ހާމަވެއްޖެއެވެ. 

އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު، އައްސުލްތާން ހާޖީ އިމާދުއްދީން (6 ވަނަ) (1893-1903) އިމާރާތްކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ ތާރީހީ ބިނާއެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރު ވެސް ހުޅުވުނު އިމާރާތެވެ.

އެ އިމާރާތުގެ އެތެރޭގެ މަންޒަރުތަކަށް ބަލާލާއިރު، އިމާރާތަށް އެކި ގެއްލުންތައް ވަނީ ދީފައެވެ. 

ސަލްޓަން ޕާކު ތެރޭގައި ހުރި މި އިމާރާތަށް ދީފައި ހުރި ގެއްލުންތަކުގެ ތެރޭގައި ދޮރުގެ ތަޅު ވަނީ ހަލާކުކޮށްލާފައެވެ. އަދި އެތެރޭގެ ފާރުތަކުގައި ސްޕްރޭ ބޭނުންކޮށްގެން ގްރެފިޓީ ކުރަހާފައިވެއެވެ. އިމާރާތް ނުބެލެހެއްޓި މަރާމާތު ނުކުރުމުގެ ސަބަބުން ސްޓްރަކްޗަރ އަށް ވެސް ހުރީ ގެއްލުންވެފައެވެ. ފެނުގެ އަސަރު ކުރުމުގެ ސަބަބުން ފާރުތަކުން ކުލަ ފޮޅުމާއި، އުވަ ފައިބައި ފާރުތަކަށް ގެއްލުންވެފައިވެއެވެ. އިމާރާތުގެ ބޭރުން ބަލާއިރު އާބާތުރަ ފިލުވުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ޔަގީންވެއެވެ. 

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިތަނަށް ގެއްލުން ދީފައިވާތީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ބެލުމުގެ ދަށަށް ގެނައުމަށް މިހާރު ވަނީ ނިންމައިފައެވެ. 

އެ ވުޒާރާއިން ބުނެފައިވަނީ އުސްގެކޮޅަށް ގެއްލުން ދިނުމާއި ގުޅިގެން އެ ވުޒާރާއިން ދަނީ ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި އެވުޒާރާގެ ފަރާތުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން އެވުޒާރާއާއި ތަން ޙަވާލުކޮށްފައިނުވެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ.

މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީޚީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވާ ކަމަށް ތަރިކައާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު