ENGLISH
06 ޖުލައި 2026
ރާއްޖެ ޑިޖިޓަލް ކުރުމަށް އެމްޑީޕީ ސަރުކާރުން ނެގި 154 މިލިއަން ރުފިޔާ ހޯދުމަށް ގޮވާލައިފި
06 ޖުލައި 2026
|
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
އެންމެ މަޤްބޫލު
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކަމަށް ބުނެ އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރުގެ ތެރޭގައި ވޯލްޑް ބޭންކުން ނެގި 154 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ގޮވާލައްވައިފިއެވެެ.
މެމްބަރު މިފަދައިން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅި މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަށް ބަހުސްކުރައްވަމުންނެވެ.
މެމްބަރު ވިދާޅުވީ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ ތިން ވަނަ ދުވަހު އޭރު އޮތް އެމްޑީޕީ ސަރުކާރުން ރާއްޖެ ޑިޖިޓަލް ކުރުމަށްޓަކައި ވޯލްޑް ބޭންކުން 154 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.
ދުނިޔޭގެ ބޭންކާއެކު އެއްބަސްވުންތައް ހަދައިގެން ފައިސާ ހޯދި ނަމަވެސް އެ ފައިސާއިން ކުރި ކަމެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
""ލާރިވީތަން އަޅުގަނޑުމެން އެބަޖެހޭ ހޯދަން، މި ސަރުކާރަށް އަޅުގަނޑު ގޮވާލަން ޑިޖިޓަލް ރާއްޖެއަކަށް މި ރާއްޖެ ބަދަލުކުރުމަށްޓަކައި ވޯލްޑް ބޭންކުން ނެގި ލާރި ވީތަނެއް ހޯދަން." - ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
ސަރުކާރުން ހުށަހަޅާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލަކީ އީ-ވޯޓިންއަށް ދާން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ލުއިފަސޭހަކަން ހޯދައިދީ، ރާއްޖެއަކީ "ޕޭޕާލެސް" ގައުމަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ" ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ބިލުގެ ބޭނުމަކީ އިތުބާރުހިފޭ، ސަލާމަތްތެރި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދެވޭނެ ޑިޖިޓަލް ގަވަނަންސްގެ ނިޒާމެއް ގާއިމުކުރުމަށާއި، "ޑިޖިޓަލް ފަސްޓް" ސިޔާސަތެއްގެ ދަށުން ދައުލަތުގެ ހިދުމަތްތަކާއި އިދާރީ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައްޓަންކުރުމަށްޓަކައި، "މޯލްޑިވްސް 2.0" ގެ ނަމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމެއް އެކަށައެޅުމެވެ.
އަދި އެ ޕްރޮގްރާމް އަދި ޑިޖިޓަލް ގަވަނަންސްގެ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށާއި، އެނޫންވެސް ޑިޖިޓަލް ގަވަނަންސްއާ ގުޅޭ ކަންކަން ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.