ENGLISH
03 ޖުލައި 2026
ބަލޮގަންއަށް ދެއްކި ރަތް ކާޑު، އެމެރިކާއަށް ކުރިއަށްދިޔުމަށް ހުރަހަކަށް ވެދާނެ؟
02 ޖުލައި 2026
|
އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
"އަހަރެމެންނަށް ކާމިޔާބު ނުވާންވީ ކީއްވެ؟" މިއީ، އަމިއްލަ ޤައުމުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ކާމިޔާބުކުރުމުގެ ފުރުސަތު އެމެރިކާއަށް އޮތް މިންވަރާ ބެހޭގޮތުން ވާހަކަ ދައްކަމުން، ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކުރި ސުވާލެކެވެ.
މި ސުވާލަކީ މި މުބާރާތުގައި އެމެރިކާ ޓީމުގެ ރޫހު އާލާކޮށްދޭ ޝިއާރަކަށް ވެފައިވާއިރު، ކޯޗުގެ އޮފީހުގައި ހުންނަ ހިތްވަރުދޭ ޕޯސްޓަރެއްގައިވެސް މި އިބާރާތް ލިޔެފައިވެއެވެ.
ނަމަވެސް މުބާރާތުގެ 21 ދުވަސް ފާއިތުވެ، ތާރީޚީ ކާމިޔާބީއާ ހަމައަށް ދިޔުމަށް ކުޅެންޖެހޭ 8 މެޗުގެ ތެރެއިން 4 މެޗު ނިމިފައިވާއިރު، އަދިވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދެވޭކަށް ނެތެވެ. އެ ޓީމު މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރިއިރު، އެންމެ މުހިންމު ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކާފައެވެ.
ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ރޭ ބޮސްނިއާ އެންޑް ހާޒެގޮވީނާ އަތުން އެމެރިކާ ހޯދި މޮޅަކީ އެ ޓީމަށް ހައްގު މޮޅެކެވެ. މި މޮޅާއެކު އަންނަ ހޯމަ ދުވަހުގެރޭ ސިއެޓްލްގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެކަމަކު މި މޮޅާއެކު އެ ޓީމަށް ބޮޑު ގޮންޖެހުމަކާވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.
އާސެނަލްގެ ކުރީގެ ޒުވާން ކުޅުންތެރިޔާ، އުމުރުން 24 އަހަރުގެ ފޮލަރިން ބަލޮގަން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕެރަގުއޭ އަތުން އެމެރިކާ މޮޅުވި މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ. އަދި ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، އޭނާ ވަނީ މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑު ޖަހައި، އެމެރިކާއަށް ލީޑު ނަގައިދީފައެވެ.
އެމެރިކާގެ ބަލޮގަން، ބޮސްނިއާގެ ޑިފެންޑަރު ތާރިކު މުހަރެމޮވިޗަށް ކުރި ފައުލް --- ފޮޓޯ: ގެޓީ
ބޯޅަ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން ބޮސްނިއާގެ ޑިފެންޑަރު ތާރިކު މުހަރެމޮވިޗަށް ކުރި ފައުލަކާ ގުޅިގެން ބަލޮގަންއަށް ސީދާ ރަތް ކާޑެއް ދެއްކިއެވެ. ބަލޮގަން ބޯޅަ ހިފަހައްޓަން އުޅުމުގެ ތެރޭގައި، މުހަރެމޮވިޗް އޭނާގެ ކުރިމައްޗަށް އެރުމުން، ބަލޮގަންގެ ފައި ބިންމަތީގައި ޖެހުނު ވަގުތު ޖެހުނީ ބޮސްނިއާ ކުޅުންތެރިޔާގެ ކުޑަހުޅުގެ ފަހަތުގައެވެ. މީގެ ސަބަބުން އޭނާގެ ކުޑަހުޅަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މެޗު ކުޅެމުންދިޔަ ވަގުތު އެއީ ގަސްތުގައި ކުރި ކަމެއްނޫން ކަމަށް ބެލެވުނު ނަމަވެސް، ބްރެޒިލްގެ ރެފުރީ ރަފައެލް ކްލައުސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ނިންމީ ބަލޮގަންއަށް ސީދާ ރަތް ކާޑެއް ދެއްކުމަށެވެ.
މިއާއެކު ބަލޮގަންގެ ނަން ރިކޯޑު ފޮތްތަކުން ޖާގަ ހޯދިއެވެ. އެއީ ވޯލްޑް ކަޕެއްގައި ތިން ލަނޑު ޖެހި ތިންވަނަ އެމެރިކާ ކުޅުންތެރިޔާގެ ޝަރަފު ހޯދުމުގެ އިތުރުން، ވޯލްޑް ކަޕުގެ ނޮކްއައުޓް މެޗެއްގައި ލަނޑު ޖެހުމަށްފަހު ރަތް ކާޑު ދެއްކި ހަތަރުވަނަ ކުޅުންތެރިޔާއަށް ވުމެވެ. މީގެ ކުރިން މިފަދަ ކަމެއް ދިމާވެފައިވަނީ 1962 ގައި ބްރެޒިލްގެ ގަރިންޗާ، 2002 ގައި ރޮނާލްޑީނިއޯ އަދި 2006 ގައި ފްރާންސްގެ ޒައިނުއްދީން ޒިދާނަށެވެ.
މި ރަތް ކާޑުގެ ސަބަބުން ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އަދި ފީފާއިން މި ސަސްޕެންޝަން އިތުރުކޮށްފިނަމަ، ކުއާޓާ ފައިނަލް ނުވަތަ ސެމީ ފައިނަލަށް އެމެރިކާ ދިޔަ ނަމަވެސް، އޭނާއަށް އެ މެޗުތަކުގައި ނުކުޅެވުމުގެ ބިރު އެބައޮތެވެ.
އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ރެފުރީ ރަތް ކާޑު ދައްކަނީ --- ފޮޓޯ: އޭޕީ
ބަލޮގަންގެ ބަދަލުގައި ދެން އެންމެ ފުރުސަތު ބޮޑީ ރިކާޑޯ ޕެޕީއަށެވެ. ނަމަވެސް އޭނާއަށް މި މުބާރާތުގައި ކުޅުނު 184 މިނެޓުގެ ތެރޭގައާއި އޭގެ ކުރިން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގައިވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.
އެމެރިކާގެ ޑިފެންޑަރު ކްރިސް ރިޗަޑްސް ބުނީ މުޅި ޓީމު އޮތީ ބަލޮގަންއާއެކު ކަމަށެވެ. "އަހަރެމެން ބުނިން، އޭނާގެ ފަހަތުގައި އަހަރެމެން އެބަތިބި ކަމަށް. މިއީ އެކަކުގެ ޓީމެއް ނޫން، މިއީ 26 ކުޅުންތެރިންގެ ޓީމެއް. އޭނާ ނެތްތަން ދެން އަރާ ކުޅުންތެރިޔާ ފޫބައްދާނެ،" ރިޗަޑްސް ބުންޏެވެ.
ކޯޗު ޕޮޗެޓީނޯ ބުނީ، ބަލޮގަންއަށް ރަތްކާޑު ދެއްކި ވަގުތަކީ ޓީމުގެ ބަދަހިކަން ދައްކަންވީ ވަގުތު ކަމަށާއި، ކުޅުންތެރިން ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ ކުރީގެ ފޯވާޑް ސޫ ސްމިތު ބުނިގޮތުގައި، ރަތް ކާޑަށްފަހު އެމެރިކާގެ ކުޅުންތެރިން ދެއްކި ހިތްވަރުން އެނގެނީ ބެލްޖިއަމާ ދެކޮޅަށް އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިދާނެކަން ކަމަށެވެ.
"ބަލޮގަންއަށް ރަތް ކާޑު ދެއްކުމުން، އެމެރިކާގެ ކުޅުންތެރިން ފެނުނީ ވަރަށް ޕްރޮފެޝަނަލްކޮށް. ޑިފެންސް ވަރަށް ވަރުގަދަ. އެމެރިކާ މޮޅުވީ ހައްގު ގޮތުގައި،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެމެރިކާ ކުޅެމުންދާ ގޮތާއި، މިހާތަނަށް އައިސްފައިވާ ހިސާބުން ބައެއް މީހުން ހައިރާންކޮށްލާފައިވާ ކަމަށާއި، ބެލްޖިއަމަށް އެމެރިކާގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށެވެ.