ENGLISH
03 ޖުލައި 2026
ސްޕެއިން ބަލިކުރެވޭނީ ޔަމާލް ހުއްޓުވައިގެން: ރަންގްނިކް
02 ޖުލައި 2026
|
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްޓްރިއާގެ ކޯޗު، ރަންގްނިކް ވާހަކަ ދައްކަނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ސްޕެއިން ބަލިކުރުމަށްޓަކައި އެންމެ އިސްކަމެއް ދޭން ޖެހެނީ އެ ޓީމުގެ ތަރި، ލަމީން ޔަމާލް ހުއްޓުވުމަށް ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރަންގްނިކް ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން ސްޕެއިނުގެ ތަރި، ޔަމާލްގެ ކުޅުން ބަލަން ބޭނުންވި ނަމަވެސް، އޭނާގެ ހުނަރު ދެއްކިޔަނުދީ ހުއްޓުވުމަކީ އޭނާގެ ޓީމުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
"ލަމީން ޔަމާލަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް. އަދި ކުރިއަށް އޮތް 12، 13 ނުވަތަ 14 އަހަރު، ފަހަރުގައި އެއަށްވުރެ ގިނަ ދުވަހުވެސް އޭނާ އެގޮތުގައި ދެމިހުރެދާނެ،" ރަންގްނިކް ބުންޏެވެ.
ރަންގްނިކް ބުނީ ޔަމާލަށް ފިޓްކޮށް ހުރެވިއްޖެނަމަ، ކުޅުމަށް އިތުރަށް ސަމާލުކަން ދީގެން ކުރިއަށް އޮތް ތާނގާއި އަދިވެސް ގިނަ މެޗުތަކެއް ކުޅެވޭނެ ކަމަށެވެ. ޔަމާލަކީ އޮސްޓްރިއާއިން ވަރަށް ބޮޑަށް ސަމާލުވާނެ ކުޅުންތެރިއެއް ކަމަށާއި، އެ މެޗުގައި އެންމެ މުހިއްމު ކަމަކަށް ވެގެންދާނީ އޭނާ އަށް ހުސްޖާގަތައް ނުދީ ބޯޅައާއެކު ކުޅޭނެ ފުރުސަތު ވީހާވެސް މަދުކުރުން ކަމަށް ރަންގްނިކް ބުންޏެވެ.
އުރުގުއޭގެ ކުޅުންތެރިއެއް ކައިރިން ސްޕެއިނުގެ ޔަމާލް (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ --- ފޮޓޯ: އޭޕީ
ރަންގްނިކް ބުނީ ކޮންމެ ގައުމެއްގެ ސަޕޯޓަރަކަށް ވީނަމަވެސް، ޔަމާލަކީ އެ ކުޅުންތެރިއެއްގެ ކުޅުން ބަލާލަން ބޭނުންވާނެ ފަދަ ހުނަރުވެރިއެއް ކަމަށެވެ. ނަމަވެސް، އޮސްޓްރިއާގެ މަސައްކަތަކީ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާގެ ފައިގައި ބޯޅަ ޖެހޭ މިންވަރު ވީހާވެސް މަދުކުރުން ކަމަށް އޭނާ ފާހަގަކުރިއެވެ.
އޮސްޓްރިއާއިން މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ހަ ލަނޑު ޖަހާފައިވާއިރު، މިއީ ސްޕެއިނަށްވުރެ އެއް ލަނޑު އިތުރު އަދަދެކެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބަލިނުވެ 34 މެޗު ހަމަކޮށްފައިވާ ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ޓީމުގެ ފެންވަރު މިހާރަށްވުރެ މަތިކުރަންޖެހޭނެ ކަމަށް ރަންގްނިކް ގަބޫލުކުރެއެވެ.
ރަންގްނިކް ބުނީ ސްޕެއިން ބަލިކުރުމަށްޓަކައި އޭނާގެ ޓީމުން މިހާރަށްވުރެ ބޮޑުތަނުން ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށާއި، އެގޮތުން އިތުރު ހަރުފަތަކަށް އޮސްޓްރިއާގެ ކުޅުން މަތިކުރަން ޖެހޭނެ ކަމަށެވެ.
ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އާއި އުރުދުން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ ކުރީން ނޫސްވެރިންނާ ވާހަކަ ދައްކަމުން އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ ބުނީ، ސްޕެއިނަކީ ވަރަށް ބަލާހިތްވާ ކަހަލަ ގޭމެއް ކުޅޭ ޓީމެއް ކަމަށާއި، ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ކޮންމެ ވަގުތެއްގައިވެސް ނަތީޖާ ބަދަލުކުރެވޭނެ ފެންވަރުގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި އެބަތިބި ކަމަށެވެ. އެހެންކަމުން އޮސްޓްރިއާ ޓީމުން ފަސްނުޖެހި ސާބިތުކަމާއެކު މެޗުގައި ކުޅެގެން ކާމިޔާބީ ހާސިލުކުރަން މަސައްކަތްކުރާނެ ކަމަށް އަލަބާ ބުންޏެވެ.
އޮސްޓްރިއާއިން މި މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ޑިފެންޑަރު ފިލިޕް މުވީންއަށް މި މެޗުގައި ނުކުޅެވޭނެއެވެ. އެހެންނަމަވެސް ރަންގްނިކް ބުނީ މުހިންމު ކުޅުންތެރިއަކަށް ނުކުޅެވޭ ހާލަތުގައި ބޭނުންކުރެވޭނެ ރަނގަޅު އެހެން ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށާއި، މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމަކާ ދެކޮޅަށް ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ސްޕެއިނާ ދެކޮޅަށް އޮސްޓްރިއާ ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މެންދަމު 12 ޖަހާއިރު އެވެ.