ENGLISH

03 ޖުލައި 2026

Advertisement

ބޮސްނިއާ ބަލިކޮށް، އެމެރިކާ ގަދަ 16 އަށް

02 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ވޯލްޑް ކަޕުގައި ބޮސްނިއާ ކޮޅަށް ލަނޑު ޖެހުމަށްފަހު އެމެރިކާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި، ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އެމެރިކާ އިން އެ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗުން އެމެރިކާ މޮޅުވީ 2-0 އިންނެވެ. 

މިއީ މިދިޔަ 24 އަހަރުގެ ތެރޭގައި ނޮކްއައުޓް ބުރުގައި އެމެރިކާގެ ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މިއީ ޔޫރަޕްގެ ޓީމުތައް އަތުން ޖެހިޖެހިގެން 10 މެޗުން ބަލިވުމަށްފަހު އެ ބައްރުގެ ޓީމެއް އަތުން އެމެރިކާގެ ފުރަތަމަ މޮޅެވެ. މިއީ މި މުބާރާތުގެ ނޮކްއައުޓް ބުރުގައި ބޮސްނިއާގެ ފުރަތަމަ މެޗެވެ.

ސެން ފްރާންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ބޮސްނިއާ އިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގެ ކުރީކޮޅު އެ ޓީމުން އެމެރިކާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ދެ ބޯޅައެއް ކީޕަރު މެޓް ފްރީސް ވަނީ މަތަކޮށްފަ އެވެ.

ވޯލްޑް ކަޕުގައި ބޮސްނިއާ އާއި އެމެރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

އޭގެފަހުން، މެޗުގެ 31 ވަނަ މިނެޓުގައި އެމެރިކާގެ ފޯވަޑް، ފޮލަރިން ބަލޮގަން ގޯލެއް ކާމިޔާބުކުރިނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެމެރިކާ އަށް ލީޑުނަގައިދިނީ ވެސް ބަލޮގަން އެވެ. މިއީ ބޮސްނިއާގެ ފަހަތުން ފޮނުވާލި ބޯޅައެއް ހޯދުމަށްފަހު އެމެރިކާގެ ޓިމް ރީމް އާއި ޓައިލާ އެޑަމްސް އަދި މަލިކް ޓިލްމަން ގުޅިގެން އުފެއްދި އެޓޭކެއްގައި ބޮސްނިއާގެ ޑިފެންސްތެރެއިން ލިބުނު ބޯޅައަކުން ބަލޮގަން ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.

އޭގެފަހުން، މި ހާފުގެ އިތުރުވަގުތުގެ ތެރޭގައި ބަލޮގަން ވަނީ ދެވަނަ ގޯލެއް ޖަހައިދިނުމާ ގާތަށް ޖެހިލައިފަ އެވެ. މިފަހަރު ބަލޮގަން ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.

ދެވަނަ ހާފު ފަށައިގެން އެމެރިކާ އިން ޑޮމިނޭޓްކޮށްފައިވާއިރު، 64 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް، ބަލޮގަން އަށް ސީދާ ރަތެއް ދެއްކުމުން ބޮސްނިއާ އަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ. ބޮސްނިއާގެ ތާރިކް މުހަރެމޮވިޗަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ބަލޮގަން އަށް ރަތް ކާޑު ދެެއްކީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

ވޯލްޑް ކަޕުގައި ބޮސްނިއާ އާއި އެމެރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ރޮއިޓަރސް

އެމެރިކާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަނަމަވެސް، އޭގެ މާބޮޑު ފައިދާއެއް ބޮސްނިއާ އަށް ނުނެގުނުއިރު، މެޗުގެ 78 ވަނަ މިނެޓުގައި ވެސް އެމެރިކާ އިން ލަނޑެއްޖެހި އެވެ. އެހެންނަމަވެސް، ކްރިސްޓިއަން ޕުލިސިކް ކާމިޔާބުކުރި ގޯލު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.

މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، އޭރިއާ ބޭރުން ފޮނުވާލި ހިލޭޖެހުމަކުން އެމެރިކާ އަށް މޮޅު ކަށަވަރުކޮށްދިނީ ޓިލްމަން އެވެ.

މި މެޗުން މޮޅުވެ، ތާރީޚީ ކާމިޔާބީއަކާއެކު އެމެރިކާ އިން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ދަތުރުކުރިއިރު އެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ބަލޮގަން އަށް ނުކުޅެވޭނެ އެވެ.

މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެމެރިކާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ކުޅޭ އެ މެޗުގައި ބެލްޖިއަމާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 7 ވަނަ ދުވަހު ރާއްޖެގަޑިން ފަތިހު 5 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު