ENGLISH

23 ޖޫން 2026

Advertisement

އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތް ޖުލައި މަހު އައްޑޫގައި ފަށަނީ

23 ޖޫން 2026

|

އާމިނަތު ނުޒްލާ

އެންސްޕާ-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އައްޑޫ ސިޓީގައި ކޯލްސެންޓަރުގެ ޚިދުމަތް އަންނަ ޖުލައި މަހު ފަށާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ. 

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވީ، އައްޑޫ ސިޓީގެ ކޯލް ސެންޓަރގެ ޚިދުމަތް ގާއިމްކުރެވި، ކޯލްސެންޓަރުގެ ހިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުވުމުން ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެންސްޕާއިން ދެމުން އަންނަ ހިދުމަތްތަކަށް، މިހާރު ވަން ގަވް މެދުވެރިކޮށް ފޯމް ހުށަހެޅެއެވެ. އެގޮތުން ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ އާއި، ތެލެސީމިއާ އެލަވަންސާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ޕްރޮގްރާމާއި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދޭ މާލީ އެހީގެ ޕްރޮގްރާމަށް ވަންގަވް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އެންސްޕާގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް، އެ އެޖެންސީގެ ހޮޓްލައިން ނަންބަރު "1402" އަށް ގުޅައިގެން ސާފުކުރެވޭނެއެވެ. އެގޮތުން މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މާލީ އެހީ، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން އެންސްޕާގެ ޚިދުމަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ހޮޓްލައިންއަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު