ENGLISH
23 ޖޫން 2026
ޕޮލިޓެކްނިކްގައި ތަރައްގީކުރާ ކަލްޗަރަލް ސެންޓަރު ނޮވެމްބަރުގައި ހުޅުވަނީ
23 ޖޫން 2026
|
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: މަޖިލިސް އިދާރާ
އެންމެ މަޤްބޫލު
ޕޮލިޓެކްނިކްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަލްޗުރަލް ސެންޓަރ، މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޤާއިމްކުރާނެ ކަމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި، ފޭލިވިޔުމުގެ މަސައްކަތް ރާއްޖޭގައި އޮތް މިންވަރާއި، އެ މަސައްކަތް އާލާކުރުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވާފައިވެއެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން، ޒިޔާއު ވިދާޅުވީ ޕޮލިޓެކްނިކްގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗްރަލް ސެންޓަރ ޤާއިމްކުރުމާއިއެކު، ފޭލިވިޔުމުގެ މަސައްކަތް ދިރުވާ އާލާކުރުމުގެ މަސައްކަތް އެ ތަނުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ހަމައެއާއެކު ފޭލިވިއުމުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ޒިޔާއު ފާހަގަކުރެއްވިއެވެ.
ޒިޔާއު އިތުރަށް ވިދާޅުވީ، ތުޅާދޫ އާއި ގައްދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަލްޗްރަލް ސެންޓަރ ހުޅުވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގައި ކަމަށެވެ.
އެ ދެ ސެންޓަރުގައިވެސް ފޭލިވިޔުމަށް ޚާއްސަ މެޝިންތައް ބަހައްޓާ، އެ މަސައްކަތް އުނގަންނައިދެވޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އިތުރަށް ފާހަގަކުރެއްވީ މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމެވެ.
"އަޅުގަނޑުމެންނާއި އެކު އެބަ މަސައްކަތް ކުރޭ މެކްސް ޖަމިއްޔާއިން. މިކަހަލަ މަސައްކަތް ކުރާ ވަރަށް ގިނަ މީހުންނާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރިއަށް އެބަދޭ." ޒިޔާއު ވިދާޅުވިއެވެ.
ފޭލި ވިޔުން ފަދަ، ނެތެމުންދާ މުހިންމު މަސައްކަތަކާއި، ސަޤާފަތްތައް ދިރުވާ އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެކު ޚާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރާ، ކަލްޗުރަލް ސެންޓަރތަކުގެ ސަބަބުން ނެތެމުންދާ ސަޤާފަތް ދިރުވާ އަލާކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.