ENGLISH
20 ޖޫން 2026
ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިފި
19 ޖޫން 2026
|
މިއަދު ކުރިއަށްގެންދާ ފަރުމަސްވެރިކަމުގެ މުބާރާތުގެ ތެރެއިން. ފޮޓޯ؛ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ.
އެންމެ މަޤްބޫލު
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ރަށު ކައުންސިލްތަކުން އިންތިޒާމުކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ފަށައިފި އެވެ.
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.
މި މުބާރާތުގައި މާލޭ ސަރަހައްދުން 18 ޓީމު ބައިވެރިވެއެވެ. މި ޓީމުތަކުގައި ޖުމްލަ 190 މީހުން ހިމެނެއެވެ. އަދި 64 ރަށަކުން 91 ޓީމު ބައިވެރިވެއެވެ.
މަސްރޭހުގެ ބައިވެރިން ފުރާފައިވަނީ މިއަދު މެންދުރުފަހު 3:30 ގައެވެ. އަދި އެނބުރި އަންނާނީ މިރޭ 21:30 ގައެވެ.
މިމުބާރާތް ސްޕޮންސާ ކޮށްފައިވަނީ، ބެންކް އޮފް މޯލްޑިވްސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ، މިފްކޯ، ސަން އިންޓަނޭޝަނަލްސް، ހޮރައިޒަން ފިޝަރީޒް، ލިލީ އިންޓަނޭޝަނަލްސް، އޯޝަން ވޯރިއާސްގެ އިތުރުން އެމްޕީއެލް އަދި ދިރާގުންނެވެ.
ވުޒާރާއިން ބުނީ މުބާރާތުން 1 ވަނައަށްދާ ޓީމަކަށް 30000 ރުފިޔާ، 2 ވަނައަށްދާ ޓީމަކަށް 25000 ރުފިޔާ އަދި 3 ވަނައަށް ދާ ޓީމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެންމެ ބަރު މަސް ބާނާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެޗްޑީސީގެ ފަރާތުން މާލެ ސަރަހައްދުން ވަނަތަކަށް ދާ ފަރާތްތަކަށް ހާއްސަކޮށް އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުން 1 ވަނައަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި 3 ވަނައަށް 5،000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މާލެ ސަރަހައްދުން ބައިވެރިވާ ޓީމަކުން އެންމެ ބަރުމަސް ބާނާ ފަރާތަކަށް 2،000 ރުފިޔާ އެޗްޑީސީން ހުށަހަޅާފައިވެއެވެ.
މުބާރާތުގައި ޓީމުތަކަށް ޕޮއިންޓް ދޭނީ ބޭނިމަސް ނިސްބަތްވާ ކެޓަގަރީއާއި ބަރުދަނަށް ބެލުމަށްފަހު ކަމަށް ވުޒާރާއިން މައުލޫމާތުދެއެެވެ.
ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކީ ރާއްޖޭގެ މަސްވެރިކަމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ބާއްވާ ހަރަކާތެކެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު ފަރުމަސްވެރިކަމުގެ މުބާރާތުގެ އިތުރުން މާދަމާ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ހުޅުމާލޭ ދިރާގު ބީޗުގައި "އޯޝަން ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.