ENGLISH
18 ޖޫން 2026
ޑިއާޒް ވިދާލި މެޗުގައި ކޮލަމްބިއާއިން އުޒްބެކިސްތާން ބަލިކޮށްފި
18 ޖޫން 2026
|
އުޒްބެކިސްތާން ކޮޅަށް ލަނޑުޖެހުމަށްފަހު ކޮލަމްބިއާގެ ޑިއާޒް އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
މެދުކެނޑުމަކަށްފަހު ފީފާ ވޯލްޑް ކަޕަށް ކޮލަމްބިއާ އެނބުރިއައި މެޗުގައި އެ ޓީމުގެ ލުއިސް ޑިއާޒް ދެއްކި މޮޅު ކުޅުމާއެކު މުބާރާތުގައި އަލަށް ވާދަކުރި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެއްޖެއެވެ.
މިއީ 2018 ވަނަ އަހަރުގެ މުބާރާތަށް ފަހު ވޯލްޑް ކަޕުގައި ކޮލަމްބިއާގެ ފުރަތަމަ ފެނިލުމެވެ. އެންމެ ފަހުން ކުޅުނު 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިނުވެއެވެ.
މެކްސިކޯގެ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި އެ ޓީމުގެ މިޑްފީލްޑަރު ޖޯން އަރިއާސް ދުރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި ކޮލަމްބިއާ އިން ވަނީ ލީޑުނެގުމާ ގާތަށް ޖެހިލައިފައެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޮލަމްބިއާގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޑިއާޒް ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީދަނޑިއަށެވެ.
ކޮލަމްބިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުޒްބެކިސްތާންގެ ފައިޒުލޭވް އުފާފާޅުކުރަނީ --- ފޮޓޯ: ފީފާ.ކޮމް
މި ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 40 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ކާމިޔާބުކޮށްދިނީ ޑެނިއަލް މުންޔޯޒް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ޑިއާޒް ދިން ހިތްގައިމު ފާހަކުންނެވެ.
ދެވަނަ ހާފު ފަށައިގެން އުޒްބެކިސްތާނުން ނަތީޖާ އެއްވަރުކުރުމަށް ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތްތައް ކާމިޔާބުވާގޮތްވީ، މެޗުގެ 60 ވަނަ މިނެޓުގައެވެ. މިއީ އެ ޓީމުގެ ކެޕްޓަން، އެލްޑޯރް ޝޮމުރޮޑޯވް އަރިމަތިން ހުރަސްކޮށްލި ބޯޅައެއް ޑޮސްޓޮންބެކް ހަމްދަމޯވް ފޮނުވާލުމުން ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ އައްބޮސްބެކް ފައިޒުލޭވް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މިއީ ވޯލްޑް ކަޕުގެ ތާރީހުގައި އެ ޓީމުގެ ފުރަތަމަ ގޯލެވެ.
އެހެންނަމަވެސް، އުޒްބެކިސްތާނުން އެއްވަރުކުރިތާ ފަސް މިނެޓުގެ ތެރޭގައި، ކޮލަމްބިއާ އިން ވަނީ އަލުން ލީޑުނަގައިފައެވެ. މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޑިއާޒް ފޮނުވާލި މި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ އުޒްބެކިސްތާނުގެ ގޯލްކީޕަރު އުޓްކިރް ޔޫސުޕޯވްގެ އަތުގައިޖެހިފައެވެ. މިއީ ވޯލްޑް ކަޕުގައި ޑިއާޒްގެ ފުރަތަމަ ގޯލެވެ.
އުޒްބެކިސްތާނާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފީފާ.ކޮމް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ކޮލަމްބިއާ އިން ޖެހި ތިންވަނަ ލަނޑު، އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން ނިކުތް ޖެމިންޓަން ކަމްޕާޒް އެވެ. އަރިމަތިން ކޫޗޯ ހެނާންޑޭޒް ހުރަސްކޮށްލި ބޯޅައަކުން ކަމްޕާޒް މި ލަނޑުޖެހީ ބޮލުންނެވެ.
މި ނަތީޖާއާއެކު ކޮލަމްބިއާ ވަނީ މުބާރާތުގެ ގްރޫޕް ކޭ ގެ އެއްވަނަ މަގާމަށް ޖެހިލައިފައެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގެ ފޭވަރިޓުން ކަމަށްވާ، ޕޯޗުގަލް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ކޮންގޯއާ އެއްވަރުވެފައެވެ. މިއާއެކު، ޕޯޗުގަލް އާއި ކޮންގޯ އަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
މި މުބާރާތުގައި ކޮލަމްބިއާ އަށް ދެން އޮތީ ކޮންގޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އުޒްބެކިސްތާން ދެން ކުޅޭ މެޗުގައި ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.