ENGLISH
16 ޖޫން 2026
ސްޕެއިންގެ ތަރި ޔަމާލް ހުރީ ފިޓުކޮށް، މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު ބޮޑު
15 ޖޫން 2026
|
ސްޕެއިނުގެ ފަރިތަކުރުންތަކުގެ ތެރެއިން ޔަމާލް --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗަށް ސްޕެއިނުގެ ވިންގް، ލަމީން ޔަމާލް ފިޓްވެފައިވާ ކަމަށާއި، އެހެންނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅެން ނެރުމާމެދު ގޮތެއް ނިންމާނީ ކާބޯ ވާޑޭއާ ދެކޮޅަށް ކުޅޭ މެޗުގެ އޮއިވަރު ދާ ގޮތަކުން ކަމަށް ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.
މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ބުނީ، އޭނާ ދޭން ބޭނުންވާ އުފާވެރި ހަބަރަކީ ޔަމާލް ފިޓްވެފައިވާ ކަމުގެ ހަބަރު ކަމަށެވެ.
އުމުރުން 18 އަހަރުގެ ޔަމާލްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުން، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ނުފެނުނު ނަމަވެސް، އޭނާގެ ފިޓްނަސްއާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ޑެލަ ފުއެންޓޭ ވަނީ ބުނެފައެވެ. މީގެ އިތުރުން ނިކޯ ވިލިއަމްސް އާއި ވިކްޓަރ މުނޯޒްގެ ހާލަތު ވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ.
"އޭނާ އަންނަނީ ކަނޑައެޅިފައިވާ މަރުހަލާތައް ފުރިހަމަކުރަމުން، އޭނާގެ ހާލަތު ރަނގަޅުވެ، ފަރިތަކުރުންތަކުގައި ވެސް ވަރަށް ބޮޑަށް ބައިވެރިވަމުން އެބަދޭ. އަނިޔާގެ މައްސަލަ ކުރިމަތިވި އެހެން ކުޅުންތެރިންގެ ހާލަތު ވެސް ހުރީ މިގޮތަށް. އެ ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗަށް ތައްޔާރަށް، ނަމަވެސް މެޗު ފަށާއިރު އެ ކުޅުންތެރިންނެއް ނުފެންނާނެ." ޑެ ލަ ފުއެންޓޭ ބުންޏެވެ.
ޑެ ލަ ފުއެންޓޭ ބުނީ، އަނިޔާއިން އެނބުރިއައި ކުޅުންތެރިން ބޭނުންކުރުމުގައި ވިސްނާނީ މެޗުގެ ކަންކަން ކުރިއަށްދާ ގޮތަށް ބެލުމަށްފަހުގައި ކަމަށެވެ. އެހެންކަމުން، މެޗުގެ ކޮންމެވެސް ހިސާބަކުން ޔަމާލް ފެނިލުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެކަން އެގޮތަށް ނިންމީ މެޑިކަލް ޓީމުގެ ލަފާގެ މަތީން ކަމަށް ޑެލަ ފުއެންޓޭ ބުންޏެވެ. އަދި، އޭނާ ފިޓް ނޫން ނަމަ، ބެންޗަށް ވެސް ނުނަގާނެ ކަމަށް ބުންޏެވެ.
"މިއީ މެޗުގެ ހާލަތާއި ކަންކަން ބަދަލުވަމުންދާ ގޮތަށް ބަލައި ނިންމަންޖެހޭ މުހިއްމު ނިންމުމެއް." ޑެ ލަ ފުއެންޓޭ ބުންޏެވެ.
ކާބޯވާޑޭއާ ބެހޭގޮތުން ދެއްކި ވާހަކައިގައި ޑެލަ ފުއެންޓޭ ވަނީ، އޭނާގެ ކުޅުންތެރިން އެ ޓީމު އަންޑައެސްޓިމޭޓްކޮށް، ފަސޭހަކޮށްނުލާނެ ބުނެފައެވެ. ކާބޯވާޑޭ އަކީ ފިޒިކަލީ ވަރުގަދަ، އަދި ހަލުއި ކުޅުންތެރިންތަކެއް ހިމެނޭ ޓީމެއް ކަމަށާއި، އެ ޓީމުން ވޯލްޑް ކަޕަށް އައީ ކެމަރޫން ކަޓުވާލާފައި ކަން ހަނދާންކުރަންޖެހޭނެ ކަމަށް ޑެ ލަ ފުއެންޓޭ ފާހަގަކުރިއެވެ.
"މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ހައިރާންކުރުވަނިވި ނަތީޖާއެއް ނެރެދާނެ ޓީމެއް. އެހެންކަމުން މެޗުގައި އަހަރެމެންގެ އެންމެ ރަނގަޅު ކުޅުން ދައްކަންޖެހޭނެ." ޑެ ލަ ފުއެންޓޭ ބުންޏެވެ.
ސްޕެއިނުން މި މެޗުން މޮޅުވި ނަމަވެސް، އެކަން ކުރުމަށް ފަސޭހަނުވާނެ ކަމަށާއި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.