ENGLISH
12 ޖޫން 2026
ވިސާ ނުދޭ މައްސަލައިގައި ފީފާގެ ރައީސް އެމެރިކާ ދިފާއުކޮށްފި
11 ޖޫން 2026
|
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ޓީމުތަކަށާއި އޮފިޝަލުންނަށް ވިސާ ނުލިބުމުގެ މައްސަލައިގައި އޭނާ ވަނީ އެމެރިކާ ދިފާއުގައި ވާހަކަ ދައްކާފައި --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކުރިމަތިވަމުންދާ ވިސާގެ މައްސަލަތަކާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެމެރިކާގެ ދިފާއުގައި ވާހަކަ ދައްކައިފިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި މިރޭ ފެށޭ ވޯލްޑް ކަޕަށް ޓީމުތަކަށާއި އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވުމަށް ވިސާ ނުދޭ މައްސަލަތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ފީފާގެ އިސްވެރިންނަކީ "ދުނިޔޭގެ ރަސްކަލުން" ނޫން ކަމަށާއި، ސަރުކާރުތަކުން ނިންމާ ނިންމުންތަކަށް ބަސްކިޔުމުގެ ބާރު އެފަރާތަށް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
މުބާރާތް ފެށުމުގެ ކުރިން، މެކްސިކޯ ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭނާ ވިދާޅުވީ ފީފާއަކީ ކުޅިވަރު ޖަމުއިއްޔާއެއް ކަމަށާއި، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދިނުމުގައި އެ ގައުމުން ނިންމާ ނިންމުންތަކުގެ ތެރެއަށް ފީފާއިން ތަދައްޚުލު ނުވާނެ ކަމަށެވެ.
އިންފަންޓީނޯ ފާހަގަކުރި ގޮތުގައި ކޮންމެ ކަމެއްގައިވެސް ހައްލު ހޯދުމަށް ފީފާއިން އަބަދުވެސް މަސައްކަތްކުރެއެވެ. ނަމަވެސް ސަރުކާރުތަކާއި ސަލާމަތީ ބާރުތަކުގެ މައްޗަށް ބަސް ނުބުނެވޭނެކަން ގަބޫލުކުރަންޖެހޭ ކަމަށާއި، އެ އިދާރާގެ ވަސީލަތްތައް ހުރި މިންވަރަކުން އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފީފާގެ ރައީސް ކަންކަން ހައްލުކުރައްވަން މަސައްކަތްކުރައްވާ ވާހަކަ ވިދާޅުވި ނަމަވެސް މިދިޔަ ހަފުތާގައި، ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާން އަތުގައި ސައްހަ ވިސާއެއް އޮވެ، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އެގައުމުން ނުދިނުމަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރެއްވުން ފިޔަވާ އިތުރު ތަފުސީލެއް ނުދެއްވުނެވެ. އެމެރިކާއިން ރެފުރީ އޮރުޓާން އެތެރެވުމުގެ ހުއްދަ ނުދިނުމުން އެންމެ ފަހުން ފީފާއިން ވަނީ މުބާރާތުގެ ރެފުރީންގެ ލިސްޓުން އޭނާ އުނިކޮށްފައެވެ.
ފީފާގެ ރައީސް މި މޭރުމުން މި ވާހަކަފުޅު ދެއްކެވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވޯލްޑް ކަޕަށް އެ ގައުމަށް އެތެރެވާނީ ކޮންމެހެން އެރެވާންޖެހޭ، އެކަށީގެންވާ މީހުންކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ވިސާގެ މައްސަލަތަކުގައި ހަމަނުޖެހުން އުފެއްދުމުގެ ބަދަލުގައި، ކަންކަން މަޑުމައިތިރިކަމާއެކު ހައްލުކުރުމަށް ފީފާއިން އިސްކަންދޭ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ.
"ބައެއް ފަހަރު ކަންކަމުގައި ހަޅޭއްލަވައިގަތުމުން، ހައްލެއް ލިބުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސްވެގެންދޭ،" - ޖިއާނީ އިންފަންޓީނޯ
މީގެ އިތުރުން، 48 ޓީމު ބައިވެރިވާ މި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރޭގައި އެމެރިކާ ހިމެނުމުން އެކަމާ ފީފާއިން "ރިގްރެޓް" ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ 1930 ވަނަ އަހަރު މުބާރާތް ފެށުނީއްސުރެ، މުބާރާތް ބާއްވާ ގައުމަކާއި، އެ ގައުމަކުން ހަނގުރާމަ ކުރަމުންދާ ގައުމަކާ ދެމެދު ކުޅިވަރުގެ މައިދާނުގައި ބައްދަލުވާ ފުރަތަމަ ފަހަރެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދަކީ ސިޔާސީ ކުރިމަތިލުމަކަށް ވެފައިވާއިރު، ވޮޝިންޓަނާއި ތެހެރާނުންވެސް މި މުބާރާތް ބޭނުންކުރަމުންދަނީ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.
އީރާނުގެ ކުޅުންތެރިންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފައިވަނީ، ލޮސް އެންޖެލިސްގައި ކުޅޭ ފުރަތަމަ މެޗު ފެށެން 10 ދުވަސް ކުރިންނެވެ. އަދި ވިސާ ދޫކުރުމުގައި ވަނީ އީރާނު ޓީމަށް ތަކުލީފަކަށްވާ ފަދަ ޝަރުތުތަކެއްވެސް ކޮށްފައެވެ. އީރާނު ޓީމުގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން އިންފަންޓީނޯ ވިދާޅުވީ، ފީފާއިން މިކަމުގައި އެއްވެސް މަސައްކަތެއް ނުކުރާކަމަށް މާނަނުކުރުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑު މި ބުނަނީ ހަމަހިމޭނުން އެއްވެސް ކަމެއް ނުކޮށް ތިބޭ ވާހަކައެއް ނޫން. ފަރުދާގެ ފަހަތުގައި އަޅުގަނޑުމެން ކަންކަން ދެނެގަނެ، ހައްލު ހޯދަން މަސައްކަތްކުރާ ކަމަށް އިތުބާރު ކުރައްވާ. އަޅުގަނޑުމެންނަށް އެނގޭ ކަންތައްތަކާއި ނޭނގޭ ކަންތައްތައްވެސް ހުންނާނެ. އެކަމަކު އަބަދުވެސް މަސައްކަތް ކުރަނީ ކަންކަން ފަހިކޮށް، ހައްލެއް ހޯދުމަށް،" - ޖިއާނީ އިންފަންޓީނޯ
އޭނާ އިތުރަށް ވިދާޅުވީ މިފަދަ ހާލަތެއްގައި އޮއްވައި، އީރާނުގެ ޓީމު އެމެރިކާގައި ކުޅުމަށް ގެނައުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އެހެން ބަޔަކަށްނަމަ އެކަން ކުރެވޭނެ ކަމެއް ނޭނގޭ ކަމަށެވެ. އަދި ފީފާއިން ދުނިޔޭގެ ހަގީގަތްތައް ގަބޫލުކޮށް، އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.