ENGLISH
09 ޖޫން 2026
ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
09 ޖޫން 2026
|
ޝަމްއާން ވަހީދު
އެންމެ މަޤްބޫލު
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވާ ކަމަށް ކަނޑައަޅާ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޝަމްޢާންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދަޢުވާތަކާއި ގުޅިގެން ޝަރީޢަތް ހިންގުމަށް ފަހު މިއަދު ވަނީ އަދަބު ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވާފަ އެވެ. މިއަދު 4:30 ގައި ކްރިމިނަލް ކޯޓްގައި އޮތް އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ޝަމްޢާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
އަދި ފަހުން ވަނީ ތިން ދައުވާއަށް ވަކީން އަދަބު ކަނޑައަޅާފަ އެވެ. އެގޮތުން މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ 15 އަހަރަށް ޖަލަށްލާން ހުކުމްކުރި އެވެ. އަދި 500,000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.
ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އިއްވީ 8 އަހަރުގެ ޖަލު ހުކުމެކެވެ. ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
މީގެ އިތުރުން ގާޒީ ވަނީ މި މައްސަލައިގައި ތަޙުޤީޤުން ޝަމްޢާން ބިދޭސީ މީހާގެ އަތުން ފޭރުނު ކަމަށް ސާބިތުވި ފައިސާ ވެސް ދެއްކުމަށް އަންގާފަ އެވެ. އެއީ 500,000 ރުފިޔާ އެވެ.
ޝައްމާންގެ މައްޗަށް އަދަބު ކަނޑައެޅި ގޮތާއި ގުޅޭގޮތުން ގާޒީ މިއަދުގެ އަޑުއެހުމުގެ ވިދާޅުވީ ޝަމްއާންގެ މައްޗަށް އުފުލި ތިން ދައުވާ ސާބިތުވުމުން ކަނޑައެޅީ އެންމެ ބޮޑު އަދަބު ކަމަށެވެ. އެގޮތަށް ނިންމެވީ ޝަމްއާންގެ ސަބަބުން އިމިގްރޭޝަންގެ އަގު ވެއްޓުމުން ކަމަށް ވިދާޅުވި އެވެ.
ޝަމްޢާން މަޤާމުން ވަކިކުރީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސަ ހޯދަމުންއައިކަމަށް ތުހުމަތުވާ މައްސަލާގަ އެވެ. ޝަމްޢާންގެ މައްޗަށް ހިންގި ތަޙުޤީޤުގައި ޝަމްއާން ވަހީދު ގެއިން 257,475 ރުފިޔާ އާއި 10,000 ޑޮލަރުގެ އިތުރުން ބައެއް ގައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ ހޯދާފަ އެވެ.
ޝަމްޢާންގެ ކޮންޓްރޯލަރ ކަމުގައި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް އަދި އިމިގްރޭޝަނުން އަމަލު ކުރަމުންދާ އުސޫލުތަކާއި ހިލާފަށް އޮޕަރޭޝަންތައް ހިންގާ ބިދޭސީން އަތުން ފައިސާ ހޯދާފައިވާ ކަމަށް ވެސް ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފަ އެވެ.