ENGLISH

09 ޖޫން 2026

Advertisement

ދުނިޔެ ހޫނުވުމަށް މެދުވެރިވާ ނުރައްކާތެރި ސަބަބެއް ހޯދި ސައިންސްވެރިޔާއަށް މުހިންމު އވޯޑެއް

09 ޖޫން 2026

|

އާމިނަތު ނުޒްލާ

ސައިންސްވެރިޔާ، ޕްރޮފެސަރ ވީރަބަދްރަން ރާމަނާތަން-- ފޮޓޯ: ސީއެންއެން

ދުނިޔެ ހޫނުވުމަށް ނުވަތަ ގްލޯބަލް ވޯރމިންއަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކާބަން ޑައިއޮކްސައިޑް އެކަނި ނޫންކަން ސައިންސުގެ އަލީގައި ފުރަތަމަ ފަހަރަށް ސާބިތުކޮށްދިން އިންޑިއާއަށް އުފަން ސައިންސްވެރިޔާ، ޕްރޮފެސަރ ވީރަބަދްރަން ރާމަނާތަންއަށް ޝަރަފުވެރި "ކްރަފޯޑް ޕްރައިޒް" ލިބިއްޖެއެވެ.

ސްވިޑަންގެ ރޯޔަލް ސްވިޑިޝް އެކަޑަމީ އޮފް ސައިންސަސް އިން މި އެވޯޑު ރާމަނާތަންއާ ހަވާލުކޮށްފައިވަނީ މޭ މަހުގެ 4 ވަނަ ދުވަހުއެވެ. މި އެވޯޑަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވުގެ މާހައުލަށާއި މޫސުމަށް ކުރާ އަސަރުތައް ދެނެގަތުމަށް އޭނާ ކޮށްފައިވާ އަގުހުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންދީފައިވާ އެވޯޑެކެވެ. މި އެވޯޑާއެކު އޭނާއަށް، އަށް މިލިއަން ސްވިޑިޝް ކްރޯނާ (ގާތްގަނޑަކަށް 900،000 އެމެރިކާ ޑޮލަރު) ދީފައިވެއެވެ.

ކުއްލި ހޯދުމަކުން ބަދަލުވި ސައިންސްގެ ތާރީޚު

ނަވާރަ ސަތޭކަ ހަތް ދިހައިގެ އަހަރުތަކުގައި ނާސާގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ރާމަނާތަން ވަނީ އޭނާގެ މުއްޒަފުންނަށް ސިއްރުން ރޭގަނޑުގެ ވަގުތުތަކުގައި ދިރާސާއެއް ފަށާފައެވެ. މި ދިރާސާއިން އޭނާއަށް ހޯދުނު ގޮތުގައި، އޭރު އައިސްއަލަމާރިތަކާއި އޭސީ އަދި ސްޕްރޭ ދަޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރަމުންދިޔަ ކްލޮރޯފްލޯރޯކާބަންސް (CFCs) އަކީ ކާބަން ޑައިއޮކްސައިޑަށްވުރެ އެތައް ގުނައެއް ބާރުގަދަ ގްރީންހައުސް ގޭހެކެވެ.

ރާމަނާތަންގެ ހިސާބުތަކުން އެނގުނު ގޮތުގައި، ސީ.އެފް.ސީގެ އެންމެ މޮލިކިއުލަކުން ޖައްވު ހޫނުކުރާ މިންވަރު، ކާބަން ޑައިއޮކްސައިޑްގެ 10،000 މޮލިކިއުލާ އެއްވަރެވެ. މި ހޯދުން 1975 ވަނަ އަހަރު "ސައިންސް" މަޖައްލާގައި ޝާއިޢުކުރުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތައް މީހުން ހީކުރިވަރަށްވުރެ މާ އަވަހަށް ކުރިމަތިވާނެ ކަމެއްކަން ސައިންސްވެރިންނަށް ގަބޫލުކުރަން ޖެހުނު މައިގަނޑު ސަބަބަކަށް ވެގެންދިޔައެވެ.

އިންޑިއާގެ ބެންގަލޫރުގައި އިންޖިނިއަރިންގ ކިޔަވައިގެން، އައިސްއަލަމާރި އުފައްދާ ކުންފުންޏެއްގައި މަސައްކަތް ކުރި ރާމަނާތަން އެމެރިކާއަށް ދިޔައީ އުމުރުން 26 އަހަރުގައެވެ. އޭނާގެ ޕީ.އެޗް.ޑީގެ ދިރާސާގެ ތެރެއިން ވީނަސް ޕްލެނެޓްގައި ހުންނަ ގްރީންހައުސްގެ އަސަރުތައް ދިރާސާކުރުމުގެ ފުރުސަތު ލިބުނެވެ. މިއީ ރާމަނާތަންގެ މުޅި ހަޔާތް ބަދަލުކޮށްލި "އިއްތިފާގީ" ފެށުމެކެވެ.

ރާމަނާތަންގެ ހޯދުންތަކަކީ 1987 ވަނަ އަހަރުގެ "މޮންޓްރިއަލް ޕްރޮޓޮކޯލް" އެކުލަވައިލުމަށް މަގުފަހިވި މުހިންމު ސަބަބެކެވެ. މި އެއްބަސްވުމުގެ ދަށުން ސީ.އެފް.ސީ ބޭނުންކުރުން މަނާކުރެވުނެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ސީއެފްސީ ބޭނުންކުރުން މަނާނުކުރިނަމަ، ދުނިޔޭގެ ހޫނުމިން އިތުރު އެއް ޑިގްރީ ސެލްސިއަސްއަށް މައްޗަށް ދިޔުމުގެ ފުރުސަތު އޮތެވެ.

މިހާރު އުމުރުން 81 އަހަރުގެ ރާމަނާތަންއަކީ ކެލިފޯނިއާ ޔުނިވަރސިޓީގެ ޕްރޮފެސަރެކެވެ. އޭނާ ވަނީ 2012 ވަނަ އަހަރުން ފެށިގެން ކެތޮލިކް ފައްޅީގެ ޕޯޕުންނަށް މޫސުމީ ބަދަލުތަކާ ގުޅޭ އިރުޝާދު ދޭ ކައުންސިލްގެ މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.  މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިގެންދާނީ ފަގީރުންނަށެވެ. އެހެންކަމުން ރާމަނާތަން ވިދާޅުވީ އެކަމަށް ސަމާލުވުމީ މުހިއްމުކަމެކެވެ.

ޒުވާނުންނަށް އޭނާ ދޭ މެސެޖަކީ، ސައިންސުގެ ހަގީގީ މައުލޫމާތު ފެތުރުމަށާއި، ތިމާވެއްޓަށް ލޯބިކުރާ ސިޔާސީ ވެރިން އިންތިޚާބު ކުރުމަށް މަސައްކަތް ކުރުމެވެ. ތިމާވެށީގެ ދާއިރާއިން ރާމަނާތަން ހޯދި މި ކާމިޔާބީއަކީ ނޮބެލް އިނާމަށް މަގުފަހިވާނެ ފަދަ ޝަރަފުވެރި ކުރިއެރުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު