ENGLISH

09 ޖޫން 2026

Advertisement

އައްޑޫގައި ކުށްކުރުމަށް ބޭނުންކުރަމުން އައި ގެއެއް ފުލުހުން ބަންދުކޮށްފި

09 ޖޫން 2026

|

އައިމިނަތު ޝަފާ

އައްޑޫގައި ކުށްކުރުމަށް ބޭނުންކުރަމުން އައި ގެއެއް ފުލުހުން ބަންދުކޮށްފިއެވެ. 

މިކަން ހާމަކޮށް އައްޑޫ ފުލުހުން ބުނީ ސ.ހިތަދޫ / ލާމިޔާގެއާގެ އަކީ އިއްޔެއިން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 90 ދުވަހުގެ މުއްދަތަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބަންދު ކުރެވިފައިވާ ގެއެއްކަމަށެވެ.

އައްޑޫ ފުލުހުން ބުނީ މިގެއަކީ ވައްކަމާއި ފޭރުން އަދި އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން ބޭނުންކުރަމުންދާ ގެއެއްކަމަށާއި އެ ގެ ބަންދުކުރީ އާއްމުންނަށް މިކަމުގެ ސަބަބުން އުދަގޫ ފޯރާކަމަށް ފުލުހުންގެ ހިދުމަތަށް އެކިފަހަރުމަތިން ޝަކުވާ ހުށަހެޅިފައިވުމުން އެކަމަށް ހައްލެއް ގެނެސްދިނުމުގެ ބޭނުމުގައިކަމަށެވެ.

ކޯޓް އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައަކާއި ނުލައި ވަންނަ މީހުންނާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނާމެދު ގާނޫނީ ގޮތުން އެޅޭނެ އެއްމެ ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް ފުލުހުން ބުންޏެވެ. 

މީގެކުރިން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި އެ ސިޓީ ފުނާޑު/ ގުލިސްތާނުގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބައި ބަންދުކުރަން ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވެސް އަމުރު ނެރުނެވެ. މި އަމުރު ނެރެފައިވަނީ 2026 މެއި 27 ވަނަ ދުވަހުން ފެށިގެން 85 ދުވަހަށެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު