ENGLISH

08 ޖޫން 2026

Advertisement

ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ކުރިއަށް

08 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ގދ.ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާއިރު މިހާރު ކުރިއަށްދަނީ ފައުންޑޭޝަންގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީ އިން މި މަޝްރޫއުގެ އަދާހަމަ ހިއްސާކޮށް އެކްސްގައި ކުރި ޕޯސްޓުގައި ވަނީ ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ހަލުވި ދުވެލީފައި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 18،618 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ސިއްހީ ހިދުމަތްދޭ ބްލޮކެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، 2563 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިލފިލާގެ އެހެނިހެން ހިދުމަތްދޭ ބްލޮކަކާއި، 3573 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އެކޮމޮޑޭޝަން ބޮލްކެއްވެސް ހަދާނެ އެވެ.

މިއީ 101.70 މިލިއަން ރުފިޔާގެ 600 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ގައްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ކުރީގެ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ރަސްމިއްޔާތުގައި ގައްދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލީ އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުގެ އިތުރުން ގައްދޫ ކައުންސިލްގެ މެންބަރުންނާއި ސަރުޚާރުގެ އިދާރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖުމްލަ 2700 މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި މި މަޝްރޫއާއެކު އެރަށުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ފަރުވާ ފުޅާވެ، އަމިއްލަ ރަށުގައި ތިބެ ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު