ENGLISH

08 ޖޫން 2026

Advertisement

ދިވެހި ޓީޗަރުން ލިބުން ދަތިވާ މާއްދާތަކަށް ބިދޭސީން ގެނެވޭނެ ގޮތުގެ އުސޫލެއް

08 ޖޫން 2026

|

އައިމިނަތު ޝަފާ

އިސްކަންދަރު ސުކޫލުގެ ދަރިވަރުންނާއި ޓީޗަރުންތަކެއް. ފޮޓޯ؛ މިހާރު

ތައުލީމީ ދާއިރާއަށް ފަންނީ ބިދޭސީ މުވައްޒަފުން ނެގުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލުގެ މައިގަނޑު މަގުސަދަކީ ރެކްރޫޓް ކުރެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް ތައުލީމީ ދާއިރާއަށް ބޭނުންވާ އަދަދަށް ފަންނީ ބިދޭސީ މުވައްޒަފުން ހޯދުމުގައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ފަންނީ ބިދޭސީ މުވައްޒަފުން ރެކްރޫޓް ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން، ބިދޭސީ މުވައްޒަފުން ނެގުމުގައި މަސައްކަތްތައް ހިނގާ ގޮތް ބަލައި ވިލަރެސްކުރުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް، މި އުސޫލަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި ތައުލީމާ ބެހޭ ވަޒީރު އެކުލަވާލަން ޖެހެއެވެ. މި ކޮމިޓީ އެކުލަވާލުމުގައި މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް/ސެކްޝަންގެ މުވައްޒަފުންނާއި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އެޖެންސީއެއްގެ ހިއްސާދާރެއް ނުވަތަ އެޖެންސީ ހިންގުމުގެ އިސް މަގާމެއް އަދާކުރާ މީހުން ހިމަނައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. މި ކޮމިޓީގައި މެމްބަރުން އެކުލަވާލާއިރު ހިމަނަން ޖެހޭ މުވައްޒަފުންގެ ތެރޭގައި ސްކޫލުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ ޕްރިންސިޕަލުންނާއި ވުޒާރާގެ ނުވަތަ އެ ވުޒާރާގެ ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެމްބަރުން ހިމެނުމަށް ކަނޑައަޅާފައިވެއެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން، ބިދޭސީ މުވައްޒަފުން ގެންނަން ޖެހޭނީ އެޖެސީއެއް މެދުވެރިކޮށެވެ. އެޖެންސީއެއް މެދުވެރިކޮށް ނުގެނެވޭ ހާލަތެއްގައި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ވުޒާރާއަށް ވެސް މުވައްޒަފުން ގެނެވޭނެ އިހުތިޔާރު މި އުސޫލުން ދީފައިވެއެވެ.  

ވަޒީފާ ހޯދައިދިނުމަށް ނުވަތަ ވަޒީފާގެ ކަންތައްތައް ހަމަޖެއްސުމަށް ޓަކައި ސީދާކޮށް ވިޔަސް އަދި ނުސީދާކޮށްވިޔަސް ، ވުޒާރާގެ ބޭނުމަށް ގެނެވޭ ފަންނީ ބިދޭސީ މުވައްޒަފުންގެ އަތުން މި އުސޫލުގެ ދަށުން އައްޔަނުކުރާ އޭޖެންސީ އަކުން ނުވަތަ އެއިން ފަރާތަކާ ގުޅިފައިވާ އޭޖެންސީއަކުން ވިޔަސް ނުވަތަ ރެކްރޫޓްމަންޓުގެ މަސައްކަތްކުރާ އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ފީއެއް ނަގައިގެން ނުވާނެ ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ.

ޝޯޓްކުރާ ފަރާތްތާ އިންޓަވިއުކުރުމަށް އެ ވުޒާރާއަށް ދާ އިންޓަވިއު ޕެނަލުގެ މެންބަރުންގެ ތިބުމާއި ކެއުމާއި ދަތުރުފަތުރާއި އިދާރީ އެހެނިހެން ކަންތައްތައް ކުރާނީ ތައުލީމާ ބެހޭ ވުޒާރާއިންނެވެ. އެ އިންތިޒާމް ހަމަޖައްސާނީ ވިލަރެސް ކޮމިޓީގެ ފަރާތުންނެވެ.

ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކާ އިންޓަވިއުކުރަން ޕެނަލެއް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމަންވާނީ އެ އިރަކަށް ބޭނުންވާ ރިކުއަރމަންޓުގެ 50 އިންސައްތައަށް ވުރެ އިތުރު އަދަދެއް އިންޓަވިއުއަށް އެދި ކުރިމަތިލައިފައިވާނަމައެވެ.

ވަޒީފާއަށް މީހުން ހަމަޖައްސަނީ އެންމެ މަތީން ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް މި އުސޫލުގައި ބުނެފައިވެއެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވާ ހާލަތުގައި ވަޒީފާ ހަމަޖައްސާނެ ތަރުތީބު ކަނޑައަޅާނީ ވިލަރެސް ކޮމިޓީންނެވެ. މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ރެކްރޫޓްކުރާ ފަރާތްތަކުގެ ފެންވަރު ތިން މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި ކަށަވަރުކުރަން ވާނެކަމަށް ވެސް ބުނެފައިވެއެވެ. ޕްރޮބޭޝަނުގައި ހުންނަ ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފަކު މަސައްކަތްކުރާ ސްކޫލުގެ އިސްވެރިޔާ އެ މުވައްޒަފުގެ ކިޔަވައިދިނުމުގެ ފެންވަރު ބަލައި ކަމުނުދާ ނަމަ ކަމުނުދާ ސަބަބުތައް ބަޔާންކޮށް ޕްރޮބޭޝަނުގެ މުއްދަތު ހަމަވުމުގެ 15 ދުވަހުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީއަށް އެކަން އަންގަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު