ENGLISH

08 ޖޫން 2026

Advertisement

މިވަގުތު ބަލަންވީ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ އައު ގޮތްތައް އީޖާދުކުރަން: ވަޒީރު ޝިޔާމް

08 ޖޫން 2026

|

އައިމިނަތު ޝަފާ

މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

ދުނިޔޭގެ އިޤުތިޞާދު ނާޒުކު ފައްތަރެއްގައި އޮތް މިވަގުތު ބަލަންވީ، ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލުކަމުގައިވާ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާމެދު ވިސްނައި ފިކުރުކޮށް، އީޖާދުކުރަަން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ވަޒީރު ޝިޔާމް ފޮނުއްވެވި މެސެޖްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެ މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. މިގޮތުން 2024 ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން ހީނަރުވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރިކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ، ދިވެހީން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ މޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރު ސިނާއަތަށް ކުރަމުންދިއުންކަމަށް ވިދާޅުވިއެވެ.

އެހެންވީމާ މިއަދު އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމުގައި ވިދާޅުވެ، ވަޒީރު ފާހަގަކުރެއްވީ އެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒު ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކުރުމާއެކު، އެކުއަކަލްޗާ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފާއިތުވި އަހަރު ދިވެހިރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރުފްކޮށް މިއަހަރު  ފުރަތަމަ ޝިޕްމަންޓް އެކްސްޕޯރޓްކޮށްފައިވާ ކަމަށެވެ. އެކުންފުނީގެ ތަޖުރިބާއަށް ބަލައި އިތުރު ދެކުންފުންޏަކުން މިހާރުވެސް މިސިނާއަތަށް އިންވެސްޓްކޮށް މަސައްކަތް ފަށާފައިވާކަަން ވަޒީރު ހާމަކުރެއްވިއެވެ. 

ވަޒީރުގެ މެސެޖްގައި ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީގައި ސީވީޑުން ޕްރޮޑަކްޓް އުފެއްދުމަށް އާ ޕްރޮޖެކްޓެއް އެކުލަވާލެވި، ޕްރޮޖެކްޓަށް ފެހި ސިގްނަލްވަނީ ލިބިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެސަރަހައްދުތަކުގެ ރަށްތަކުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.  

އަދި ދިވެހި ކަނޑުފަޅުން ނަފާ ހޯދުމަށްޓަކައި ޖަޕާނު ސަރުކާރާ ގުޅިގެން އީޖާދީ މަސައްކަތްތަކެއް ކުރުމަށް އައު މަޝްރޫއެއް ރާއްވަވަމުންދާކަން ވަޒީރުގެ މެސެޖުގައި ހާމަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު