ENGLISH
08 ޖޫން 2026
އަޟްޙާ ޢީދު ބަންދާ ދިމާކޮށް 7,000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފި
08 ޖޫން 2026
|
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްތެރެއިން ފަސެންޖަރުން ފުރުމުގެ ކުރިން ޗެކިންވުމުގައި-- ފޮޓޯ: އެޑިޝަން.އެމްވީ
އެންމެ މަޤްބޫލު
މި އަހަރުގެ އަޟްޙާ ޢީދު ބަންދާ ދިމާކޮށް 7,000 އަށްވުރެ ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިމިގްރޭޝަންގެ ހިސާބުތަކަށް ބަލާއިރު، މޭ 22 އިން 31 ގެ ނިޔަލަށް ޖުމްލަ 7293 ދިވެހިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފަ އެވެ. އެންމެ ގިނަ މީހުން ރާއްޖެއިން ފުރާފައިވަނީ މޭ 23 ވަނަ ދުވަހު އެވެ. އެދުވަހު އެކަނި 1586 ދިވެހިން ރާއްޖެއިން ބޭރުގައުމުތަކަށް ގޮސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފުރާފައިވަނީ 22 ވަނަ ދުވަހުއެވެ. އެދުވަހު 1273 މީހަކު ރާއްޖެއިން ބޭރަށް ފުރާފައިވެއެވެ.
މިއަހަރުގެ ބޮޑު ޢީދު ބަންދު ދިމާވެފައިވަނީ ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ މިޑް ޓާރމް ބްރޭކާ އެވެ. މިއާއެކު ސަރުކާރުން އާދިއްތަ އަދި ހޯމަ ދުވަސް ބަންދުކުރުމާއި ގުޅިގެން، އީދު ބަންދަށް ނުވަ ދުވަހުގެ ޗުއްޓީއެއް ސަރުކާރުގެ މުވައްޒަފުންނަށްވެސް ލިބިފައިވެއެވެ. މި ބަންދަށްފަހު ސްކޫލްތަކާއި އޮފީސްތައް ހުޅުވާފައިވަނީ މޭ 31 ގައެވެ.
ޢީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދިޔަ މީހުންގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރި ދިވެހިންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކޮށްލަންޖެހެ އެވެ. މިގޮތުން ޢީދު ބަންދަށް ހާއްސަކޮށް ޤައުމީ އެއާލައިން "މޯލްޑިވިއަން" އިން ވަނީ ޑިމާންޑާ އެއްވަރަށް ފްލައިޓްގެ ދަތުރުތައް އިތުރުކޮށްފަ އެވެ.
އަޟްހާ އިދުއާ ގުޅިގެން ދިވެހިން ވަނީ އަވަށްޓެރި ގިނަ ގައުމުތަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އިންޑިއާ، ލަންކާ، ތައިލެންޑް އަދި މެލޭޝިއާ ހިމެނެ އެވެ. ޗުއްޓީއަށްފަހު ގިނަ އަދަދެއްގެ ބަޔަކު އެނބުރި ރާއްޖެ އަންނަން ފެށުމާއެކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތައް އަވަސްކުރުމަށްޓަކައި ޚާއްޞަ އިންތިޒާމުތަކެއް އިމިގްރޭޝަންއިން ވަނީ ހަމަޖައްސާފައިވެ އެވެ. އެގޮތުން ދަތުރުވެރިން "އިމުގާ" ފޯމު ފުރުމުގައި ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށްވެސް އިމިގްރޭޝަންއިން އެދިފައިވެ އެވެ.