ENGLISH
05 ޖޫން 2026
އިޞްލާޙުކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެ: ހުކުރު ޚުޠުބާ
05 ޖޫން 2026
|
އެންމެ މަޤްބޫލު
މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށާއި، މުޖުތަމަޢު އިޞްލާޙުކުރާން ވެސް ތިބީ އަހަރެމެން ކަމަށްވުމާއެކު، އެ މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ ކަމަށެވެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
"މާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބު ކަމަށެވެ.
އަހަރެމެންނަކީ ﷲގެ ހެޔޮ ރަޙުމަތްފުޅުން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ޤަރުނުތަކެއްވަންދެން ދެމިތިބި ބަޔަކީމު ކަމަށާއި، އަހަރެމެންގެ ތެރޭގައި އޮންނަނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މަކާރިމުލްއަޚްލާޤުގެ ރިވެތި ސިފަތަކެއް ކަމަށްވުމުން މިކަންކަމަކީ އަހަރެމެން އަބަދުވެސް ދަމަހައްޓާން ޖެހޭނޭ ކަންކަންކަމުގައި ވެސް ޚުޠުބާގައި ބުންޏެވެ.
"މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުއްޓެވެ. ވަކީން ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއްކުރާން ވަނީ ޖެހިފައެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންނެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ކޮންމެ ފަރުދަކު ވެސް، ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ޖެހޭ ކަމަށާއި، އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަންވާނެ ކަމަށެވެ.
މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރީންގެ ސަލާމަތަށް ޓަކައި ކުރެވޭ މަސައްކަތެއްކަން ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.
ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމުގެ މަސައްކަތްކުރާނެ ބަޔަކު މުޖުތަމަޢުގައި އަބަދު ވެސް ތިބޭން ޖެހޭނެ ކަމަށާއި، އެ ބައިމީހުންނަކީ ކާމިޔާބީގެ އަހުލުވެރީންކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، މާތް ﷲގެ ރުއްސެވުމާއި ފުއްސެވުމުގެ މަގު އިޚުތިޔާރުކުރުމަށްފަހު، ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވުމަށް ގޮވާލާފައެވެ. އަދި ތިބާއީ ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
މާތް ﷲގެ ޙަޟުރަތުން ވާގި އެދި ހަރުދަނާ އަޚުލާޤީ ޖީލެއް ބިނާކުރުމަށް ޓަކައި އެންމެން އަތުގުޅައިލައި، މުޖުތަމަޢުގައި ހުރި، ފަސާދައިގެ ދޮރުތައް ބަންދުކޮށް، މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުރުމަށް ހަނދާންކޮށްދެމުން ޚުޠުބާގައި ބުނީ، މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެން ކަމަށެވެ.