ENGLISH

05 ޖޫން 2026

Advertisement

އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ބީއެމްއެލް އެކައުންޓުން ފައިސާ ކެނޑޭގޮތް ހަދައިފި

05 ޖޫން 2026

|

އައިމިނަތު ޝަފާ

އެސްއެމްއީ ޑިޖިޓަލްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށް، އެސްއެމްއީ ޑިޖިޓަލްގެ ކަސްޓަމަރުންނަށް ފެސިލިޓީ އަނބުރާ ދެއްކުމަށް ފަސޭހަ ގޮތެއް ހަމަޖައްސައިފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ބުނީ ބޭންކުގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްކަމަށެވެ. އަލަށް ތައާރަފުކުރި މި އިންޓަގްރޭޝަނާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން އޮޓެމެޓިކުން ފައިސާ ކެނޑޭނެއެވެ.

މި އިންޓަގްރޭޝަންގެ ބޭނުމަކީ ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ ކަންކަން ބެލެހެއްޓުން ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމެވެ. ބޭންކް އެކައުންޓުން އޮޓެމެޓިކުން ފައިސާ ކެނޑޭ ގޮތް ހެދުމުން، އިދާރީ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދިއުމާއިއެކު، ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ ކްރެޑިޓް ރޭޓިންގ މަތިވާނެއެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ކަސްޓަމަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.

މި ނިޒާމު ތައާރަފުކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ނިންމާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބޭނީ އިސްލާމިކް ރީފައިނޭންސިން އިނީޝިއޭޓިވްގެ ދަށުން، މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން އަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. އެކުންފުނިން ބުނީ ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރާނެކަމަށެވެ.

މިއައު ހިދުމަތާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށްކަމަށެވެ.

"މި އިންޓަގްރޭޝަންގެ ސަބަބުން، ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ކަސްޓަމަރުގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހި، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،". ސީއީއޯ ވިދާޅުވިއެވެ.

އޮޓޮމޭޓެޑް ރިޕޭމަންޓް އިންޓަގްރޭޝަނަކީ ކަސްޓަމަރުންނަށް އިސްކަންދޭ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު