ENGLISH
05 ޖޫން 2026
ވައިއެމްއެސްއޭގައި ދިވެހި ދަރިވަރުން ދެއްކި ހުނަރަށް ތައުލީމީ ވަޒީރުގެ ޝުކުރު
05 ޖޫން 2026
|
އެންމެ މަޤްބޫލު
ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026″ (ވައިއެމްއެސްއޭ) އިން ދިވެހި ދަރިވަރުން ހޯދި ކާމިޔާބަކީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވައިއެމްއެސްއޭ ގައި ރާއްޖޭގެ ދަރިވަރުން ދެއްކި އާދަޔާޚިލާފު އުފެއްދުންތެރިކަމާއި ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ވަޒީރު ވިދާޅުވީ، އެއީ ހިސާބު އިލްމު އުނގަންނައިދިނުމުގެ ކަންކަން ރަނގަޅު ކުރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސްއިން މި އަހަރު ލިބުނު ކާމިޔާބު ހޯދަން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އާއި ސްކޫލުތަކުން ކުރެއްވި ލާމަސީލު މަސައްކަތަށް ސާބަހާއި ޝުކުރު ހައްގުމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
މެތްސް ތްރޯ ސްޓޯރީސް، އޯގްއިން އިންތިޒާމް ކުރި މި މުބާރާތުން ރާއްޖެއިން އެއްވަނަ ހޯދީ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ އުމުރުފުރާއިންނެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ ދަރިވަރުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. އަދި މިއީ މި މުބާރާތުގެ ތާރީހުގައިވެސް އެންމެ ފަހުރުވެރި ވަނަތައް އެއް ގައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ. މި މުބާރާތުން 8-11 އަހަރު ފުރައިން އެއްވަނަ ހޯދީ ހުރަވީ ސްކޫލުގެ އާމިނަތު ނީމް ޝަކީބެވެ. 4-7 އަހަރު ފުރައިން އެއްވަނަ ހޯދީ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 3 ގެ ދަރިވަރު ޔުނާ ނަސްފާން ޝިހާމެވެ. 12-16 އަހަރު ފުރައިން އެއްވަނަ ހޯދީ އަމީނިއްޔާ ސްކޫލުގެ ޝޫރާ ޝަހީދު އަހުމަދެވެ.
ވައިއެމްއެސްއޭ މުބާރާތަކީ، ހިސާބު އިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް (އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދު) އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރިއްޔާއިން، މާނަފުން އަދި ޝައުޤުވެރި މާހައުލެއްގައި ހިސާބުގެ ތަސައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ އަހަރީ މުބާރާތެވެ.
މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަނުން އިންތިޒާމުކުރާ މި މުބާރާތް، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ. މިގޮތުން މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާއިރު، މިއީ ކްރިއޭޓިވް މެތަމެޓިކަލް ލިޓްރެސީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މިންގަނޑެއްގެ ގޮތުގައި ފާހަގަކުރެވޭ މުބާރާތެކެވެ.
ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި، ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ގައުމުގެ ޝަރަފު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.