ENGLISH
06 ޖޫން 2026
ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާގެ ހުށަހެޅުންތަކެއް
05 ޖޫން 2026
|
ލަވަކިއުންތެރިޔާ، ޝަކީރާ: ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާގެ ހުށަހެޅުންތައް ފެނިގެންދާނެ --
އެންމެ މަޤްބޫލު
މި މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ލަވަ، މެކްސިކޯގައި ބާއްވާ އެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ހުށަހަޅައިދޭ ގޮތަށް ހަމަޖެހިއްޖެއެވެ.
މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާ ސްޓޭޑިއަމްގައި ޖޫން 11 ވާ ބުރާސްފަތި ދުވަހު، ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތު ބާއްވާއިރު، ޝަކީރާ އާއި ބާނާ ބޯއީ ގުޅިގެން "ޑައި ޑައި" މި ލަވަ ހުށަހަޅައިދޭނެއެވެ. މިއީ މުބާރާތުގެ ފުރަތަމަ މެޗުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރުމުގެ ކުރިން ބާއްވާ ހަރަކާތެކެވެ. "ޑައި ޑައި" އަކީ އިޓަލީ ބަހުން "ހިނގާ ދަމާ" ނުވަތަ "އަވަސްކުރޭ" މި މާނަ ދޭހަވާ ބަހެކެވެ.
މި ހަފްލާގައި ކޮލަމްބިއާގެ ރެގެޓަން ތަރި ޖޭބަލްވިން އާއި ދެކުނު އެފްރިކާގެ ލަވަކިޔުންތެރިޔާ ޓައިލާ ވެސް ފެނިގެންދާނެއެވެ. މި ފަހަރުގެ މުބާރާތް ބާއްވާ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުޅޭ ފުރަތަމަ މެޗުތަކުގެ ކުރިން މި ހާއްސަ ކަންތައްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ޖޫން 12 ވާ ހުކުރު ދުވަހު ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ބީ.އެމް.އޯ ފީލްޑްގައި ބާއްވާ ރަސްމިއްޔާތުގައި ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މައިކަލް ބޫބްލޭ އާއި އެލަނިސް މޮރިސެޓްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. މިއީ ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ ހަރަކާތެކެވެ.
ހަމަ އެދުވަހު އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ސޯފައި ސްޓޭޑިއަމްގައި، އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗުގެ ކުރިން ބާއްވާ ރަސްމިއްޔާތުގައި، ކޭޓީ ޕެރީ އާއި ރެޕާ ފިއުޗާގެ ހުށަހެޅުންތައް އޮންނާނެއެވެ.
މީގެ އިތުރުން، ޖުލައި 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗުގެ ހާފްޓައިމްގައި ބާއްވާ "ސުޕަ ބޯލް" ސްޓައިލްގެ ހާއްސަ ޝޯގައި، ޝަކީރާގެ އިތުރުން މެޑޯނާ އާއި ކޭ-ޕޮޕް ބޭންޑް ބީ.ޓީ.އެސް ވެސް ބައިވެރިވާނެކަން ވަނީ އިޢުލާންކޮށްފައެވެ.