ENGLISH
06 ޖޫން 2026
އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސްވިޒަލެންޑުގެ އެމްބޯލޯއަށް އެ ހުއްދަދީފި
05 ޖޫން 2026
|
ސްވިޒަލެންޑުގެ ފޯވާޑް ބްރީލް އެމްބޯލޯ: އޭނާއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބޭތީ، ޓީމާއެކު ދަތުރު ނުކުރެވުނު ނަމަވެސް، މިހާރު ވަނީ އެ ހުއްދަދީފައި --
އެންމެ މަޤްބޫލު
މި މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ޓީމާއެކު އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސްވިޒަލެންޑް ފޯވާޑް ބްރީލް އެމްބޯލޯއަށް އެ ހުއްދަދީފައެވެ.
އޭނާއަށް ޓީމާއެކު ދަތުރުގައި ބައިވެރިނުވެވުނީ އެމެރިކާއަށް ވިސާއާއި ނުލާ އެތެރެވުމަށް ދެވޭ ހުއްދަ (އެސްޓާ) ދިނުމާ މެދު އަލުން މުރާޖާކުރަން ފެށުމާ ގުޅިގެންނެވެ.
"އެސްޓާ" އަކީ އާދައިގެ ވިސާއަކާ ނުލައި އެމެރިކާއަށް އެތެރެވުމުގެ ޝަރުތު ހަމަވޭތޯ ބަލައި، އޮޓޮމޭޓެޑް ނިޒާމެއްގެ ތެރެއިން ދޫކުރާ ހުއްދައެކެވެ. އެމްބޯލޯގެ "އެސްޓާ" މުރާޖާކުރަން ނިންމީ، 2018 ވަނަ އަހަރު ބަސެލްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ސްވިޒަލެންޑުގެ ކޯޓަކުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ. އަދި އުމުރުން 29 އަހަރުގެ އެމްބޯލޯގެ މައްޗަށް، އެކި ފަރާތްތަކަށް އިންޒާރުދިނުމުގެ ކުށް 2023 ވަނަ އަހަރު ވަނީ ސާބިތުވެފައެވެ. އަދި އެކަމުގައި އޭނާއަށް ވަނީ ޖޫރިމަނާއެއް ކަނޑައަޅާފައެވެ. މި މައްސަލައިގައި އިސްތިއުނާފީ މަރުހަލާއިންވެސް ތާއީދުކުރުމާ ގުޅިގެން، އެ މައްސަލަ ފެޑަރަލް ކޯޓަށް ނުގެންދަން ނިންމާފައިވާ ކަމަށްވެއެވެ. އެއާއެކު އެ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
މިދިޔަ އަންގާރަ ދުވަހު ސްވިޒަލެންޑްގެ ޓީމު އެމެރިކާއަށް ކޭމްޕް ކުރުމަށް ފުރަން ތައްޔާރުވެފައި ވަނިކޮށް، ހެނދުނު 10:30 ހާއިރު، އޭނާގެ ހުއްދަ އިތުރަށް މުރާޖާކުރަމުންދާކަން ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައިވެއެވެ. އެއާއިއެކު ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެޑެރޭޝަނުން ވަނީ ފަށާފައެވެ. އަދި ނަތީޖާއެއްގެ ގޮތުން، ބްރީލް އެމްބޯލޯ އެމެރިކާއަށް ގޮސް ޓީމާއި ގުޅުމުގެ ހުއްދަ ވަނީ ލިބިފައެވެ.
ސްވިޒަލެންޑް ޓީމުން، ވޯލްޑް ކަޕުގެ ތައްޔާރީތަކަށް ދަނީ އެމެރިކާގެ ސެން ޑިއޭގޯގައި ކޭމްޕް ކުރަމުންނެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު އެ ޓީމު ނުކުންނާނީ ގަތަރާ ދެކޮޅަށެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި ދެން އެ ޓީމާ ވާދަކުރާނީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާއެވެ.