ENGLISH
06 ޖޫން 2026
ވޯލްޑް ކަޕުގެ ޓިކެޓު އަގުތަކަށް އަންނަމުންދާ ބަދަލުތަކާއެކު ފީފާއަށް ތުހުމަތުގެ އިނގިލި
05 ޖޫން 2026
|
ވޯލްޑް ކަޕުގެ ހުރިހާ މެޗެއްގެ ޓިކެޓުތައް ވިކި ހުސްވެފައި ވާކަމަށް ފީފާއިން ބުނި ނަމަވެސް ގިނަ މެޗުތަކުގައި ޓިކެޓު ނުވިކި ހުރި ކަމަށް ބުނެ، ސަޕޯޓަރުންގެ ނުރުހުން ---
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް ފެށުމަށް އެންމެ ހަފުތާއަކަށް ވެފައިވާއިރު، މުބާރާތުގެ ޓިކެޓާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަންނަނީ އުފައްދަމުންނެވެ. ޚާއްސަކޮށް ޓިކެޓުގެ އަގުތައް ދަށްވުމާއި، ޓިކެޓު ލިބުމުގައިހުރި ނުސީދާ ގޮތްތަކުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ފީފާއިން ކުރިން ބުނެފައިވަނީ ހުރިހާ ޓިކެޓެއް ވިކި ހުސްވާނެ ކަމަށެވެ. ނަމަވެސް މިހާރުވެސް އެކި ޕްލެޓްފޯމްތަކުން އެތައް ހާސް ޓިކެޓެއް ގަންނަން އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ކުދި ގައުމުތަކުގެ މެޗުތަކުގެ ޓިކެޓުތައް މިހާރު ވިއްކަމުންދަނީ އަސްލު އަގަށްވުރެ މާ ބޮޑަށް ހެޔޮކޮށް ކަމަށްވެއެވެ. މީގެ ތެރޭގައި ފީފާގެ އަމިއްލަ ރީސޭލް ސައިޓާއި އެހެނިހެން މާކެޓްޕްލޭސްތައް ހިމެނެއެވެ.
މިއާއެކު ދުނިޔޭގެ ފުޓްބޯޅައިގެ މައިއިދާރާ، ފީފާގެ މައްޗަށް ވަނީ ނުވިކި ހުރި ޓިކެޓުތައް "ސީޓްގީކް" ފަދަ ސައިޓްތަކަށް އަގުހެޔޮކޮށް ދޫކޮށްލާފައިވާކަމުގެ ތުހުމަތު ކުރެވިފައެވެ. މިއާއެކު އުފެދޭ ސުވާލަކީ، މެޗުތައް "ސޯލްޑް އައުޓް" ވެފައިވާކަމަށް ބުނަނީ ކިހާމިންވަރަކަށް ބަލާފައި ހެއްޔެވެ؟ މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ދަނޑުތައް ފުރާލުމަށްޓަކައި ވަރަށް އަގުހެޔޮކޮށް ޓިކެޓު ވިއްކި ފަދައިން، މިފަހަރުވެސް އެ މަންޒަރު ފެނިދާނެކަމާ މެދު މިހާރުވަނީ ސުވާލު އުފެދިަފައެވެ. އަދި ވޯލްޑް ކަޕްގައި ދަނޑުތަކުގެ ބޮޑުބައެއް ހުސްކޮށް އޮތުމުގެ ބިރު މީގެ ސަބަބުން ވަނީ އުފެދިފައެވެ.
ފީފާގެ އަމަލުތައް ހުރިގޮތުންނާއި، ވޯލްޑް ކަޕް ޓިކެޓުގެ ކަންކަން ހުރި ގޮތުން، ކަންތައްތަކެއް އޮޅުވާލަމުން އަންނަކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނަން ފަށައިފައެވެ.
ޓިކެޓުގެ ކަންކަން ސިއްރުވެރިކޮށް ބަހައްޓާފައިވާ މިންވަރުން، ޓިކެޓެއްގެ އަސްލު އަގަކީ ކޮބައިކަންވެސް މިއަދު ނޭނގޭކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ހަފުތާގައި ނިއު ޔޯކް އަދި ނިއު ޖާޒީގެ އެޓާނީ ޖެނެރަލުން ވަނީ ފީފާގެ ޓިކެޓު ވިއްކުމުގެ އުސޫލުތައް ރަސްމީކޮށް ތަހުގީގު ކުރަން ފަށާފައެވެ. ފީފާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ގަސްތުގައި ޓިކެޓުގެ އަގު އުފުލުމާއި ސަޕޯޓަރުންނަށް އޮޅުވާލުމެވެ. ޓިކެޓު ގަތުމުގެ މަރުހަލާ އޮތީ ސަޕޯޓަރުންނަށް އޭގެ އަގުތައް ސާފުނުވާ ފަދަ ގޮތަކަށެވެ.
ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައެއް ސަޕޯޓަރުން އަގުބޮޑު ކެޓަގަރީތަކުން ޓިކެޓު ގަތުމުން، އެމީހުންނަށް ދޫކޮށްފައިވަނީ ދަނޑާއި މާ ދުރުގައިހުރި، އަގުހެޔޮ ސީޓުތަކުގެ ޓިކެޓެވެ. ޓިކެޓު ގަންނަ މީހުންނަށްވެސް ކުރިން އަގުތައް ހުރިގޮތުގެ ތަފުސީލެއް ދީފައެއް ނުވެއެވެ. ޓިކެޓުތަކުގެ އަގު އިންތިހާއަށް ބޮޑުކަން އެނގުނީ ފައިސާ ދައްކަން ޖެހުނު މަރުހަލާގައެވެ.
ފީފާއިން ޓިކެޓު ވިއްކުމުގައި ބޭނުންކޮށްފައިވަނީ "ވޭރިއަބަލް ޕްރައިސިންގ" ނުވަތަ ބަދަލުވާ އަގުތަކުގެ އުސޫލެވެ. އޭޕްރީލް މަހު ފެށި ފަހު ފުރުސަތުގައި ފީފާއިން ބުނެފައިވަނީ، މެޗު ފެށުމާ ހަމައަށްވެސް އިތުރު ޓިކެޓުތައް ދޫކުރަމުންދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މެޗުތަކެއްގެ، ކޮން ވަގުތެއްގައި، އަދި ކޮން އަގުތަކެއްގައި ކަމެއް ސާފެއް ނޫނެވެ.
މީގެ އިތުރުން ދަނޑުގެ މެޕްތަކަށް ބަދަލު ގެނެސް، ސަޕޯޓަރުންނަށް ނޭނގި އައު "ލަގްޒަރީ" ކެޓަގަރީތަކެއް ވަނީ އިތުރުކޮށްފައެވެ. މިއީ އާންމުކޮށް ދަނޑުގެ ކުރީ ބަރިތަކުން، ފަހަތުގައި ހުރި ސީޓުތަކަށްވުރެ 50 އިންސައްތަ އަގުބޮޑުކޮށް ވިއްކި ސީޓުތަކެކެވެ. މި ސީޓުތަކަކީ ކުރިން ހުޅުވާލި "ބެލަޓް" މަރުހަލާގައި ސަޕޯޓަރުންނަށް ލިބެން ހުރި ސީޓުތަކެއް ނޫނެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ ފެބުރުއަރީ މަހު ވިދާޅުވި ގޮތުގައި، މުބާރާތުގެ ހުރިހާ މެޗެއްގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ، ފަހު ވަގުތު ވިއްކުމަށްޓަކައި މަދު ޓިކެޓްކޮޅެއް ބެހެއްޓި ނަމަވެސް، ކޮންމެ މެޗެއްގެ ޓިކެޓްތައް ވެސް ވަނީ މުޅިން ހުސްވެފައި ކަމަށެވެ.
އާޖެންޓީނާ، ބްރެޒިލް، އިންގްލެންޑް، ޖަރުމަނު އަދި ސްޕެއިން ފަދަ ދުނިޔޭގެ މަޝްހޫރު ޓީމުތައް ކުޅޭ މެޗުތަކުގެ ޓިކެޓް ވިއްކާލުމަކީ ފީފާއަށް އެއްވެސް ދަތިކަމަކަށް ނުވާނެއެވެ.
މުބާރާތް ބާއްވާ ގައުމުތަކުގެ މެޗުތަކާ މެދު ވެސް މިފަދައިން ބުނެވިދާނެ ކަމަށް ބެލެވުނު ނަމަވެސް، ފީފާ އިން ޓިކެޓްގެ އަގުތައް ބޮޑުކޮށްފައިވާ މިންވަރުން، ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ކުޅޭ ނުވަ މެޗުގެ ތެރެއިން ރަސްމީކޮށް ވިކި ހުސްވެފައިވަނީ އެންމެ ދެ މެޗު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗުން ވެސް އަދިވެސް 500 އަށް ވުރެ ގިނަ ސީޓު ފީފާގެ ރަސްމީ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. ނަމަވެސް މި ޓިކެޓްތަކުގެ އަގު އުޅެނީ ޓިކެޓަކަށް 2,273 އެމެރިކާ ޑޮލަރު (1,725 އިނގިރޭސި ޕައުންޑް) ގައެވެ.
ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، މިއީ މައުލޫމާތު ސިއްރުކޮށް، ސަޕޯޓަރުންނަށް ޓިކެޓު ގަންނަންވީ ގޮތް ނޭނގޭ ފަދަ ހާލަތަކަށް ވައްޓާލުމަށް ފީފާއިން ގަސްތުގައި ކޮށްފައިވާ ކަމެކެވެ.