ENGLISH
01 ޖޫން 2026
ވީއޭއާރްގެ ބާރުތަކާއި، ވޯލްޑް ކަޕުގެ ގަވާއިދުތަކަށް ފީފާއިން ބޮޑެތި ބަދަލުތަކެއް
01 ޖޫން 2026
|
ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް): މި ފަހަރުގެ ވޯލްޑް ކަޕުގައި ވީއޭއާރްއަށް ދީފައިވާ ބާރުތައް ފުޅާކޮށް ގަވައިދަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި --
އެންމެ މަޤްބޫލު
މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އަށް ދީފައިވާ ބާރުތައް ފުޅާކޮށް، ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފިއެވެ.
މި ބަދަލާއެކު، ކޯނަރެއް ނުވަތަ ފްރީކިކެއް ޖެހުމުގެ ކުރިން ބޯޅަ ކުޅުމުގެ ތެރެއަށް އައުމުގެ ކުރީގައި ހިނގާ ފައުލްތަކަށްވެސް ރެފުރީންނަށް ފިޔަވަޅުއެޅުމުގެ ފުރުސަތު ލިބޭނެއެވެ.
އިންޓަރނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) އިން ގެނައި މި އިސްލާހުގެ ދަށުން ލަނޑަކަށް، ޕެނަލްޓީއަކަށް ނުވަތަ އަދަބެއް ދިނުމަށް ސީދާ އަސަރުކުރާފަދަ ކަމެއް ހިނގައިފިނަމަ، ދަނޑުމަތީގައި ރިވިއުކުރުމަށް ލަފާދިނުމުގެ ބާރު ވީއޭއާރްއަށް ލިބިގެންވެއެވެ.
މިދިޔަ މާރިޗު މަހު އުރުގުއޭއާ ދެކޮޅަށް އިންގްލެންޑުން ޖެހި ލަނޑަށް އިޝާރާތް ކުރައްވަމުން، ފީފާގެ ރެފުރީންގެ އިސްވެރިޔާ ޕިއެރުލުއިޖީ ކޮލީނާ ވިދާޅުވެފައިވަނީ އެފަދަ ލަނޑުތައް ބަލައިނުގަނެވޭނެ ކަމަށާއި، އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެ މެޗުގައި ބެން ވައިޓް ކޯނަރަކުން ލަނޑު ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، އެޑަމް ވޯޓަން ވަނީ ހޯސޭ މާރިއާ ގިމެނޭޒްއަށް ހުރަސްއަޅާފައެވެ.
ކޮލީނާ ވިދާޅުވީ ގޮތުގައި، ބޯޅަ ކުޅުމުގެ ތެރެއަށް އައުމުގެކުރިން ފައުލެއް ހިނގައިފިނަމަ، އެކަމާ މެދު އެއްވެސް މީހަކަށް އިއުތިރާޒެއް ނުކުރެވޭނެ ކަމަށެވެ.
މި ގެނައި ބަދަލުގައި، ދެވަނަ ރީނދޫ ކާޑެއް ދެއްކުމުގައި ގޯހެއް ހެދިފައިވާނަމަ އެކަން މުރާޖައާކުރުމާއި، ގޯލްކިކެއްގެ ބަދަލުގައި، ނުބައިކޮށް ކޯނަރެއް ދެވިފައިވާ ހާލަތްތަކުގައި ވީއޭއާރް މެދުވެރިކޮށް އެކަން އިސްލާހުކުރުމުގެ ބާރުވެސް މިހާރުވަނީ ދީފައެވެ.
"ގޯލްކީޕަރު ޓެކްޓިކަލް ޓައިމްއައުޓް" އަކީ ފަހަކަށް އައިސް ފުޓްބޯޅައިގެ ދާއިރާގައި ވަރަށް ބޮޑަށް ބަހުސް ކުރެވޭ މައުލޫއަކަށް ވަނީ ވެފައެވެ. މިއީ ކޯޗުން ކުޅުންތެރިންނަށް އައު އިރުޝާދުތައް ދިނުމަށް ނުވަތަ އިދިކޮޅު ޓީމުގެ ކުޅުމުގެ އޮއިވަރަށް ބަދަލު ގެނެސް، އެމީހުންގެ ހަމަލާތަކުގެ ބާރު ކަނޑުވާލުމަށް ބޭނުންކުރާ އުކުޅެކެވެ.
ފީފާއިން މިހާރު އަންނަނީ ކުޅުންތެރިއަކަށް އަނިޔާވެގެން ކުޅުން މެދުކަނޑާލާ ވަގުތުތަކުގައި، ޓީމުތަކުން ނުރަސްމީ "ޓައިމްއައުޓް" ނަގާ މައްސަލަ ހުއްޓުވުމަށްވެސް މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅޭގޮތުން ކޮލީނާ އިތުރަށް ވިދާޅުވީ، ގޯލްކީޕަރަކަށް އަނިޔާވެގެން ދަނޑުމަތީގައި އޮންނަ ވަގުތުތަކުގައި، ޓީމުތަކުގެ ކުޅުންތެރިން، އެޓީމެއްގެ ބެންޗު ކައިރިއަށްގޮސް އިރުޝާދުހޯދުމުގެ ފުރުސަތެއް ނުދޭނެކަމަށެވެ.