ENGLISH
01 ޖޫން 2026
ތަހުގީގު ދާއިރާގައި ފާހަގަކޮށްލެވޭ ފުލުހުންގެ އަގުވަޒަންކޮށްފި
31 މޭ 2026
|
ތަހުގީގީ ދާއިރާއިން ފާހަގަކޮށްލެވޭ ފުލުހުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގުވަޒަންކުރުމަށް ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ފުލުހުން ބުނީ، މި ރަސްމިއްޔާތަކީ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ކާމިޔާބުކަމާއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ރަސްމިއްޔާތެއް ކަމަށެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ލިބުނު 117 އޮފިސަރުންނަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ތަހުގީގީ ދާއިރާއިން ފާހަގަކޮށްލެވޭ ފުލުހުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފުލުހުން
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އަޙްމަދު މުޙައްމަދު ވަނީ، ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓެވި ސާބިތުކަމާއި، ދެއްކެވި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ތައުރީފުކުރައްވާފަ އެވެ. އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.
މީގެ އިތުރުން، މިއީ ޖިނާއީ ތަހުގީގުތަކާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން ފުލުހުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވޭ މުހިންމު ހަފުލާއެއްކަން ކޮމިޝަނަރ ފާހަގަކުރެއްވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިފަހަރު ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކަށް ބަލާފައިވީ ނަމަވެސް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ހިދުމަތްތައް ކުރައްވާ އޮފިސަރުންގެ އަގުވަޒަންކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.