ENGLISH
25 މޭ 2026
ހިމަބިހިން ރައްކާތެރިވުމުގެ ދަފަރާއަކަށް ސައްހަ މައުލޫމާތު
25 މޭ 2026
|
އެންމެ މަޤްބޫލު
ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޖުމުލަ ހަތް ކޭހެއް ރާއްޖޭން ވަނީ ފެނިފަ އެވެ. އެ ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފަ އެވެ.
ހިމަބިހީގެ ކޭސްތައް ފެންނަމުންދާތީ އައިޖީއެމްއެޗުންވަނީ ހުމާއި ރަތްކުލައިގެ ބިހީގެ ޢަލާމާތްތައް ހުންނަ މީހުންނަށް އެހީވުމަށް ހެލްޕް ޑެސްކެއް ވެސް ގާއިމްކޮށްފަ އެވެ. އަދި މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވާތީ މި އީދު ބަންދު ތެރޭގައި އެ ކަންކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިލްތިމާސްކުރެ އެވެ.
ހިމަބިއްސަކީ ނުރައްކާތެރި ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބައްޔާ މެދު ހޭލުންތެރިވުމެވެ. ތިމާއާއި ތިމާގެ އާއިލާގެ ސަލާމަތަށްޓަކައި މަޢުލޫމާތު ހޯދާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ.
ހިމަބިއްސަކީ ކޮބާ؟
ހިމަ ބިއްސަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާއުކޮށް ދެއެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ ބައްޔެއްތަ؟
ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 -4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވަ އެވެ. މީގެ އިތުރުން ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލިފަދަ ތަކެތީގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެ އެވެ.
ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލިފަދަ ތަކެތީގައި ވައިރަސް ދެ ގަޑިއިރުގެ މުއްދަތަށް ދިރިދެމި ހުރެއެވެ. ހަމަ މިހެން ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށްދާ ވައިރަސް ވެސް ދެ ގަޑިއިރެއްހާއިރު ދިރިހުރެ އެވެ.
ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތައް:
* ހުންއައުން.
* ކެއްސުން.
* ނޭފަތުން އަރިދަފުސް ފޭބުން.
* ލޯ ރަތްވުން.
ހިމަބިހިޖެހުމުގެ ފުރުސަތު ބޮޑު މީހުން:
* ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައިވާ ކުޑަކުދިންނާއި މީހުން.
* ހިމަބިހި އާންމުކޮށް ފެތުރޭ ހިސާބުތަކަށް ދަތުރުކޮށްއުޅޭމީހުން.
* ވިޓަމިން އޭ ހަށިގަނޑުގައި މަދުވެފައިވާ ކުޑަކުދިންނާއި މީހުން.
* މާބަނޑު މީހުން.
ނުރައްކާތައް:
* ނިއުމޯނިއާ.
* ބޭރަށްހިންގުން.
* އިތުރު ނުރައްކާތައް.
ބަލިން ރައްކާތެރިވުމަށް:
* ވެކްސިން ޖެހުން.
* ރަނގަޅަށް އަތް ދޮވުން.
* މާސްކް އެޅުން.
* ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުން.
* ގޭގައި އުޅޭއިރު ބަލިމީހާއާ ދުރުހެލިވުން.
އާންމު ގޮތެއްގައި ގިނަ މީހުންނަށް މި ބަލި ޖެހުނަށް މާބޮޑު ނުރައްކަލަކާ ކުރިމަތިނުވެ އަވަހަށް ރަނގަޅު ވެއެވެ. ނަމަވެސް ހާލަތު ގޯސްވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ އެވެ.
ހުންއައުމާއެކު ހަށިގަނޑުން ބިހިނަގަން ފަށައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރު ދެއްވާ ސިއްހީ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުއްޖާގެ އުމުރުން ނުވަ މަހުގައި މަހުގައި އެމްއާރު ވެކްސިން އަންނަނީ ދެމުން ނެވެ. އެމްއާރު ވެކްސިން އަކީ ހިމަބިހި އަދި ރުބެއްލާ އިން ރައްކާތެރިކޮށްދޭ ވެކްސިނެކެެެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނައިގެން އެމްއާރު ވެކްސިން އަދި އެމްއެމްއާރު ވެކްސިން ގަވާއިދުން މިހާރު ދެމުން ގެންދެއެވެ.
އެމްއެމްއާރު ވެކްސިން:
އެމްއެމްއާރު ވެކްސިނަކީ ހިމަބިހިން ރައްކާތެރިވުމުގެ ގޮތުން އުމުރުން 15-12 މަހާ ދެމެދު (ނުވަތަ 18 މަހުގައި) ދެވޭ ވެކްސިނެކެވެ. ރާއްޖޭގައި މިވެކްސިން ދެނީ އުމުރުން 18 މަހުގަ އެވެ. މިވެކްސިނުގެ ސަބަބުން ތަފާތު ތިން ބައްޔަކުން ސަލާމަތްވެއެވެ. އޭގެ ތެރޭގައި ކޯފުއްޕި، ހިމަބިހި، އަދި ރުބެއްލާ ހިމެނެ އެވެ. މިވެކްސިންގެ ބޫސްޓާ ޑޯޒެއް އުމުރުން 5-3 ނުވަތަ 6-4 އަހަރާ ދެމެދުގައި ދެއެވެ. ސަބަބަކީ ބައެއް ފަހަރު އެންމެ ޑޯޒެއް ދިނުމުން އެދެވޭގޮތެއްގައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ދިފާއުވުމުގެ ބާރު އުފައްދައިނުދޭތީ އެވެ.
ހިމަބިހިން ރައްކާތެރިވުމަށް ކުރެވިދާނެ އިތުރު ކަންކަން:
* ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
* ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން.
* ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން.
* ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
ކުރިއަށްއޮތީ އީދު ބަންދު ދުވަސްވަރު ކަމުން ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތްކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވެގެންދާނެތީ މިބަލިން ރައްކާތެރިވުމަށް މިކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ. އަދި ބަލިން ރައްކާތެރިވުމަށް ބަލީގެ ސައްހަ މައުލޫމާތު ދުރާލާ ހޯދުންވެސް މުހިންމެވެ.