ENGLISH
22 މޭ 2026
ފުރިހަމަ ބިންގަލެއްގެ މަތިން ފެށުނު މަސައްކަތުން ފުޓްބޯޅައިގެ އުހަށް ދިއުމަށް ހއ. ދިއްދޫން ކުރި ދަތުރު
21 މޭ 2026
|
ހއ. ދިއްދޫން ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު މުބާރާތުގެ ތަށްޓާއެކު.
އެންމެ މަޤްބޫލު
އެފްއޭއެމް ރީޖަނަލް ފުޓްބޯޅަ ލީގުގެ ނޯތު ރީޖަންގެ ޗެމްޕިއަންކަން ހޯދައި، ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރަށް ދަތުރުކޮށް މި ސާބިތުކޮށްދިނީ ފުރިހަމަ ބިންގަލެއްގެ މަތީގައި ކުރާ މަސައްކަތުގެ ސަބަބުން ކާމިޔާބީ ހާސިލްކުރެވިދާނެ ކަމުގެ ފުރިހަމަ މިސާލެކެވެ.
އެފްއޭއެމުން މުޅިން އަލަށް މިދިޔަ އަހަރު ތަޢާރަފްކުރި "އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން، ޒޯން ބުރުގެ ރަނަރަޕް ދިއްދޫ އިން ހޯދިއެވެ. އެއަށްފަހު، ދެން ކުރިއަށްދިޔަ ނޯތު ރީޖަން ލީގުގެ ބުރުގައި އެ ސަރަޙައްދުގެ ވަރުގަދަ ޓީމުތަކާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.
ދިއްދޫ އިން ވަނީ، ހދ. ހަނިމާދޫ އާއި ނ. މަނަދޫ އަދި ބ. އޭދަފުއްޓާއި ދެކޮޅަށް ކުޅެ، ރަނގަޅު ނަތީޖާތަކެއް ހޯދައިފައެވެ. ދިއްދޫން ނޯތު ރީޖަން ލީގު ނިންމާލީ ކުޅުނު ހަ މެޗުން ހޯދި 16 ޕޮއިންޓާއެކު އެވެ. ފަސް މެޗުން މޮޅުވިއިރު، އަނެއް މެޗުން ވީ އެއްވަރެވެ.
ދިއްދޫ އިން ސަރަޙައްދުގެ ފުޓްބޯޅައިގެ ރަސްކަމުގެ އިތުރުން އުތުރު ރީޖަންގެ ޗެމްޕިއަންކަން ހޯދައި، މިހާރު މި އޮތް މަޤާމަށް އައުމުގައި އެ ރަށުގެ ކުދި ބޮޑު އެންމެންގެ އިތުރުން ޖަމިއްޔާ، ޖަމާޢަތްތަކާއި، މުއައްސަސާތަކާއި، ޚާއްޞަކޮށް ވިޔަފާރިވެރިންނާއި ހެޔޮ އެދޭ އެހެން ފަރާތްތަކާއި، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްލަޠީފު މުޙައްމަދުގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެވެއެވެ.
އެގޮތުން، މި ކާމިޔާބީގެ އަސްލުގެ ގޮތުގައި ރައްޔިތުންގެ ފަރާތުން ލިބުނު ހިތްވަރު މުހިއްމު ދައުރެއް އަދާކުރިކަން ދިއްދޫގެ ފުޓްބޯޅަ ޓީމުން ޤަބޫލުކުރެއެވެ. މިއީ މުޅި ރަށުގެ އެންމެން ހިމެނޭހެން ފުރިހަމަ ބައިވެރިވުމާއި ލޯތްބާއެކީ އެންމެ ގުޅިގެން މިހާތަނަށް ކުރަމުންއައި މަސައްކަތުގެ ނަތީޖާއެވެ.
އޭގެތެރެއިން ފާހަގަކޮށްލެވިގެންދާނެ އެއް ދުވަހެއްގެ ގޮތުގައި ނޯތު ރީޖަން ލީގުގައި ހަނިމާދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދިއްދޫގެ ސަޕޯޓަރުން އެ ރަށަށް މެޗު ބެލުމަށް ގެންގޮސްދިނުމުގައި ދައްކުވައިދިން ލާމަސީލު މިސާލުވެސް ފުދެއެވެ.
ހަނިމާދޫއާ ދެކޮޅަށް ކުޅެން އޮތް މެޗުން ދިއްދޫ އަށް ޕޮއިންޓެއް ލިބިގެން ނޯތު ރީޖަންގެ ޗެމްޕިއަންކަން ކަށަވަރުކުރެވެން އޮތުމާއެކު، ދިއްދޫގައި ދުއްވާ އެންމެ ބޮޑު ކަނޑު ބޯޓު، 'މާ ހޯރަ'، އިން އާއްމުކޮށް ކުރާ މާލެ ދަތުރުގެ ބަދަލުގައި ދިއްދޫ ސަޕޯޓަރުން ގޮވައިގެން ހަނިމާދޫ އަށް ދަތުރުކުރުމުން ދައްކުވައިދެނީ އެ މިސާލެވެ. އެ ތާރީޚީ ކާމިޔާބީ ހާސިލްކުރުމަށް ހިތްވަރުދޭން އެންމެން އަތުގުޅާލާ ޖޯޝާއި ފޯރީގައި އެކަމަށް ހުސްވެ، ބައިވެރިވުމެވެ.
ހަނިމާދޫ އަށް ކުރި ދަތުރުން އެނބުރި ދިއްދޫ އަށް ދިޔައީ މިހާތަނަށް ފުޓްބޯޅައިން ދިއްދޫ އަށް ހޯދި އެންމެ ބޮޑު ކާމިޔާބީގެ އުފާވެރި ހިނިތުންވުމާ އެކުގައެވެ. ދިއްދޫގެ ފުޓްބޯޅައިގެ ތާރީޚުގައި މުހިއްމު އެ މެޗުން ހަނިމާދޫ އަތުން މޮޅުވީ ފަހަތުން އަރާ 2-1 އިންނެވެ.
މި މޮޅާއެކު އެ ލިބިގެންދިޔަ އުފާވެރި އިހުސާސްތައް ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ މެމްބަރު އަދި ދިއްދޫ ކުޅިވަރު ކްލަބްގެ އެއް ބާނީ އަބްދުއްލަތީފް ވިދާޅުވީ، މި ކާމިޔާބީ އާއެކު ދިއްދޫ އަކީ ހުރާއާއި މަހިބަދޫ އާއި އޭދަފުށި ކަހަލަ ފުޓްބޯޅައިގެ ރަށެއްކަން ސާބިތުކޮށްދެވިފައިވާ ކަމަށެވެ. އެއަށްވުރެ ބޮޑު ކާމިޔާބީއެއް ނުވަތަ އުފަލެއްވެސް މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް ލަޠީފް ވިދާޅުވިއެވެ. ދިއްދޫ އަށް ޗެމްޕިއަންކަން ކަށަވަރުވި މެޗު ބައްލަވާލެއްވުމަށް މެންބަރު ލަތީފް ވެސް ވަޑައިގެންނެވި އެވެ.
އޭނާގެ ހަޔާތުގައި ސިޔާސީ ކަންކަމަށް ވުރެ ވެސް ގިނައިން އަދި އެހާމެ ބޮޑަށް އުޅުއްވާފައި ހުރީ ވެސް ދިއްދޫގެ ފުޓްބޯޅައިގެ ކަންކަން ކުރިއެރުވުމުގައި ނުވަތަ ކަންކަން ރަނގަޅު ކުރެއްވުމުގައެވެ. ސިޔާސީ މަސައްކަތްޕުޅުގެ ތެރެއިން ވެސް ފުޓްބޯޅަ ހިމެނޭހެން ކުޅިވަރުތައް ތަރައްޤީކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. މިހާރު ވެސް ދަނީ ކުރައްވަމުންނެވެ.
ދެހާސް ސާދަ ވަނަ އަހަރު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވުމާއި ހަމައަށް ވެސް އަދި އޭގެފަހުން ވެސް ލަޠީފް ވަނީ އެ ރަށުގެ ފުޓްބޯޅަ ކުރިއެރުވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ދިއްދޫގެ ފުޓްބޯޅައިގެ ފެށުން ކަމުގައިވާ 1986 ވަނަ އަހަރު ދިއްދޫ ސްޕޯޓްސް މޫވްމަންޓް އުފެދުނު ހިސާބުން އެ ކުޅިވަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދިޔަ އެވެ. އެ ރަށުގެ ފުޓްބޯޅަ ކުރިއެރުވުމަށް މެންބަރު ލަޠީފު ކުރެއްވެވި މަސައްކަތްތަކުގެ ތެރެއިން އެންމެ ކުދި ކަންކަމުން ފެށިގެން ބޮޑެތި މުހިއްމު ކަންކަން ހިމެނެއެވެ.
ދިއްދޫގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ބޫޓު ހޯއްދަވައިދެއްވުމާއި، އެ ރަށުގެ ބައެއް ކުޅުންތެރިން މާލޭގެ އެއްވަނަ ޑިވިޒަންގެ ކްލަބުތަކަށް ކުޅުވަން މާލެ ގެންނަވައި އެ ކުޅުންތެރިންނަށް މުސާރަ ދެއްވުމުގެ ކަންކަން ވެސް ހަމަޖައްސަވައިދެއްވިއެވެ. ދިއްދޫ އަށާއި އެ އަތޮޅާއި މުޅި ސަރަޙައްދަށް ޚާއްޞަކޮށް މުހިއްމު މުބާރާތްތަކެއް ބާއްވައި ދެއްވިއެވެ. މެންބަރަކަށް ވަޑައިގެންނެވުމަށްފަހު ފައިސާގެ ބޮޑެތި އިނާމު ހުށަހަޅުއްވައިގެން ބޮޑެތި މުބާރާތްތައް ބޭއްވި އެވެ. އެގޮތުން، ބޭއްވި ބައެއް މުބާރާތްތަކުގެ ތެރޭގައި؛ ޢީދު ކަޕް، ގާޒީ ކަޕް، އެއް ލައްކަ ކަޕް އަދި އަތޮޅު މުބާރާތް ހިމެނެއެވެ.
ދެ އަހަރެއްހާ ދުވަސް ކުރީން ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ބޭއްވި "ނައިންޓީ ޕްލަސް ގޯލްޑްކަޕް" ގައި ވެސް ދިއްދޫން ވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކަކާއެކު ކުޅެ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައެވެ. އެ މުބާރާތުގެ ދެވަނަ ބުރުގައި ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ހޯދިއެވެ. މީގެއިތުރުން، މިވަގުތު ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޒަންގައި ދިއްދޫ އަށް ނިސްބަތްވާ ކުޅުންތެރިން ތިބުމުން ދައްކުވައިދެނީ އެ ކުޅިވަރުގައި އެ ރަށް އޮތް މަޤާމެވެ. މިހާރު ހާސިލްކުރަމުންދާ ކާމިޔާބީތަކާއި ކުރިއެރުމެވެ. ދިއްދޫ ރައްޔިތުންގެ މެދުގައި ފުޓްބޯޅަ އަށް އޮތް ލޯތްބެވެ.
ދިއްދޫގެ ފުޓްބޯޅައިގެ ކުރިއެރުމުން މި ކިޔައިދެނީ ހަމައެކަނި މިއީ މިދިޔަ ދެ ތިން އަހަރު ނުވަތަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރެވިގެންދިޔަ މަސައްކަތްތަކަކުން އާދެވުނު ހިސާބެއް ނޫން ކަމެވެ. މިހާރު ދިއްދޫގެ ފުޓްބޯޅަ މިއޮތް މަޤާމަށް އާދެވުނީ ދިއްދޫގެ ފުޓްބޯޅަ ކުރިއެރުވުމަށް މީގެ އަހަރުތަކެއް ކުރީން ކުރަމުން އައި މަސައްކަތްތަކެއްގެ ނަތީޖާ އިންނެވެ. މިއަދު މި ފެނިގެންދަނީ މުޅި ރަށުގެ އެންމެންގެ ފުރިހަމަ ބައިވެރިވުމާއެކު ޒަމާންތަކެއް ވަންދެން ރޭވުންތެރިކަމާއެކު ކުރި މަސައްކަތުގެ ފޮނި މޭވާ އެވެ. މިއީ ފުރިހަމަ ބިންގަލެއްގެ މަތީގައި ކުރަމުންގެންދިޔަ މަސައްކަތްތައް ހުއްޓާނުލައި ފަރުވާތެރިކަމާއެކު ކުރިއަށްގެންދިއުމުގެ ސަބަބުން އެ ރަށުގެ ފުޓްބޯޅައަށް ގެނެވުނު އުފާވެރި ދުވަސްތަކެކެވެ. މި ހުރިހާ މަސައްކަތެއްގެ ފަހަތުގައި ހުންނެވީ ޒަމާނުއްސުރެ ދިއްދޫގެ ޚިދުމަތްތެރިޔާ އަދި މިހާރުގެ މެމްބަރު ލަތީފް ކަމާ މެދު އެ ރަށުގެ އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.
މަޖިލީހުގައި ކިތަންމެ ބުރަކޮށް އުޅުއްވަމުން ވެސް ދިއްދޫ ކުޅޭ މެޗު ބައްލަވާލައްވާ ހިތްވަރު ދެއްވުމަށް ލަތީފް ވަޑައިގަންނަވާ އެވެ. ނޯތު ރީޖަން ހުޅުވި މެޗަށް ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ އާއި ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ދެ ކޯޗުން ކަމަށްވާ މައުރޫފް އަޙުމަދު (މާއްޓޭ) އާއި އަލީ ސުޒޭން އަދި ރާއްޖޭގެ ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިން ވެސް ދިއްދޫ އަށް ގެންދެވިއެވެ. ބޭނުމަކީ އެ ފަރާތްތަކުގެ ފަރާތުން ދިއްދޫގެ ފުޓްބޯޅައިގެ ކުރިއެރުމަށް އިތުރު ލަފާ އާއި އިރުޝާދު ހޯދުމެވެ.
ކޯޗުން ފާހަގަކުރި ގޮތުގައި ދިއްދޫ ޓީމުގައި ވަރަށް ހަނަރުވެރި މޮޅު ކުޅުންތެރިން އެބަތިއްބެވެ. ބޭނުންވަނީ އެ ކުޅުންތެރިންނަށް އެހީތެރިވެދޭނެ ބަޔެކެވެ. މެންބަރު ލަތީފް އެ ހުންނެވީ އެހީތެރިކަން ދެއްވުމަށް އެންމެ ކުރީގައެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބިންގާ ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންތަކެއް ނެރުއްވައި، މިހާރު ވަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރެވޭ ވަރުގެ ޓީމެއް ދިއްދޫ އިން ނެރެފައެވެ.
މެންބަރު ލަތީފްގެ މިހާރުގެ އުއްމީދަކީ ދިއްދޫގައި ބައިނަލްއަގްވާމީ ފުޓުބޯޅަ މެޗެއް ކުޅުމެވެ. އެ އުއްމީދު ހާސިލު ކުރުމުގެ ފުރަތަމަ ފިޔަވަޅު މިހާރު ވަނީ އަޅައިފައެވެ. ބައިނަލްއަޤްވާމީ މެޗުތައް ކުޅެވޭ ފެންވަރަށް ފީފާ ސްޓެންޑަޑުގެ ސްޓޭޑިއަމްގެ ބިންގާ މިހާރު ވަނީ އަޅައިފައެވެ. މި ހުރިހާ ކަމެއްގެ މެދު ވެރިއެއްގެ ގޮތުގައި ހުންނެވި މެންބަރު ލަތީފް ގެންދަވަނީ މި ހުރިހާ ކަމެއް ވަރަށް ގާތުން ބައްލަވަމުންނެވެ.
އަޅުގަނޑުމެން އެދެނީ ކުރިއަށް އޮތް ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަން ބުރުގައި ވެސް ދިއްދޫ ޓީމަށް ކާމިޔާބީއެވެ. އެ ކާމިޔާބީ ހޯދުމަށް ދިއްދޫގެ ރައްޔިތުންނާއި ދިއްދޫ ޓީމަށް ހެޔޮ އެދޭ އެންމެހާ ފަރާތްތަކާ އެކު އެހީތެރިވާ ބައިވެރިއެއްގެ ގޮތުގައި ދިއްދޫގެ ކޮންމެ ކަމެއްގައި ވެސް ކުރިއެކޭ އެއްގޮތަށް އަބަދުވެސް ހުންނަވާ މެންބަރު ލަތީފް އެ ހުންނެވީ ތައްޔާރަށެވެ.