ENGLISH

19 މޭ 2026

Advertisement

ކިޑްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި، ޖޫން ހައެއްގައި ފަށަނީ

18 މޭ 2026

|

މުޙައްމަދު އަދުހަމް

މިހާރު ކުރިއަށްދާ ރާއްޖެ ޖޫނިއާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ކްލަބް މޯލްޑިވްސް އިން ކުޑަކުދިންނަށް ޚާއްޞަކޮށްގެން އަލަށް ތަޢާރަފުކުރާ މުބާރާތް ކަމަށްވާ، ކިޑްސަލް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

އަންނަ ޖޫން މަހުގެ 6 އިން ޖުލައި މަހުގެ 4 ގެ ނިޔަލަށް ކުރިއަށްދާ މުބާރާތް ޚާއްޞަ ކުރެވިފައިވަނީ އެކަޑެމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

އެޗްޑީސީ އެގްޒިބިޝަން ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ކިޑްސަލް މުބާރާތުގެ ގުރުނެގިއިރު، ގްރޫޕް އޭ ގައި ހިމެނެނީ؛ ސްޓާސް އެކަޑެމީ، ބީޖީ ސްޕޯޓްސް ކްލަބާއި ވިލިމާލެ ޔުނައިޓެޑްގެ އިތުރުން އެލީޓް އެކަޑެމީ އަދި ކްލަބް ވެލެންސިއާ އެވެ.

މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ؛ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، އެސްޕަޔަރ އެކަޑެމީ އާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކްލަބުގެ އިތުރުން އެޑްވެންޗަރސް އެކަޑެމީ އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ގްރޫޕް ބެހިފައިވާ ގޮތް. ފޮޓޯ: ކްލަބް މޯލްޑިވްސް

މި މުބާރާތުގެ ކުޅުން ކުރިއަށްދާ ގޮތަށް ބަލާއިރު، ވާދަކުރާ 10 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. މީގެތެރެއިން، ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ހަތަރު ޓީމެއް ކުއާޓާ ފައިނަލަށް ދަތުރުކުރާނެ އެވެ. 

މުބާރާތުގެ މެޗު ތާވަލްގައިވާ ގޮތުން، ޖޫން 6 ވާ ހޮނިހިރު ދުވަހު ހަވީރު އެއްގަޑީގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ދުވަހުގެ ފުރަތަމަ މެޗުތަކުގައި ގްރޫޕް އޭ ގައި ހިމެނޭ ސްޓާސް އެކަޑެމީއާ ބީޖީ ބައްދަލުކުރާއިރު، އަނެއް މެޗުގައި ގްރޫޕް ބީގެ ހުޅުމާލެ ޔޫތު ސްޕޯޓްސް ކްލަބު ނިކުންނާނީ ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

މިއީ ރާއްޖޭގައި އެންމެ ދުވަސްވީ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސް އިން ބާއްވާ 21 ވަނަ އަހަރެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ ސީޒަން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ކިންގްސް ކަޕް ފަށާނީ މި މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ ސީޒަނުގެ މެޗުތައް ސަން މީޑިއާ އާއި އެމްއެމް ސްޕޯޓްސްގެ އިތުރުން އައިސް ޓީވީ އިން ވަގުތުން ގެނެސްދޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު