ENGLISH
16 މޭ 2026
ތިން ރައީސުންގެ ބައްދަލްވުމުން ފެނުނީ އަމާޒެެއް، ގުޅުމެއް ނެތް މިންވަރު، ގޯސްތަކަށް މާފަށްވެސް ނޭދުނު
16 މޭ 2026
|
މިރޭގެ ބައްދަލްވުމުގައި ތިން ރައީސުން --
އެންމެ މަޤްބޫލު
ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ޙައްގުގައި ކަަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީނާއި ރައީސް ނަޝީދާއި ރައީސް ސޯލިހް މިރޭ ވަނީ ބައްދަލުކުރައްވާ މަޝްވަރާތަކެއް ކުރައްވާފަ އެވެ. މަޝްވަރާތަކަށް ފަހު ތިން ރައީސުން ގުޅިގެން ސްޓޭޓްމަންޓެއް ވެސް އާންމުކުރެއްވި އެވެ. އޭގައި ސަރުކާރަށް ގޮވާލާފައި ވަނީ ކޯޓުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެން ޖަލަށްލާފައިވާ ދެ ނޫސްވެރީން މިނިވަން ކުރުމަށެވެ. އަދި ނޫހަކާއި ދެކޮޅަށް ކޯޓްގައި ފެށިފައި އޮތް ޝަރީއަތެއް ހުއްޓާލުމަށެވެ.
މިއީ ސަަރުކާރަށް ކުރެއްވޭނެ ކަމެއް ނޫނެވެ. ފަހަރުގައި އެ ތިން ބޭފުޅުން ވެރިކަން ކުރެއްވިއިރު އެފަދަ ކަންކަން ކޯޓްތެރެއިން ކުރައްވާފައިވާތީ އެއީ ރަައީސް މުޢިއްޒު ވެސް ކުރައްވާނެ ކަމެއް ކަމަށް ހީފުޅުކުރައްވާ އެކަމަށް ގޮވާލެއްވީ ކަމުގައި ވެދާނެ އެވެ.
އެ ސްޓޭޓްމަންޓަށް ފަހު ނޫސްވެރީނާއި ބައްދަލު ކުރެއްވުމަށް ނިކުންނެވި އެވެ. ގަޑިއެއްހާއިރު ހޭދަކުރައްވާނެ ކަމަށާ ކޮންމެ މީޑިއާއަކަށް ސުވާލެއް ކުރަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް މުޅި ބައްދަލްވުމުން ފެނިގެން ދިޔައީ އެ ތިން ބޭފުޅުން ފެއްޓެވި ކަމަަށް ބުނާ މަސައްކަތުގައި އެއްވެސް އަމާޒެއް ނެތް ކަމެވެ. ތިން ބޭފުޅުންގެ މެދުގައިވެސް ގުޅުމެއް ނެތް ކަމެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި ތިން ރައީސުން އުންމީދު ކުރައްވައިގެން ތިއްބެވީ އެކުއެކީގައި ރައީސް މުޢިއްޒަށް ފިސާރި ރަނގަޅަށް ބަހުގެ ހަމަލާތައް ދެއްވޭނެ ފަދަ ސުވާލުތަކެއް ނޫސްވެރީން އެ ބޭފުޅުންނަށް އަމާޒު ކުރައްވާނެ ކަމަށެވެ.
ނަމަވެސް ކަން ވެގެންދިޔައީ އެހެނެއް ނޫނެވެ. ހުރިހާ ނޫސްވެެރީން ވެސް ހަނދާންކޮށް ދިނީ އެ ތިން ބޭފުޅުންގެ ވެރިކަމުގައި ނޫސްވެރީންނަށް ޖެއްސި ހާލެވެ. ނޫސްްވެރީންނާއި ދެކޮޅަށް ކުރެއްވި ކަންކަމެވެ. ލިޔުނު ޚަބަރަކުން ނޫސްވެރިއަކު ހިފާ ހައްޔަރުކޮށް ބިޑިއަޅުވައިގެން ކޯޓަށް ގެންދިޔައީ ނަޝީދުގެ ވެރިކަމުގަ އެވެ. ދައުލަތުގެ މީޑިއާއަށް ނަޝީދު ހެއްދެވި ގޮތް ނޫސްވެރީން ކިޔައިދިނެވެ.
ރާއްޖޭގެ ބޮޑެތި މީޑިއާތަކަށް ޔާމީންގެ ވެރިކަމުގައި ކުރި ދުއްތުރާލާ ޖެއްސި ހާލަތު ވަރަށް ސާފުކޮށް ކިޔައިދިނެވެ. ހަވީރު ބަންދުކުރި އެވެ. އެތައް ޓީވީ ސްޓޭޝަނެއް އެތައް ލައްކަ ރުފިޔާއަކުން ޖޫރިމަނާކޮށް އެ ފައިސާ ދައްކަން މަޖުބޫރުކުރިވި އެވެ. ނޫސްވެރިންނަށް އޮތް ބިރުވެރި މާހައުލު ސިފަކޮށްދިނެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ޙައްޤަށް އަރައިގަނެ ހަނިކުރި މިންވަރު ބުނެދިނެވެ.
ސޯލިހްގެ ސަރުކާރުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ޤާނޫނެއް ހުށައަޅާ ފާސްކުރީ ނޫސްވެެރީން މަޖިލީސް ދޮށުގައި މުޒާހަރާ ކޮށްކޮށް ތިއްބާ އެކަމަށް ކުޑަވެސް އިޖާބައެއްނުދީ އަދި ނޫސްވެރީންނަށް އަނިޔާކޮށް ގަދަކަމުން އެ ސަރަޙައްދުން ބޭރުކޮށްގެންކަން ހަނދާންކޮށްދިނެވެ.
މި ހުރިހާ ވާހަކައެއް ހަނދާންކޮށްދީ ވެރިކަން ލިބުމުން އެގޮތަށް އަމަލުކުރި ތިން ރައީސުން މިހާރު ނޫސްވެރިކަމުގެ ދިފާއުގައި ކުރާނެ ކަމަށް ބުނާ މަސައްކަތާމެދު ސުވާލު އުފެއްދުމުން ވިދާޅުވީ އެންމެ ވާހަކަފުޅެކެވެ. އެއީ އަމިއްލަފުޅު އިއުތިރާފެވެ. ތިން ރައީސުންނަށްވެސް ކުރެއްވުނީ މާތާހިރު ވެރިކަމެއް ނޫންކަމަށް އަމިއްލަފުޅަށް އިއުތިރާފުވި އެވެ. ނަމަވެސް މަފާށް އެދިވަޑައިގަންނަވާނެ ހިތްވަރެއްވެސް ލިބިވަޑައިނުގަތެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި އެކި މައުލޫތަކަށް ނޫސްވެރީން ސުވާލު އަމާޒުކުރި އެވެ. އެއް މައުލޫއަކީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއަަރޕާސަން އިންތިޚާބާއި ގުޅޭ ސުވާލެވެ.
މި އިންތިޚާބުގައި ސޯލިހްގެ ތާއީދު އޮތީ މީކާއީލްއަށްކަން އެންމެނަށްވެސް އެނގެ އެވެ. ނަމަވެސް ހިިކުމަތްތެރިކަމެއް އިސްކުރައްވާ ސޯލިހް އެ ނިންމުން ރަސްމީކުރުން މަޑުޖައްސާލީ އެވެ. އެހެން ހުންނަވަނިކޮށް ރަނުގެ ފުރުސަތެއް މިރޭ ލިބިވަޑައިގަތެވެ.
ނަޝީދު ރުޅިއަރުވައިލެއްވުމަކީ ސޯލިހަށް ލިބޭނެ މޮޅެކެވެ. އެހެން ކަމުން އެ ފުރުސަތު ލިބިވަޑައިގަތުމުން ލަސް ނުކުރައްވާ ސޯލިހް އެކަން ކުރެއްވީ އެވެ. ނަޝީދަށް ތާއީދު ނުކުރައްވާނެ ކަން ފާޅުގައި އިއުލާނު ކުރެއްވީ އަރިހުގައި ބައިންދަވައިގެންނެވެ. މީކާއީލް އެންޑޯސް ކުރެއްވީ އެވެ.
އެއާއެކު ނަޝީދު މަސައްކަތްކުރެއްވީ އަވަހަށް ނޫސްވެރީންގެ ބައްދަލްވުން ނިންމަވާލެއްވުމަށެވެ. ނަމަވެސް އޭރު ފުރުސަތު ނުލިބި ބައެއް ނޫސްވެރީން ތިއްބެވި އެވެ. އެހެން ކަމުން ނަޝީދަށް އެކަން ކުރެއްވޭ ގޮތް ނުވި އެވެ.
ހަމައެކަނި މިކަމުން ވެސް ހާމަވީ އެކުގައި މި ތިން ބޭފުޅުންނަށް އަދި ކިޔެތް! ދެ ބޭފުޅުންނަށް ވެސް ކުރެއްވޭނެ ކަމެއް ނެތް ކަމެވެ. މުޅީން ވެސް އޮތީ އަމިއްލަ އެދުމާއި އަމިއްލަ ސިޔާސީ މަންފާއަށް ކަމެއް ވޭތޯ އުޅުއްވުން ކަމެވެ.
މި ތިން ބޭފުޅުންގެ ވެސް މިއަދުގެ އެންމެ ބޮޑު ވާދަވެރި އަކީ ރައީސް މުޢިއްޒެވެ. އެހެން ކަމުން ތިން ބޭފުޅުން ކުރައްވާހާވެސް ކަމަކީ ވާދައަށް ރައީސަށް ފާޑު ވިދާޅުވެ އެވެ. އޭގައި އަސްލެއް އުސޫލެއް އަދި އަމުދުން ޙަޤީޤަތެއް އޮތަސް ނެތަސް ވަރިހަަމަ އެވެ.
އެގޮތުން ރައީސަށް އަމާޒު ކުރާ އެ ފާޑުކިޔުމަކީ ނޫސްވެރިންނާއި ދުރު ބޭފުޅެއް ކަމަށް ބުނުމެވެ. މައުލޫމާތު ހާމަކުރެއްވުމާއި ދުރު ބޭފުޅެއް ކަމަށް ބުނުމެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއްކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.
ހަފްތާއަކު އެއް ފަހަރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ކެރިވަޑައިގަތް ރައީސަކު ރައީސް މުޢިއްޒު ނޫނީ ނެތެވެ. ނޫސްވެރީންގެ ސުވާލުތައް ހުސްވަންދެން ބައްދަލްވުމެއް ކުރިއަށް ގެންދެވި ރައީސަކު އެ ނޫނީ ނެތެވެ. ރައީސް އޮފީހަށް ލާހާ އާރުޓީއައިތަކަށް ޖަވާބު ދެއްވާ, އަދި ޖަވާބު ދެއްވާނެ ކަަމަށް ވިދާޅުވި ރައީސަކު ނެތެވެ.
މިރޭގެ ބައްދަލްވުމުން އެކަން އިތުރަށް ކަށަވަރުވި އެވެ. އުންމީދުކުރި ކަހަލަ ސުވާލުތަކެއް ކުރިމަތިނުވެ ފާޑުކިޔުންތައް ބޮޑުވުމުން ތިން ބޭފުޅުންވެސް އަވަސްވެގަތީ ނޫސްވެރީންގެ ބައްދަލްވުން އަވަހަށް ކުރުކޮށްލުމަށެވެ. ތިއްބެވީ ބައްދަލްވުން ނިމޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
ރައީސް މުޢިއްޒު ބޭއްވެވި 17 ގަޑިއިރުގެ ދިގު ނޫސްވެރީންގެ ބައްދަލްވުމާއި އެ ނޫން ބައްދަލްވުންތަކުގައި ވެސް 90 އިންސައްތަ ސުވާލުތައް އައީ އެމަނިކުފާނަށް ފަހިކޮށެއް ނޫނެވެ. ނަމަވެސް ޖަވާބު ދެއްވެވި އެވެ. ދެއްވެވުމުން ވެސް ތަކުރާރުކޮށް ސުވާލުތައް އަމާޒުކުރި އެވެ. އެ ފުރުސަތުވެސް ދެއްވި އެވެ. ބޭނުންވާހާ ތުހުމަތެއް އަމާޒުކޮށް ސުވާލު ކުރުމުން ވެސް ފުރުސަތު ދެއްވި އެވެ. ވަކި އަމާޒެއްގައި ވަކި މިސްރާބަކަށް ސުވާލުތައް ކުރަން ބައެއް ނޫސްވެރީން ބައިގަޑިިއިރުގެ ސްޓޭޓްމަންޓްތައް ދިންއިރުވެސް އަޑުއައްސަވަން ހުންނެވި އެވެ. ނިމުމުން ޖަވާބު ދެއްވެވި އެވެ.
ނަމަވެސް މިރޭ ފެނުނީ އެއާ ދިމާ އިދިކޮޅެވެ.
ނޫސްވެެރީންގެ 90 އިންސައްތަ ސުވާލަށް އެ ތިން ރައީސުން ސީދާ ޖަވާބެއް ނުދެއްވި އެވެ. ދެއްކެވީ މައުލޫއާ ނުގުޅޭ އެ ބޭފުޅުންގެ ސިޔާސީ އަމިއްލަ ވާހަކަތެކެވެ. މި ހުރިހާ ކަމަކުން ހާމަވީ މި ރޮނގުން ވެސް ރައީސް މުޢިއްޒާއި ހަމައަށް ވަޑައިގެންނެވޭނެ ބޭފުޅަކު މި ބޭފުޅުންގެ ތެރޭގައި ނެތް ކަމެވެ.
ޖުމްލަކޮށް ތިން ރައީސުންގެ ބައްދަލްވުމުން ފެނުނީ ފެެއްޓެވި ކަމަށް އެބުނާ މަސައްކަތުގައި އެއްވެސް އަމާޒެއް ނެތް ކަމެވެ. އަމުދުން މިއީ ތެލާއި ފެން ފަދައިން ގުޅުމެއް ނެތް ބޭފުޅުންތަކެއް ކަމެވެ. އަދި ހެއްދެވުނު ގޯސްތަކާއި ނުބައިތައް ރަނގަޅު ކުރުމުގެ ނިޔަތެް ނެތް އެކަމުގެ ހެޔޮ އިޚްލާސްތެރިކަމެއް ވެސް އޮތް ބޭފުޅުންތަކެއް ނޫން ކަމެވެ.
ސިޔާސީ މަންފާއެއް ލިބިދާނެ ކަަމަށް އެއްމޭޒެއްގެ ކައިރިއަށް އެއްވެލާ ސަޕޯޓަރުން ހިފަހައްޓާލަން އަނެއްކާވެސް ފޮޓޯގަނޑެއް ނަންގަވާލީ އެވެ.