ENGLISH
15 މޭ 2026
ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ލަންކާއާއެކު މަޝްވަރާކޮށްފި
14 މޭ 2026
|
ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއެކު ލަންކާގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް ސުނިލް ކުމާރަ ގަމަގޭ --- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކުޅިވަރާއި ޒުވާނުންގެ ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ދެމެދު އޮތް އެއްބާރުލުން ހަރުދަނާކުރުމާ ބެހޭ ގޮތުން ސްރީ ލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއެކު ލަންކާގެ މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް ސުނިލް ކުމާރަ ގަމަގޭ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ކުޅިވަރު އެތުލީޓުންގެ ހުނަރު ތަރައްގީކުރުމާއި، ކުޅިވަރުގެ ތަޢުލީމާއި، ކޯޗިންގ ޕްރޮގުރާމުތަކާއި، ކުޅިވަރުގެ ފަންނީ ތަޖުރިބާކާރުން އިތުރުކުރުމުގެ ފުރުސަތުތައް ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމުގެ މުހިންމު ދާއިރާތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ރާއްޖޭގައި ކުޅިވަރު ދިގުމުއްދަތަކަށް ކުރިއެރުވުމާއި، އެކަމަށް އެހީތެރިވެދޭނެ ހަރުދަނާ ގުޅުންތައް އުފެއްދުމަށްވެސް މަޝްވަރާތައް ކުރެއްވިއެވެ.
މި ބައްދަލުވުމުގެ ސަބަބުން ކުޅިވަރުގެ ތެރެއިން ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން ދެމެހެއްޓުމާއި، ދެ ގައުމުގެ އެތުލީޓުންނާއި ކުޅިވަރުގެ ތަޖުރިބާކާރުން އަދި ޒުވާނުންނަށް ފައިދާހުރި އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.