ENGLISH

15 މޭ 2026

Advertisement

މޫސުން ގޯސްވެ، އެއްގަމު އުޅަނދުތައް ދުއްވާއިރުވެސް ސަމާލުވުމަށް ފުލުހުން އެދިއްޖެ

14 މޭ 2026

|

އާމިނަތު ނުޒްލާ

ވިއްސާރަ ދުވަސްވަރު ދުއްވާ އެއްޗިސްވެސް ސަމާލުވުމަށް އެދުން-- ފޮޓޯ: ޕީއެސްއެމް

މި ދުވަސްވަރު މޫސުން ގޯސްވެ ވާރޭވެހެމުންދާތީ، އެއްގަމު އުޅަނދު ދުއްވާއިރު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވާރޭ ވެހޭ ވަގުތުތަކުގައި އުޅަނދު ދުއްވާއިރު މައިގަނޑު ހަ ކަމަކަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.

ފުލުހުން ސަމާލުކަން ދިނުމަށް އެދިފައިވާ ކަންތައްތައް:

  • ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި އުޅަނދު ދުއްވުން
  • ވިއްސާރައިގައި ދުއްވާއިރު ހެޑްލައިޓު ދިއްލައިގެން ދުއްވުން
  • ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓު ބޭނުންކުރުން
  • ސައިކަލު ދުއްވާއިރު ކުޑަ ބޭނުން ނުކުރުން
  • ބުރުގާ އަޅާ މީހުން ވަޔާ އެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމަށް ސަމާލުކަން ދިނުންަ
  • މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުން

މަގުމަތީ ދުއްވާ ފަރާތްތަކުގެ އިތުރުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވެ އެވެ. 

އެގޮތުން ކަނޑުދަތުރަށް ނިކުންނައިރު އަންގަންވާ ފަރާތްތަކަށް އެންގުމަށްފަހު ނޫނީ ދަތުރަށް ނުފުރުމަށް އިލްތިމާސްކުރައްވާފައިވެ އެވެ. އަދި ދަތުރުކުރާ އުޅަނދުތަކުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށްވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ. މީގެއިތުރުން މުދާ އުފުލާ އުޅަނދުތަކުން، މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، ރޭގަނޑު ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވަނީ އިލްތިމާސްކޮށްފަ އެވެ. 

އެމްއެންޑީއެފުން ވަނީ ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސްގެ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިރުޝާދުދެއްވާފަ އެވެ. އެގޮތުން މެޓުން ނެރޭ މޫސުމީ ސަމާލުތަކުގެ މަޢުލޫމާތު ހޯދައި، އެކަމަށް ސަމާލުވާންވެސް ވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު