ENGLISH
26 މޭ 2026
އުމުރުން 18 އަހަރުގައި ޤާނޫނީ ޑިގްރީ ހާސިލްކޮށް ކުރިމަގުގެ އުއްމީދު ކުރަހާލައިފި
14 މޭ 2026
|
18 އަހަރުގައި ފުރަތަމަ ޑިގްރީ ހާސިލްކުރި ޖިމީ ޗިލިމިގްރާސް-- ފޮޓޯ: ޕީޕަލް.ކޮމް
އެންމެ މަޤްބޫލު
އުމުރުން އެންމެ 18 އަހަރުގައި މިސިސިޕީއަށް ނިސްބަތްވާ ޒުވާނަކު ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފި އެވެ.
ލޮޔޯލާ ޔުނިވަރސިޓީ ނިއު އޯލިއަންސްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ޖިމީ ޗިލިމިގްރާސް އެ ޔުނިވަރސިޓީގެ ލޯ ސުކޫލުން އެންމެ މަތީ ދަރަޖައިގައި ވަނީ ދަސްވެނިވެފަ އެވެ. އޭނާ އެ ޔުނިވަރސިޓީގައި ކިޔަވަން ފެށީ އުމުރުން އެންމެ 15 އަހަރުގަ އެވެ.
ޤާނޫނީ ދާއިރާގެ ފަސް ރޮނގަކުން ޚާއްޞަ ސެޓްފިކެޓްތަކެއް ޖިމީ ހާސިލްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޓެކްސް ލޯ، ސޯޝަލް ޖަސްޓިސް، އިމިގްރޭޝަން އެންޑް ސިޓިޒަންޝިޕް ލޯ، އިންޓަރނޭޝަނަލް ލީގަލް ސްޓަޑީޒްގެ އިތުރުން ޓެކްނޮލޮޖީ އެންޑް އެންޓްރަޕްރިނިއަރޝިޕް ހިމެނޭ އެކަމަށް އެޔުނިވަރސިޓީން ބުނެފައިވެ އެވެ.
18 އަހަރުގައި ފުރަތަމަ ޑިގްރީ ހާސިލްކުރި، ޖިމީ ޗިލިމިގްރާސް ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ގާޑިއަން
ދަ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ލޮޔޯލާ ޔުނިވަރސިޓީގެ ތާރީޚުގައިވެސް މިހާތަނަށް މީހަކު ހޯދާފައި ނުވާފަދަ ބޮޑު ކާމިޔާބީއެކެވެ. އަދި ޖިމީ އަކީ އެ ޔުނިވަރސިޓީގެ ތާރީޚުގައިވެސް ލޯ ސުކޫލުން ދަސްވެނިވި އެންމެ ހަގު ދަރިވަރު ކަމަށް އެ މުއައްސަސާއިން ފާހަގަކޮށްފައިވެ އެވެ.
ޖިމީ ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ މިކާމިޔާބީގެ ސިއްރަކީ އޭނާ ކުރި ބުރަ މަސައްކަތް ކަމަށެވެ. އެގޮތުން އޭނާއަށް ކިޔެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ހިތްވަރާއެކު ގަދައަޅާ މަސައްކަތް ކުރާ ކޮންމެ މީހަމަކަށްވެސް ކާމިޔާބު ހާސިލުކުރެވޭނެ ކަމެއް ކަމަށް ޖިމީ ބުންޏެވެ.
މިއީ ޖިމީ ހާސިލްކުރި ފާހަގަކޮށްލެވޭ ފުރަތަމަ ކާމިޔާބީއެއް ނޫނެވެ. އޭނާ ވަނީ އުމުރުން 12 އަހަރުގައި ސާނަވީ ތައުލީމު ނިންމައި، 15 އަހަރުގައި އެކައުންޓިންގ ދާއިރާއިން ބެޗްލާސް އަދި މާސްޓާސް ޑިގްރީ ހާސިލްކޮށްފަ އެވެ. މީގެއިތުރުން، އޭނާއަކީ ދުނިޔޭގެ އެންމެ ހަގު ސެޓިފައިޑް ޕަބްލިކް އެކައުންޓެންޓުންގެ (ސީ.ޕީ.އޭ) ތެރޭގައި ހިމެނޭ މީހެކެވެ.
ޖިމީ މި ކާމިޔާބީ ހާސިލްކުރީ ހަމައެކަނި ދަސްވެނިވުމަކުން ނޫނެވެ. އޭނާ ދަސްވެނިވީ މުޅި ކުލާހުގެ އެންމެ މަތީ ދެ އިންސައްތައިގެ ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ. އަދި އޭނާ ކިޔެވި މާއްދާތަކުގެ 40 އިންސައްތައަށްވުރެ ގިނަ މާއްދާއިން އެންމެ މަތީ މާކްސް ހޯދާފައިވާކަން ޔުނިވަރސިޓީން ފާހަގަކޮށްފައިވެ އެވެ.
ޖިމީއަކީ އެންމެ ހަގު އުމުރުގައި ލޯ ސުކޫލް ނިންމި އެކަކު ކަމުގައި ވީނަމަވެސް، އޭނާއަކީ އެންމެ ހަގު މީހާއެއް ނޫނެވެ. އެ ޝަރަފު އޮތީ އުމުރުން 16 އަހަރުގައި ޔުނިވަރސިޓީ އޮފް މިއާމީން ޤާނޫނީ ދާއިރާގެ ސެޓްފިކެޓް ހާސިލްކުރި ސްޓީވަން ބަކަސްގެ އަތުގަ އެވެ.
ލޮސް އެންޖެލިސް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޓީވަން ވަނީ އޭނާގެ ތައުލީމު ނިންމުމަށް ފަހު، އޭގެ އަހަރެއް ފަހުން ރަސްމީކޮށް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފަ އެވެ. ސްވީޓަންއާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ، އޭނާ އެންމެ އުފާވާ ކަމަކީ، މީހަކު އޭނާއަކީ ވަކީލެއްތޯ އެހުމުން 'އާނއެކޭ' ބުނެވޭތީ ކަމަށް އޭނާ ބުނެފައިވެ އެވެ.
ޖިމީގެ މުސްތަގްބަލް ކުރިއަށް ރާވާފައިވާ ގޮތާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރުމުން، އޭނާ ބުނީ މި ހޫނު މޫސުމުގައި ބާ އެގްޒާމް ހެދުމަށްފަހު، ޝިކާގޯގެ ނޯތުވެސްޓަން ޔުނިވަރސިޓީގައި ޓެކްސް ލޯއިން އިތުރަށް ކިޔެވުމަށް ގަސްދުކުރާ ކަމަށެވެ.
ޖިމީގެ މައިންބަފައިން ކަމަށްވާ ޖޯން އަދި އެރިން ބުނިގޮތުގައި، ދަރިފުޅުގެ މި ބޮޑު ކާމިޔާބީއާމެދު އެމީހުން ވަރަށް ބޮޑަށް ފަޚުރުވެރިވެ އެވެ. އެގޮތުން ޖިމީ ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބި، ޖިމީ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށްވާތަން ފެނުމުން ވަރަށް އުފާވާކަމަށް ޖިމީގެ މަންމަ ބުންޏެވެ.
ކޮންމެ ކަމެއްވެސް ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްފި ނަމަ އެކަމެއް ހާސިލްވާނެ ކަން ޖިމީ މިވަނީ ދުނިޔެއަށް ދައްކައިދީފަ އެވެ.