ENGLISH

15 މޭ 2026

Advertisement

ފުޓްސަލްގެ ޙަޤީޤީ މަޤާމަށް ގެންގޮސްދިނުމަކީ އެފްއޭއެމުން ވަރަށް އިސްކަންދޭ ކަމެއް: ޒަރީރު

14 މޭ 2026

|

މުޙައްމަދު އަދުހަމް

މިދިޔަ މާރިޗް މަހުގައި ބޭއްވި އެފްއޭއެމްގެ އޯޑިނަރީ ކޮންގްރެސްގައި ޖެނެރަލް ސެކްރެޓަރީ ޒަރީރު ވާހަކަ ދައްކަވަނީ. ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ގިނަ ބަޔަކު ކުޅެމުން އަންނަ ފުޓްސަލްގެ ޙަޤީޤީ މަޤާމަށް އެ ކުޅިވަރު ގެންގޮސްދިނުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "އިތުރުގަޑި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޒަރީރު ވިދާޅުވީ، މިދިޔަ އަހަރުގެ ޖުލައި މަހުގައި އެފްއޭއެމްގެ މިހާރުގެ އެކްސްކޯ އިންތިޚާބުވެ، ފުޓްބޯޅަ އާއި ފުޓްސަލްގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ޒިންމާ އެޅުނު ހިސާބުން ފުޓްބޯޅަ އާއެކީގަ ފުޓްސަލް އަށް ވެސް އިސްކަމެއް ދިނުމަކީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤުގެ އިތުރުން އެކްސްކޯގެ ވެސް މުހިއްމު ވިސްނުމެއް ކަމަށެވެ.

"ފުޓްސަލް އަށް ދޭންޖެހޭ ހައިސިއްޔަތު ނޫނީ ފުޓްސަލް އޮންނަންޖެހޭ ލެވެލްއަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ އެކްސްކޯގެ ވަރަށް ބޮޑު ވިސްނުމެއް،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ފުޓްސަލް މުބާރާތްތައް ބާއްވާ ވަރަށް ގިނަ ފަރާތްތައް ރާއްޖޭގައި އެބަތިބި ކަމަށާއި، އޭގެތެރެއިން އެންމެ ފުރަތަމަ ވެސް އަންނާނެ އެއްފަރާތަކީ ކްލަބް މޯލްޑިވްސް ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ކްލަބް މޯލްޑިވްސް

އެހެންކަމުން، އެފްއޭއެމުން ސީދާ ފުޓްސަލް މުބާރާތްތަކެއް ބާއްވަން ފަށައިފި ކަމުގައިވާނަމަ މިހާރު އެފަދަ މުބާރާތްތައް ބާއްވަމުން އަންނަ ފަރާތްތަކަށް އެކަމުގެ ސަބަބުން ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ކުރިމަތިވެދާނެތީވެ، އެންމެ ރަނގަޅު ގޮތަކީ އެފަދަ ފަރާތަކަށް ޓެކްނިކަލީ ލިބިފައިވާ ޤާބިލުކަން ބޭނުންކޮށްގެން، ގުޅިގެން އެކަމުގައި ކުރިއަށްދިއުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

އެފްއޭއެމުން މިފަދަ ފުޓްސަލް މުބާރާތްތަކެއް ބާއްވަން ބޭނުންވާނަމަ ކޮމްޕެޓިޝަން ޑިޕާޓްމަންޓަށް އިތުރު މީހުން ހޯދައިގެން މެނުވީ އެކަން ކުރެވޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، މިފަދަ މުބާރާތެއް ބޭއްވި ކަމުގައިވިޔަސް އޭގެ ސަބަބުން އެހެން ބަޔަކަށް މާބޮޑު އިމްޕެކްޓެއް އަންނަން ބޭނުންނުވާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ، ކްލަބް މޯލްޑިވްސްއާ ގުޅިގެން އެފްއޭއެމުން ކުރިއަށްދާން ނިންމީ ވެސް އެ ސަބަބާހުރެ ކަމަށެވެ. އެގޮތުން، އެފްއޭއެމުން ކްލަބް މޯލްޑިވްސް އާއެކު ކުރިއަށްގެންދިޔަ ހުރިހާ މަޝްވަރާތައް ދިޔައީ ވަރަށް ޕޮޒިޓިވްކޮށް ކަމަށް ވެސް ޒަރީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، މުޅި ރާއްޖެ އަށް ފުޓްސަލް ފުޅާވެގެން ގޮސް، އެފްއޭއެމްގެ ދަށުން ޕްރިމިއަމް ފުޓްސަލް ލީގެއް ފެށިގެން އައުން،" ޒަރީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން އުފާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ޒަރީރު ވިދާޅުވީ، މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ފުޓްސަލް ޤައުމީ ޓީމެއް ރާއްޖޭން ބޭރުގައި މުބާރާތްތަކުގައި ޤައުމު ތަމްސީލުކުރަމުންއައި ނަމަވެސް އެ ކުޅުންތެރިންނަށް ދޭން ޖެހޭ ޙަޤީޤީ މަޤާމު ނުދެވި، ބަލައިގަނެފައިނުވާ ކަމަށެވެ. އެހެން އެކަންވާން މެދުވެރިވީ އެއް ސަބަބަކީ، މިހާތަނަށްއައިއިރު ޤައުމީ ލެވެލްގައި އެފްއޭއެމުން އެންޑޯސްކުރާ މުބާރާތެއް ނެތުން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޤައުމީ ލެވެލްގަ ފުޓްސަލް މުބާރާތެއް ބާއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޒަރީރު ވިދާޅުވީ، އެކަން ކުރެވޭނީ އެފަދަ މުބާރާތެއް ބޭއްވުމުގެ ތަޖުރިބާ ލިބިފައިވާ ޓެކްނިކަލީ އެކަން ކުރުމުގެ ޤާބިލްކަން ހުރި ބައެއްގެ ސަޕޯޓާއެކު ކުރިއަށްދިއުމުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ކްލަބް މޯލްޑިވްސް އާއެކު އެންޑޯސްމަންޓަކަށް ދިޔައީ އެ ސަބަބާހުރެ ކަމަށް ޒަރީރު ތަކުރާރުކުރެއްވެވިއެވެ.

ދާދިފަހުން އެފްއޭއެމުން ވަނީ ކްލަބް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ކްލަބް މޯލްޑިވްސް އިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތަކީ އެފްއޭއެމުން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.

މީގެއިތުރުން، އެފްއޭއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ނިންމާފައިވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އިއްޔެ ހުޅުވާލާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ؛ އަތޮޅު، ޒޯން އަދި ރީޖަން ލެވެލްގެ އިތުރުން، ޤައުމީ ފުޓްސަލް މުބާރާތުގެ ހައިސިއްޔަތު ދީފައިވާ "އެފްއޭއެމް ނޭޝަނަލް ފުޓްސަލް ޗެމްޕިއަންޝިޕް 2026" އެވެ. މީގެތެރެއިން، ފުރަތަމަ މުބާރާތް ކަމަށްވާ، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް" ގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ ޖޫން މަހުގެ 14 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު