ENGLISH

26 މޭ 2026

Advertisement

މީހުން މެރުމަށް ޗެޓްޖީޕީއިން އެހީތެރިވިކަމަށް ބުނެ، އޯޕަން އޭއައިއާ ދެކޮޅަށް ދައުވާކުރަނީ

13 މޭ 2026

|

އާމިނަތު ނުޒްލާ

އޯކް ކޭމްބެލް ސްޓޭޑިއަމް ސަރަހައްދަށް މީހުން ޖަމާވެފައި-- ފޮޓޯ: ޕީޕަލް.ކޮމް

ފްލޮރިޑާ ސްޓޭޓް ޔުނިވަރސިޓީ (އެފް.އެސް.ޔޫ) ގައި މިދިޔަ އަހަރު ހިނގި ބަޑިޖެހުމުގެ ހާދިސާގައި މަރުވި މީހެއްގެ އަނބިމީހާ، އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި އޯޕަންއޭއައި އާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ. މި ދައުވާގައި އޭނާ ބުނެފައިވަނީ އެ ހާދިސާ ހިންގި ފީނިކްސް އިކްނަރ، އެ ހަމަލާ ރޭވުމުގައި ޗެޓްޖީޕީޓީ ގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު އެފް.އެސް.ޔޫ ގެ ސްޓޫޑެންޓް ޔޫނިއަން ކައިރީގައި ދިން މި ހަމަލާގައި ތިރޫ ޗައްބާ އަދި ރޮބަޓް މޮރާލެސް ނަމަކަށް ކިޔާ ދެމީހުން މަރުވި އެވެ. މި ހާދިސާގައި މަރުވި ޗައްބާގެ އަނބިމީހާ ވަންދަނާ ޖޯޝީ ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، ހަމަލާ ދިން އިކްނަރ މަސްތަކެއް ވަންދެން ޗެޓްޖީޕީޓީއާ ވާހަކަދައްކައި، ހަމަލާ ދޭނެ ގޮތާއި ހަތިޔާރު ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ހޯދާފައިވާ ކަމަށެވެ.

ކޯޓަށް ހުށަހެޅި އިތުރު ލިޔުންތަކަށް ބަލާއިރު އޭގައި ބުނެފައިވަނީ، ކުޑަކުދިންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމުން މުޅި ޤައުމުގެ ސަމާލުކަން ލިބޭނެ ކަމަށެވެ، ޗެޓްޖީޕީޓީން މިފަދައިން އިންކަރ ގާތު ތަކުރާރުކޮށް ބުނެފައިވާ ކަމަށެވެ. އިތުރަށް ޗެޓްޖީޓީޕީން ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޔުނިވަރސިޓީގެ ކެންޓީން އެންމެ ބާރުބޮޑުވާ ގަޑިތަކަކީ ހެނދުނު 11:30 އާއި މެންދުރުފަހު 1:30 އާ ދެމެދު ކަމަށްވެސް ބޮޓުން މަޢުލޫމާތު ދީފައިވެ އެވެ. އިކްނަރ ބަޑިޖަހަން ފަށާފައިވަނީ އެދުވަހުގެ މެންދުރު 11:57 ގަ އެވެ.

ބަޑީގެ ހަމަލާދިން ފީނިކްސް އިކްނަރ-- ފޮޓޯ: ޕީޕަލް.ކޮމް

މީގެ އިތުރުން، ހިޓްލަރާއި ނާޒީ ފިކުރާ ބެހޭގޮތުންނާއި، ޔަހޫދީންނާއި ކަޅު ނަސްލުގެ މީހުންނާ މެދު އޮންނަ ނަފުރަތާ ބެހޭގޮތުން އިކްނަރ ޗެޓްޖީޕީޓީއާ މަސްތަކެއް ވަންދެން މަޝްވަރާކޮށްފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވެ އެވެ. އަދި އޭނާ ބޭނުންކުރި ބަޑީގެ ފޮޓޯ ޗެޓްޖީޕީޓީއަށް ފޮނުވުމުން، އެ ބަޑި ބޭނުންކުރާނެ ގޮތުގެ އިރުޝާދުވެސް ދީފައިވާ ކަމަށް މި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ.

ނަމަވެސް އޯޕަންއޭއައި އިން މި ތުހުމަތުތައް ވަނީ ދޮގުކޮށްފަ އެވެ. އެ ކުންފުނީގެ ތަރުޖަމާނު ޑްރޫ ޕުސަޓޭރީ ބުނެފައިވަނީ، އެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް ކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް އޭގެ ޒިންމާ ޗެޓްޖީޕީޓީން އުފުލަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ޗެޓްޖީޕީޓީން ދީފައިވަނީ އިންޓަރނެޓުން އާންމުކޮށް ލިބެން ހުރި މަޢުލޫމާތުތައް ކަމަށާއި، އެއްވެސް ޣައިރުޤާނޫނީ ކަމަކަށް ބޮޓުން ހިތްވަރު ދީފައި ނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ފްލޮރިޑާގެ އެޓަރނީ ޖެނެރަލް ޖޭމްސް އުތުމަޔަރ ވަނީ އިކްނަރގެ ޗެޓް ލޮގްތައް ބަލައި ޗެކް ކުރެއްވުމަށްފަހު، އޯޕަންއޭއައި އާ ދެކޮޅަށް ޖިނާއީ ތަޙުޤީޤެއް ފަށާފަ އެވެ. މި ހަމަލާގައި މަރުވި ދެމީހުންގެ އިތުރުން ފަސް މީހަކު ޒަޚަމްވި އެވެ. އަދި ހަމަލާ ދިން އިކްނަރ ވަނީ ފުލުހުން ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވެފަ އެވެ.

އުމުރުން 21 އަހަރުގެ އިކްނަރ މިހާރު ހުރީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އޭނާ ވަނީ މީހުން މެރުމުގެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މި މައްސަލައިގެ ޝަރީޢަތް މިއަހަރު ފަހުކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ އޭއައި ޓެކްނޮލޮޖީގެ ސަބަބުން ނުރައްކާތެރި ޖަރީމާތަކަށް މަގުފަހިވާ ކަމަށް ބުނެ ކުންފުނިތަކާ ދެކޮޅަށް އުފުލޭ ދައުވާތަކުގެ ތެރެއިން އެއް މައްސަލައެވެ.

ޓެކްނޮލޮޖީގެ ސަބަބުން ލިބޭ ފައިދާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކުންވެސް ނަސޭހަތްތެރިވެ އެވެ. އެހެންނަމަވެސް ހިތާމައަކީ، އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބަނުން މުޅި މުޖުތަމައަށް އޭގެ ނުރައްކާތައް ކުރިމަތިވަމުން އަންނަ ކަމަވެ. ވައްކަން ކުރުމާއި، މީހުންގެ އަބުރަށް އަރައިގަތުމުގެ އިތުރުންވެސް ތަފާތު އެތަށް ގޯސް ކަމެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. ކޮންމެ މީހަކުވެސް ވާންވީ ޓެކްނޮލޮޖީ ރަނގަޅު ގޮތުގައި ބޭނުންކޮށް، އެހެންމީހުނަށް އެ ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް ނަސޭހަތްތެރިވާ މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު