ENGLISH

15 މޭ 2026

Advertisement

ބިލީ ޖީން ކިންގް ކަޕް ޖޫނިއަރސް: އިންޑިއާ އަތުން ބަލިވި ނަމަވެސް، ޑަބަލްސް މެޗު ރާއްޖެއަށް

12 މޭ 2026

|

އިސްމާއިލް ޝާހު

ބިލީ ޖީން ކިންގް ކަޕް ޖޫނިއަރސްގެ ފައިނަލް ކޮލިފައިންގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ޓީމު --- ފޮޓޯ: ޓެނިސް އެސޯސިއޭޝަން

ކަޒަކިސްތާނުގެ ޝިމްކެންޓުގައި މިހާރު ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޖޫނިއަރސްގެ ފައިނަލް ކޮލިފައިންގައި އޭޝިއާގެ ގަދަބާރެއް ކަމަށްވާ އިންޑިއާ އަތުން ރާއްޖޭގެ 16 އަހަރުން ދަށުގެ ޓެނިސް ޓީމު ބަލިވި ނަމަވެސް، ޑަބަލްސް މެޗު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ރާއްޖޭގެ އުންމީދީ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް އިއްޔެ ނުކުތްއިރު، ޑަބަލްސް މެޗު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ ޓީމުން މި މެޗު ކާމިޔާބުކުރީ 7-6، 3-6 އަދި 11-9 އިންނެވެ.

އެކަމަކު ސިންގަލްސް ދެ މެޗުވެސް އިންޑިއާއިން ކާމިޔާބުކުރުމާ ގުޅިގެން، ޓައި ބްރޭކުގައި ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސިންގަލްސް މެޗު ސީދާ ދެ ސެޓުން އިންޑިއާއިން ގެންދިޔައިރު، ސެޓުތައް ދިޔައީ 6-1 އަދި 6-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސިންގަލްސް މެޗުވެސް ސީދާ ދެ ސެޓުން އިންޑިއާއިން ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ދިޔައީ 6-1 އަދި 6-1 ގެ ނަތީޖާއަކުންނެވެ.

ބިލީ ޖީން ކިންގް ކަޕް ޖޫނިއަރސްގެ ފައިނަލް ކޮލިފައިންގައި ރާއްޖެއިން ވާދަކުރަމުން އަންނައިރު، މިއީ ރާއްޖޭގެ ޖޫނިއަރ ޓީމަކުން ބިލީ ޖީން ކިންގް ކަޕުގެ އޭޝިއާ/އޯޝޭނިއާ ގްރޫޕުގެ ފައިނަލް ކޮލިފިކޭޝަނަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރާއްޖެއިން މި ފުރުސަތު ހޯދީ މިދިޔަ މަހު ސްރީ ލަންކާގައި އޮތް ޕްރީ-ކޮލިފިކޭޝަނުގެ ތިންވަނަ މަގާމު ހާސިލުކޮށްގެންނެވެ.

މި މަހުގެ 11 އިން 16 އަށް ކުރިއަށްދާ ބިލީ ޖީން ކިންގް ކަޕް ޖޫނިއަރސްގެ ފައިނަލް ކޮލިފައިންގައި ރާއްޖެ ތަމްސީލުކުރަނީ މަންހާ މުޙައްމަދު، އައިޝަތު ކަރިން ސައިޒާން އަދި ކިޔާރާ އުސާމާ ޢަލީއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިއާ، ޗައިނާ އަދި އިންޑޮނޭޝިއާއާއެކު ވަރުގަދަ ގްރޫޕެއްގައެވެ. ރާއްޖޭގެ ޓީމުން ދެން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު