ENGLISH
12 މޭ 2026
ގޯއްޗާއި ފްލެޓަށް އެދި 20،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި
12 މޭ 2026
|
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ހުށަނާޅައި ޕެންޑިންގައިވެސް 17،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އެބަހުރި ކަމަށެވެ.
"ޑްރާފްޓްގައި ހުރި އެޕްލިކޭޝަންތަކެއް ލިބުނީމަ ޖުމްލަ 37،000 އެޕްލިކޭޝަން ލިބޭނެ. މިފަހަރުގެ ޕްރޮގްރާމުގައި މި ލިބެނީ ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމެއް ނޫނީ ބިމެއް ނެތް ކަމަށްވާ ނަމަ. އެގޮތަށް ކޮންޓްރޯލްކޮށްގެން ކުރިއަށް ގެންދާއިރުވެސް މިހާ ބައިވަރު އެޕްލިކޭޝަންތައް ލިބުން ދޭހަކޮށްދެނީ އެކަމަށް ބޭނުންވެފައިވާ ފަރާތްތައް ގިނަކަން. ދެން އެކި ކެޓަގަރީތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ބަލާފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ،". ވަޒީރު ވިދާޅުވި އެވެ.
ދެހާސް އަށަކުން ފެށިގެން ވޭތުވެދިޔަ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗައިނާގެ އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން 1000 ފްލެޓް އަދި ޓާޓާއިން މާލޭގައި އިމާރާތްކުރި ފްލެޓްތަކާއި ކޮރަލް ވިލް ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮޖްކްޓުގައި ހިމެނޭ 180 ފްލެޓުގެ މަސައްކަތް އެ ދައުރުގެ ތެރޭގައި ފެށިފައިވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު 10،000 އަށް ވުރެ ގިނަ ފްލެޓްތަކުގެ މަސައްކަތް ފެށިކަމަށް ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ 407 ފްލެޓު (ޕިންކް ފްލެޓު) އާއި، ހިޔާ މަޝްރޫޢުގެ 7000 ފްލެޓާއި، ވިނަރެސްގެ 1344 ފްލެޓާއި، އެސްއޯއީތަކުން އެޅި 1000 އަށް ވުރެ ގިނަ ފްލެޓެވެ. އެއީ ދައުރެއްގެ ތެރޭގައި އެންމެ ގިނަ ފްލެޓު އެޅުނު ފަހަރުކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިދިޔަ ސަރުކާރުން 4000 ފްލެޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަކަމަށް ވިދާޅުވި އެވެ.
މި ސަރުކާރުން މާލޭ ސަރަހައްދުގައި 3،260 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން 540 ހައުސިން ޔުނިޓަށް ފަންޑުކުރުމާއި އިންޓްރެސްޓް ފްރީ ލޯނެއްގެ ތެރެއިން 500 ޔުނިޓް އެޅުމާއި، ސައުދީ ފަންޑުގެ އެހީގައި 400 ފްލެޓު އެޅުމާއި، އިންޑިއާގެ އެލްއޯސީގެ ދަށުން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމަށް ކުރަންޖެހޭ ކަންކަން ފައިނަލްވެފައިވާކަން ވަޒީރު ހާމަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ ހިލޭ ބިންދީގެންނާއި އިންސެންޓިވްސްތައް ދީގެން ކޮންޓްރޯލް އަގެއްގައި ބޯހިޔާވަހިކަން ގަނެވޭ ގޮތަށް ހިންގާ މަޝްރޫއަށް ހުޅުވާލުމުން ދިވެހި ކުންފުނިތަކަކުން ކުރިމަތިލާފައިވާކަމަށެވެ. އަދި ދެހާސް ފްލެޓު އެޅުމަށް ހުޅުވާލި އެ މަޝްރޫއާއެކު ކުރިއަށްދިއުމާ މެދު އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވާފައިވާކަމަށާއި މީގެއިތުރު 1000 ފްލެޓު އެޅުމަށްވެސް މަޝްވަރާތަކެއް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.