ENGLISH

12 މޭ 2026

Advertisement

ހިތްޕުޅާނުވުމުން ނިޒާމު "ރޫޅައިލެއްވުން"؛ ރައީސް ނަޝީދުގެ އާދައެއް

12 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސް މުހައްމަދު ނަޝީދު

ގާނޫނުއަސާސީއެއްގައި ލިޔެވިގެން ތަރުތީބުވެގެން ހިނގާ ނިޒާމުތަކެއްގެ މައްޗަަށް ބިނާވެފައި އޮންނަ ދައުލަތެއް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓައިދީ އެއްބައި އަނެއް ބަޔާ ގުޅުވައިދެނީ ގާނޫނުގެ ވެރިކަން ނުވަތަ ގާނޫނީ ހުކޫމާތުގެ މަފުހޫމެވެ. "ރޫލް އޮފް ލޯ"ގެ މުރާދަކީ އެންމެންމެ ގާނޫނަށް ތަބާވުމެވެ. އެ މަފުހޫމު ތަންފީޒުކުރުމުގެ އެންމެ މުހިއްމު އަސާސަކީ ގާނޫނު މާނަކުރުމާއި، ވަކިވަކި މައްސަލަތަކަށް ތަތުބީގުކުރުމުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމުކޮށް ތަބާވުމެވެ. 

އިހުތިރާމުކުރުމުގެ މުރާދަކީ އެއްވެސް ހާލެއްގައި އެ ނިންމުންތަކަށް ފާޑުނުކިޔުމެއް ނޫނެވެ. ނިންމުމެއް ތަންފީޒުކުރަމުން އަދި އެއަށް ތަބާވުމާއެކުވެސް އެ ނިންމުމެއް ގޯސްކަމަށް ފެންނަމަ ފާޑުކިޔޭނެއެވެ. އަދި ކޯޓުތަކުގެ ނިންމުމެއް ގޯސްކަމަށް ގަބޫލުކުރެވޭނަމަ އެކަމުގައި ފަރުވާ އޮތީ ކޯޓުތަކުގެ ނިޒާމުގައެވެ. އެއީ އިސްތިއުނާފީ މަރުހަލާތަކުގެ ތެރެއިން އެ ނިންމުމެއް ބަދަލުކުރުމާއި ބާތިލުކުރުމެވެ. 

މިދެންނެވި ނިޒާމު މިހެން އޮއްވަައި އަދަދު ނޫހުން ނެރުނު ވީޑިޔޯއެއް އާއްމުކޮށް ފެތުރުމާއި، އެ ވީޑިޔޯގައި ހުރި ވާހަކަތައް ތަކުރާރުކުރުން ފަދަ ކަންކަން މަނާކޮށް ކްރިމިނަލް ކޯޓުން "ގެގް އޯޑަރ"އެއް ނުވަތަ އަނގަ ބަންދުކުރުމުގެ އަމުރެއް ނެރެފައިވެއެވެ. 

އެ އަމުރާމެދު އެކި ގޮތްގޮތަށް ވިސްނަައި އެކި މަންޒޫރުތަކުން ތަފާތު ހިޔާލުތައް ފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެ އަމުރުގެ ގާނޫނީ ބާރު ދެމިއޮތްހާ ހިނދަކު އެއަށް ތަބާވުމަކީ ލާޒިމުކަމެއްކަމާމެދު ގާނޫނީ އިލްމުވެރިންގެ މެދުގައި ބަހުސެއް ނޯންނާނެއެވެ. މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިފަދަ އަމުރުތައް ނެރެފައި އެބަހުއްޓެވެ. ދައުލަތުން ނުރުހޭ ހާލަތުގައި ނެރުނު އެ އަމުރުތަކަށް އެންމެންމެ އިހުތިރާމުކޮށް ތަބާވިއެވެ. އެއީ އެ އަމުރުތަކާމެދު ބައެއް ގާނޫނީ ވަކީލުންގެ މެދުުގައި ދެބަސްވުން އޮތުމާއެކުއެވެ. 

ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރު ބޮލައިލާޖަހައި އެ އަމުރަށް ތަބާނުވުމަށް ހިތްވަރުދެއްވައި ވާހަަކަދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި އެ އަމުރަށް ތަބާނުވުމަށް ތައްޔާރަށް ހުންެނެވިކަން ހާމަކުރައްވަމުން ނަޝީދުވަނީ އެ އަމުރަށް ތަބާނުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަަވާފައެވެ. 

ނަޝީދުގެ ސިޔާސީ ހަޔާތްޕުޅު ކައިރިން ބަލައި ދިރާސާކުރި މީހަކަށް މިއީ މާ ބޮޑު ސިހުމެއް ލިބޭނެ ކަމެއް ނޫނެވެ. އެމަނިކުފާނުގެ ސިޔާސީ އިސްތިރާޖިއްޔާއަކީ ހިތްޕުޅުހަމަޖެހިވަޑައިނުގަތުމުން ކޮންމެ ނިޒާމެއް ރޫޅައިލެއްވުމެވެ. ޖުޑީޝަރީގެ ހުރުމަތާއި، ބާރުވެރިކަން ނެގެހެއްޓެވުމަކީ އަމުދުން އެއްވެސް އިރެއްގައި އެމަނިކުފާނު އަމަލުފުޅުން ގަބޫލުކުރެއްވި ކަމެއް ނޫނެވެ. 

ސުޕްރީމް ކޯޓުގައި ތަޅުއެޅުއްވުން 

ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2008 ވަނަ އަހަރު އަމަަލުކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ދައުލަތުގެ ހިންގުން އެކުއެކީ ބަދަލުކުރުމުގެ މަރުހަލާގައެވެ. އެއީ ގާނޫނުއަަސާސީއެއްގެ ހަޔާތުގައި އަންނާނެ އެންމެ ހައްސާސް މަރުހަލާއެވެ. 

އެ މަރުހަލާގެ ކަންކަން ކުރިއަށްގެންދަންޖެހޭނެ ގޮތް ގާނޫނުއަސާސީގެ އިންތިގާލީ ބާބުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދީފައިވެއެވެ. އިންތިހާބުން އެކުލަވައިލަންޖެހޭ މުއައްސަސާތައް އިންތިހާބުކުރަންޖެހޭ ތާރީހުތަކާއި، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހަދާ މަޖިލީސް އެކީގައި މަސައްކަތްކޮށްގެން ހާސިލުކުރަންޖެހޭ ކަންކަމެވެ. އެއިން އެއްކަމަަކީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލުމެވެ. 

2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނަޝީދާއި އެމަނިކުފާނުގެ ޕާޓީއަށް ކުރިމަތިވީ ބޮޑު ނާކާމިޔާބެކެވެ. އިދިކޮޅު ޑީއާރްޕީ-ޕީއޭ އިއްތިހާދުން މަޖިލީހުގެ އަޣުލަބިއްޔަތު ކާމިޔާބުކުރީއެވެ. ނަޝީދު ހިތްޕުޅާވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލަވައިލެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގެން މަޖިލީހާއެކު މަޝްވަރާގެ މަގުން ރަނގަޅު ހައްލެއް ނުހޯއްދެވި، ގާނޫނުއަސާސީގައި ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިލަން ކަނޑައަޅާފައި އޮތް ދެ އަހަރުގެ މުހުލަތު ފާއިތުވީއެވެ. 

ސުޕްރީމް ކޯޓެއް ނެތި، ދުސްތޫރީ ހުސްކަމަކަށް ދިޔަނުދިނުމުގެ މަގުސަދުގައި އެއިރު އޮތް އިންތިގާލީ ސުޕްރީމް ކޯޓޫން އެ ކޯޓުގެ ދައުރު ދަންމައިލިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލު ހޯއްދެވެން އޮތް މި މައްސަލައަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯއްދެވުމުގެ ބަދަލުގައި ނަޝީދު އިހުތިޔާރުކުރެއްވީ "ރޫޅައިލެއްވުމެ"ވެ.  

އޯގަސްޓު 7، 2010 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ތަޅުއެޅުއްވުމަށް ރައީސް ނަޝީދު ގައުމީ ދިފާއީ ބާރަށް އެންގެވިއެވެ. ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓުގައި ތަޅުއަޅުވައި، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ބާރު ކަނޑުއްވައިލެއްވިއެވެ. 

ރައީސް ނަޝީދުގެ އެ ނިންމެވުން ވެގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގެ މަރުހަލާ ސިޔާސީވެ، އެކަށީގެންވާ މިންވަރުގެ ބަހުސްތަކާއި ދިރާސާތަކެއް ނުކުރެވި އެ ކޯޓުގެ ފުރަތަމަ ބެންޗު އެކުލަވައިލެވުނު ސަބަބަށެވެ. އަދި އެއީ ޖުޑީޝަރީގެ ހިންގުމަށް ނުފޫޒު ފޯރުވުމުގެ ސަގާފަތުގެ ފެށުމެވެ. ގާނޫނުއަސާސީ ތަސައްވުރުކުރި ގޮތާ މުޅިން ހިލާފަށް ދައުލަތުގެ ތަރުތީބުތައް ފުރޮޅޭން ފެށި ހިސާބަކީ އެއީއެވެ. 

ފަނޑިޔާރަކު ވަގަށް ނެންގެވުން 

ކްރިމިނަލް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި އެ ކޯޓުގެ އެއިރުގެ އިސްފަނޑިޔާރު ނިންމެވި ނިންމެވުމެއް ރައީސް ނަޝީދަށް ކަމުނުދިޔައެވެ. ގާޒީ އަބްދުﷲ މުހައްމަދު ޖަނަވަރީ 16، 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިން ފޮނުއްވައިގެން ހައްޔަރުކުރެއްވީ ފަނޑިޔާރުން ހައްޔަރުކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތު ގާނޫނުއަސާސީގައި ސާފު ސަރީހަކޮށް ބަޔާންކޮށްފައި އޮއްވައި އެ އުސޫލުތަކުގެ ބޭރުންނެވެ. 

އެއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު މުއިއްޒު ނެރުއްވި ބަޔާނެއްގައި ފަނޑިޔާރުން ހައްޔަރުކުރެވޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ނެރޭ އަމުރެއްގެ ދަށުން އެކަނިކަން ފާހަގަކުރެއްވިއެވެ. ފަނޑިޔާރު އަބްދުﷲ މުހައްމަދު ހައްޔަރުކުރީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅައި ފަނޑިޔާރު މިނިވަންކުރަން އަމުރުކުރިއެވެ. 

އޭގެ އިތުރަށް އެ މައްސަލާގައި ކަން ހިނގަމުންއައި ގޮތް ބަލަމުންދިޔަަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ފަނޑިޔާރު ދޫކޮށްލައި، ގާނޫނުގެ އިމުގެ ތެރެއަށް ރުޖޫއަވުމަށް ނަޝީދުގެ ސަރުކާރަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންދިޔައެވެ. 

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްއާއި ރާއްޖޭގެ ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުންތަކާއި އިލްތިމާސްތަައް ބޮލައިލާޖައްސަވައި، އެކުވެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ދެމުންދިޔަ ހެޔޮ އިރުޝާދާއި ލަފައަށްވެސް ރިއާޔަތްނުކުރައްވައި ފަނޑިޔާރު ބަންދުގައި ބަހައްޓަވައިގެން ހުންނެވީއެވެ. ދެން އެކަމުގެ ތެރެއިން އުފެދުނު އޮއިވަރުގައި ބެހިވަޑައިގެން މަންޒިލަށް މިސްރާބުނުކުރެއްވި އަތްޕުޅުން ވެރިކަމުގެ ބާރުތައްވެސް ފިރުކިގެންދިޔައީއެވެ. 

ޑިމޮކްރަސީ އެއްފަރާތްކޮށް ޕާޓީވެސް ރޫޅައިލެއްވީ 

ގާނޫނުގެ ހުކޫމަތާއި، ހެޔޮ ވެރިކަމުގެ އަސާސްތަކާއި ތިން ބާރު ވަކިވެފައި އޮތުމުގެ މަފުހޫމު ފަދަ ކަންކަމަަށް ރައީސް ނަޝީދު އަހަންމިއްޔަތުކަން ނުދެއްވިޔަސް، ޑިމޮކްރަސީގެ ބަފައިކަމަށް ދައުވާކުރައްވާތީ، އެއަށް އިހުތިރާމުކުރައްވާނެ ކަމުގައި ބެލެވުނެވެ. ޑިމޮކްރަސީގެ އަސާސީ ސިފައަކީ އަޣުލަބިއްޔަތުގެ ނިންމުމަށް އިހުތިރާމުކުރުމެވެ. 

ނަމަވެސް 2023 ވަނަ އަހަރު ފެނިގެންދިޔައީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ އުސޫލުން ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ނިންމާ ނިންމުންވެސް ސީދާ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނުނިމިއްޖެނަމަ، ނުވަތަ ބޭނުންފުޅުވި ގޮތާ ހިލާފަށް ނިމިއްޖެނަމަ އެ ނިންމުމަށްވެސް އިހުތިރާމުނުކުރައްވާނެ ބޭފުޅެއް ކަމެވެ. 

އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕާޓީއަަށްވާއިރު، 2023 ވަނަ އަހަރު އެ ޕާޓީގެ އެތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ މުސްތަގުބަލު ކަނޑައެޅުމަށް ނުހަނު މުހިއްމު އިންތިހާބެކެވެ. ނަޝީދު ވާދަކުރެއްވިއެވެ. ރައްޔިތުންގެ ތާއީދު ލިބިވަޑައިނުުގެން ނަޝީދަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބާއެވެ. ސިޔާސީ ކަންކަމުގައި އޮންނާނީ ކާމިޔާބާއި ނާކާމިޔާބެވެ. ރައްޔިތުންގެ ނިންމުމަށް އަބަދުވެސް އިހުތިރާމުކުރަންވާނެއެވެ. ނާކާމިޔާބުގައި ހިތްވަރުކޮށް ކާމިޔާބުގައި ހިތްތިރުކުރުމަކީ މޮޅު ގޮތެއްކަމަށް ވިދާޅުވަނީވެސް ނަޝީދެވެ. 

ނަމަވެސް މި އިންތިހާބުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް ނާކާމިޔާބާއެކު ނަޝީދު ކުރެއްވި ކަމަކީ ޕާޓީގެ ތެރޭގައި ތިއްބެވި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ލައްވައި ޕާޓީއެއް ހެއްދެވީއެވެ. އެ ޕާޓީ އުފެއްދުމަށްފަހުވެސް އެމްޑީޕީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ޕާޓީއާ ދެކޮޅަށް، އެ ޕާޓީގެ އާއްމު މެންބަރުން ރިޔާސީ ކެންޑިޑޭޓަކަށް އިހުތިޔާރުކުރި ބޭފުޅާއާ ދެކޮޅަށް ހަކުޅި ކުޅުއްވަނީއެވެ. 

އެންމެފަހުން ޕާޓީ ދޫކުރައްވައި ނުކުމެވަޑައިގެން އެމްޑީޕީ "ރޫޅައިލައްވާނެ" ކަމުގައި އިންޒާރުކުރެއްވީއެވެ. މިއީ އެ ޕާޓީއެއް އުފެއްދުމުގައި އެމަނިކުފާނު ނުހަނު ބޮޑު ދައުރެއް އަދާކުރެއްވި ޕާޓީއެވެ. އެ ޕާޓީގެ އާއްމު މެންބަރުންގެ ބުރަ މަސައްކަތާއި ގުރުބާނީން ރާއްޖޭގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އެ އާއްމު މެންބަރުންގެ އިތުބާރާއި ގުރުބާނީން ގާނުނު ހަދާ މަޖިލީހުގެ ރައީސްކަަމަށްވެސް ވަޑައިގެންނެވުނެވެ. ނަމަވެސް އެމަނިކުފާނު ރުުހިވަޑައިނުގަންނަވާ ނިންމުމެއް އެ އާއްމު މެންބަރުން ނިންމި ފުރަތަނަ ފަހަރުވެސް ރައީސް ނަޝީދުގެ އަމާޒަކަށްވީ ޕާޓީ ރޫޅައިލެއްވުމެވެ. 

ރައީސް ނަޝީދުގެ އަމަލުފުޅުތަކުން ފެންނަ ހަގީގަތަކީ އެމަނިކުފާނު ނަގަހައްޓަވާނެ ދަމަހައްޓަވާނެ އުސޫލެއް ނެތްކަމެވެ. ތިން ބާރު ވަކިވުމާއި، ގާނޫނުގެ ހުކޫމަތު ނެގެހެއްޓުމާއި، ގާނޫނުއަސާސީއަށް ތަބާވުމާއި، ޑިމޮކްރަސީއާއި ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމުކުރުންކަމަށްވީ ނަމަވެސް، އެއިން އެއްވެސް ކަމެއް އެމަނިކުފާނުގެ އަމިއްލަފުޅު މަސްލަހަތަށްވުރެ އިސްނުކުރައްވާނެ ކަމެވެ. ކޯޓުތަކުގެ ހުރުމަތް ކަނޑައި، ގާނޫނުތަކުގެ ބާރުވެރިކަން އެކީ ނެތިކޮށްލުމަށް ހިތްވަރުދެއްވަނީ, އެއީ މިވަގުތު އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ މޮޅު ގޮތްކަމަށް ވިސްނިވަޑައިގަންނަވާތީއެވެ. 

ނަމަވެސް، ގައުމާމެދު ފުންކޮށް ވިސްނާ މީހުން މިއަދު ގިނައެވެ. ނަޝީދާއި އެމަނިކުފާނު ފަދަ އެހެން ބޭފުޅުން އުފައްދާ މިޒާތުގެ ފައުޟާ (ކޭއޮސް)އިން ގައުމަށާއި ރައްޔިތުންނަށް ލިބެނީ ގެއްލުންކަމާއި، އެ ގެއްލުންތަކުގެ ނޭދެވޭ އަސަރު އެތައް އަހަރަކަށް ދެމިގެންދާކަމާއި، މުޅި ނިޒާމުގެ ނަޒާހަތްތެރިކަމާއި އިތުބާރު ބިނާވަނީ، އެ ނިޒާމު ހިނގަހިނގައި އޮތުމުގެ މައްޗަށްކަން ގިނަ ދިވެހިން ގަބޫލުކުރާނެއެވެ. މިއަދު ގާނޫނުގެ ވެރިކަން ފުނޑުވެއްޖެނަމަ އެކަމުގެ ބޮޑު ގެއްލުން ތަހައްމަލުކުރާނީ އާއްމު ދިވެހިންކަން އެ ރައްޔިތުން ރަނގަޅަށް ދަންނާނެއެވެ. ނަޝީދުގެ ދައުވަތަށް އެމަނިކުފާނުގެ ފަހަތްޕުޅުން ނުކުމެ ގާނޫނުތައް މުގުރައިލަން މިއަދު ދިވެހިން ބޭނުމެއް ނުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު